އިންޑޮނޭޝިޔާގެ ކްލާސްރޫމްތަކާއި، މިސްކިތްތަކުގެ މިންބަރުތަކުގެ އިތުރުން އާއިލީ ތަރައްގީގެ ޕްރޮގްރާމްތަކުގެ ތެރެއަށް، ސަރުކާރުން އިސްނަގައިގެން އާ މަންހަޖެއް ތައާރަފްކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒްއިން މިހާރު ދަނީ، އޮފިޝަލުން ސިފަކުރާ ގޮތުގައި "އެލްޖީބީޓީ ސަގާފަތް" ފެތުރުން ހުއްޓުވުމަށް އަމާޒުކޮށް ތައުލީމީ މާއްދާތަކެއް އެކުލަވާލަމުންނެވެ.
މި ނިންމުން އައިސްފައިވަނީ، އެ ގައުމުގެ ރިޔާސީ ގަރާރެއްގެ ދަށުން، އެލްޖީބީޓީގެ މައްސަލައަކީ ގައުމުގެ "އަސްކަރީ ބިރުވެރިކަމުގައި ނުހިމެނޭ ސަލާމަތީ ނުރައްކަލެއްގެ" ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.
މަންހަޖުގެ ފުޅާ ދާއިރާ: ކްލާސްރޫމުން މިންބަރަށް
މި މައްސަލައަށް ބާރުއެޅުމަކީ ހަމައެކަނި ފޮތްތަކަކަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ވިސްނުން އެލްޖީބީޓީ ސަގާފަތަށް ބައްޓާން ވިޔަ ނުދީ އާއިލީ ގުޅުން ދެމެހެއްޓުމަށް ދައުލަތުން އިސްނަގައިގެން ކުރާ މަސައްކަތެކެވެ. ސަރުކާރުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، އަދިވެސް މަޝްވަރާގެ މަރުހަލާގައިވާ މި ތައުލީމީ ބައިތައް ތިރީގައިވާ ދާއިރާތަކުގައި ހިމެނުމަށް ދަނީ ރާވަމުންނެވ.
- ސްކޫލްތަކުގެ ތައުލީމު: އާންމު ސްކޫލްތަކާއި އިސްލާމީ މަދަރުސާތަކުގެ ދީނީ ތައުލީމުގެ މަންހަޖުގެ ތެރޭގައި ހިމެނުން.
- ހުކުރު ޚުތުބާ: ހުކުރު ޚުތުބާތަކުގައި މި މައުޟޫއަށް ވާހަކަދެއްކުން.
- އިޖުތިމާއީ ހަރަކާތްތައް: އާއިލީ ތަރައްގީގެ ޕްރޮގްރާމްތަކާއި އެހެނިހެން ދީނީ ހަރަކާތްތަކުގެ ތެރެއިން މި ކަމާ ދެކޮޅަށް މައުލޫމާތު ފެތުރުން.
އިންޑޮނޭޝިޔާ ސަރުކާރުން ބުނާ ގޮތުގައި، މި ރިޔާސީ ގަރާރަކީ ވަކި ގްރޫޕެއްގެ ބައެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި އަދަބު ދިނުމުގެ އަސާސެއް ނޫނެވެ. މީގެ ބޭނުމަކީ ގައުމުގެ އިޖުތިމާއީ އަދި ދީނީ އަގުތައް ހިމާޔަތްކުރުމެވެ.
ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މާހިރުންނާއި މަގުފުރެދިފައިވާ އެކްޓިވިސްޓުން ދެކޭ ގޮތުގައި، މިފަދަ މައުޟޫއުތައް ކްލާސްރޫމްތަކުގެ ތެރެއަށް ވެއްދުމަކީ މުޖުތަމައުގައި ޖިންސީ މިސްރާބާ މެދު އޮންނަ ތަފާތުކުރުންތަކާއި ނަފްރަތު އިތުރަށް ފުންވެ، ބޮޑުވެގެންދާނެ ކަމެކެވެ. ސްކޫލް ކުދިންގެ މެދުގައި ބިރުވެރިކަމާއި ފުރައްސާރަކުރުން އިތުރުވެ، ވަކި ބަޔަކު މުޖުތަމައުން އެކަހެރިވެގެންދާނެ ކަމުގެ ބިރު އެމީހުން ވަނީ ފާޅުކޮށްފައެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިޔާގައި، މި ނިންމުމަކީ ގައުމީ ސަލާމަތާއި ދީނީ އަގުތައް ހިފެހެއްޓުމަށް ނިންމި ނިންމުމެކެވެ.






