އެމެރިކާގެ ޓީމުގެ ފޯވާޑް ފޮލާރިން ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި އޮޓޮމެޓިކް ސަސްޕެންޝަން ފީފާއިން އުވާލައި، ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ދިނުމާއެކު، ފީފާ ވަނީ ވޯލްޑް ކަޕް މުބާރާތް ބޮޑު ހަލަބޮލިކަމެއްގެ މެދަށް ވައްޓާފައެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި، މި މައްސަލަ މުރާޖައާ ކުރުމަށް ޕްރެޝަރު ކުރެއްވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވެ ވަޑައިގެން ފީފާގެ ރައީސްއަށް ތިން ފަހަރު ގުޅުއްވިއެވެ. ނަތީޖާއެއްގެ ގޮތުން ފީފާއިން ވަނީ ބަލޯގަންއަށް އައި އެއް މެޗުގެ ސަސްޕެންޝަން ބާތިލްކޮށްފައެވެ. މިއާއެކު ހޯމަ ދުވަހު ވޯލްޑް ކަޕްގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައި ވެއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ހޯސްޓް ގައުމުގެ ނުފޫޒުން މޮޅު ހޯދަން މަސައްކަތް ކުރުމާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސެވެ.
މި މުބާރާތުގައި އެމެރިކާއަށް އެންމެ ގިނަ ލަނޑު (3 ލަނޑު) ޖަހައިދީފައިވާ ބަލޯގަންއަށް ރަތް ކާޑު ދެއްކީ ގަދަ 32 ގެ ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 2-0 ން އެމެރިކާ މޮޅުވި މެޗުގައެވެ. އޭނާ ވަނީ ބޮސްނިއާގެ ޑިފެންޑަރު ޠާރިޤް މުހަރެމޮވިޗްގެ ތަނބިކަށީގައި ކޮޅުފައިން ޖަހާފައެވެ. ވީއޭއާރުން ބެލުމަށްފަހުވެސް ދެމެހެއްޓި މި ނިންމުމުގެ ސަބަބުން ބެލްޖިއަމް މެޗަށް އޭނާ ސަސްޕެންޑްވާން ޖެހެއެވެ. ނަމަވެސް، ފީފާއިން އާދިއްތަ ދުވަހު ވަނީ ޓްރަމްޕްގެ ޕްރެޝަރާ ހެދި އެ ސަސްޕެންޝަން ވަގުތުން ތަންފީޒު ނުކުރަން ނިންމާފައެވެ.
ޓްރަމްޕް ވަނީ އޭނާގެ މަސައްކަތުގެ ކާމިޔާބީ އަށް 'ޓްރުތް ސޯޝަލް' މީޑިއާގައި މަރުހަބާ ކިޔާފައެވެ. "އިންސާފުވެރި ގޮތް ހަދައި، ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ ފީފާއަށް ޝުކުރު ދަންނަވަން،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯވެސް ވަނީ ފީފާގެ ނިންމުމަށް ތާއީދުކޮށްފައެވެ. "އަޅުގަނޑު ހީކުރަނީ ފުޓްބޯޅައިގެ 99.9 އިންސައްތަ މީހުން ބުނާނީ މިއީ ބޭއިންސާފު އަދަބެއް ކަމަށް،" އޭނާ ބުންޏެވެ.
ފީފާގެ ނިންމުމަށް ބެލްޖިއަމް ކޯފާވެއްޖެ
މި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މި އާދަޔާ ޚިލާފް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް ހައިރާންވެ، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމުގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބަލަން ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ފީފާގެ ނިންމުމަށް ފާޑުކިޔަމުން ބުނީ، "ފީފާގެ އޮފީސްތަކުގައި ޖުލައި މަހުގެ 5 ވަނަ ދުވަހަކީ ޔޫރަޕްގެ މީހުން މޮޔައިންނަށް ހަދާ ދުވަސް ކަމެއް އަޅުގަނޑަކަށް ނޭނގޭ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް މިފަދަ ލަދުވެތި ނިންމުމެއް ނިންމި ފުރަތަމަ ފަހަރު ކަމަށް ގަބޫލުކުރެވޭ،" ކަމަށެވެ. ބެލްޖިއަމުން ފާހަގަކުރި ގޮތުގައި ފީފާގެ އަމިއްލަ ގަވާއިދުގެ ދަށުންވެސް ސީދާ ރަތް ކާޑެއް ދައްކާ ކުޅުންތެރިޔާ ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާން ޖެހެއެވެ.
