އެމެރިކާގެ ސިފައިން ރޭގަނޑުގެ ވަގުތެއްގައި އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދަނީ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އެމެރިކާއިން ވަނީ އަހްވާޒް ސިޓީގައި ހުންނަ "ޝަހީދު ބަޣާއީ" ހޮސްޕިޓަލަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގައި ކުޑަކުދިންގެ ކެންސަރު ބައްޔަށް ފަރުވާދޭ ވޯޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. އަދި އެހަމަލާތަކާ ގުޅިގެން އެތަނުގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުދިން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.
އިސްލާމީ ޖުމްހޫރިއްޔާގެ އޮފިޝަލުން ހާމަކުރި ގޮތުގައި އެމެރިކާގެ މި ޓެރަރިސްޓް ހަމަލަތަކުގައި މިހާތަނަށް 35 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އެމެރިކާގެ އުދުވާނަށް ރައްދުދެމުން، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑް ކޯޕްސް ގެ އެއިރޯސްޕޭސް ފޯހުން ވަނީ އެ ގައުމުގެ އެންމެ ފަހުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން، އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އެންމެ ވަރުގަދަ އަސްކަރީ ޑްރޯން ކަމަށްވާ އެމްކިޔު 9 ރީޕާ ޑްރޯން ހޯދައި، ކާމިޔާބުކަމާއެކު ވައްޓާލާފައެވެ. މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ އަންދިމެޝްކް ސިޓީގެ މަތިންނެވެ.
އީރާނުން ވަނީ އެމެރިކާގެ ޓެރަރިޒަމާ ދެކޮޅަށް ގައުމުގެ ދިފާއުގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން، ބައިނަލްއަގުވާމީ ގޮތުން ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމުގެއިންޒާރު އީރާނުން ވަނީ ދީފައެވެ.