ފީފާއިން މި ނިންމުން ދިފާއުކުރީ ކިހިނެއް؟
ފީފާއިން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެއިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ ދަށުން އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ ބާރު ފީފާއަށް ލިބެއެވެ.
"ފީފާގެ ޑިސިޕްލިނަރީ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން، މިސަސްޕެންޝަން ތަންފީޒުކުރުން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތަކަށް ވަނީ ފަސްކުރެވިފައި،" ފީފާގެ ބަޔާނުގައިވެއެވެ. މާނައަކީ ބަލޯގަންގެ ރަތް ކާޑު ބާތިލެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް އެއް އަހަރު ތެރޭ އެފަދަ ކުށެއް ނުކުރާ ނަމަ، މި މެޗުގެ ސަސްޕެންޝަން ތަންފީޒެއް ނުކުރާނެއެވެ. އެހެން އެންމެނާ މެދު ވެސް މި ގޮތަށް ފީފާއިން އަމަލު ކުރި ހެއްޔެވެ؟ ނުވަތަ ކުރާނެ ހެއްޔެވެ؟ ނޫނެކެވެ!
މި ނިންމުން ބޮޑު ބަހުސަކަށްވީ ކީއްވެ؟
ފުޓްބޯޅައިގެ ތާރީޚުގައި ވޯލްޑް ކަޕްގައި މިހާތަނަށް 189 ރަތް ކާޑު ދައްކާފައިވާއިރު، ރަތް ކާޑަށްފަހު ސަސްޕެންޝަނުން ސަލާމަތްވި ދެވަނަ ކުޅުންތެރިޔަކީ ބަލޯގަންއެވެ. މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވަނީ 1962 ވަނަ އަހަރު ބްރެޒިލްގެ ގަރިންޗާއަށެވެ. ނަމަވެސް އެ ދުވަސްވަރު އޮޓޮމެޓިކް ސަސްޕެންޝަންގެ ގަވާއިދެއް ނޯވެއެވެ.
މި މުބާރާތުގައިވެސް މިހާތަނަށް 11 ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައި ވެއެވެ. އެ އެންމެންވެސް ސަސްޕެންޝަން ފުރިހަމަކުރިއެވެ. އެހެންކަމުން ބަލޯގަންއަށް އެކަނި މި އިސްތިސްނާ ދިނުމުން އެމެރިކާގެ ނުފޫޒަށް އިންފެންޓީނޯ ދީލާލުން ސާފުކޮށް ފެނެއެވެ.
ބީބީސީގެ ފުޓްބޯޅަ ދިރާސާކުރާ މައިކަލް ރިޗަަޑްސް ބުނީ މިއީ މުޅި ވޯލްޑްކަޕް މުބާރާތް ޖޯކަކަށް ހަދާލުން ކަމަށާއި، ފީފާއިން މިކަން ކުރީ ހަމައެކަނި އެމެރިކާ ބޭނުންވާ ގޮތަށް ކަންކޮށްދޭން ކަމަށެވެ.
މީގެ އިތުރުން، މިއީ 2026 ގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާގެ ސިޔާސީ ނުފޫޒުން ފީފާގެ ނިންމުންތަކަށް ވަދެފައިވާ ކަމަށް ފެންނަ ސާފު އަމަލެކެވެ. ފީފާގެ ގަވާއިދުތައް ބުނާގޮތުން ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ މަނާކަމެކެވެ.





