އިންޑިއާގެ އިންވެސްޓްމެންޓެއްކަން އެނގި ހުރެ ޗަބަހާރު ބަނދަރަށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ ޗަބަހާރުގައި އިންޑިއާއިން ތަރައްގީކޮށްފައިވާ "ޝަހީދު ބެހޭޝްތީ" ބަނދަރަށް އެމެރިކާގެ ސެންޓްކޮމް ފައުޖުތަކުން ދިން ހަމަލާތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އިންޑިއާގެ ކުރީގެ ސަފީރު ކޭ.ޕީ. ފޭބިއަން ވިދާޅުވެއްޖެއެވެ.

ސިމްބިއޯސިސް ޔުނިވަރސިޓީގެ ޕްރޮފެސަރުކަން ވެސް ކުރައްވާ ފޭބިއަން ވިދާޅުވި ގޮތުގައި، އެމެރިކާގެ ސެންޓްކޮމްއިން ހަމަލާދޭނެ އަމާޒުތައް ކަނޑައަޅަނީ ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށްވާތީ، ޗަބަހާރު ބަނދަރުގައި އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ހުރިކަން އެމެރިކާއަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. "އެމެރިކާއިން މިކަންކަން އެނގި ތިބެ ހަމަލާދިނުމަކީ އިންޑިއާއަށް ލިބޭ ބޮޑު ހިތާމައެއް،" ފޭބިއަން ވިދާޅުވިއެވެ.

އިންޑިއާއިން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި ބަނދަރު ތަރައްގީކުރުމަށް 120 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ. އަދި 2016 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ އީރާނަށް ކުރެއްވި ދަތުރުފުޅުގައި 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި ބަނދަރަށް ކުރުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. މި ބަނދަރު އޮޕަރޭޓްކުރާ އިންޑިއާގެ "އިންޑިއާ ޕޯޓްސް ގްލޯބަލް ލިމިޓެޑް" އިން ވަނީ އީރާނުގެ ފަރާތަކަށް ހިއްސާތައް ދޫކޮށްލާފައި ކަމަށް ބެލެވުނަސް، މިއީ އެއްކޮށް ވަކިވުމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޗަބަހާރުގެ މައްސަލައިގައި އިންޑިއާއިން މިހާރު އޮތީ މަޑުޖެހިލައިގެންނެވެ. އެމެރިކާ އާއި އީރާނުގެ ގުޅުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެންދެން މަޑުކުރުމަށްފަހު، ކުރިއަށް ދާނެ ގޮތެއް ނިންމުމަކީ އިންޑިއާގެ ވިސްނުމެވެ. ޖޫން 30 ގައި މޯދީ އާއި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ކުރެއްވި ފޯނު ކޯލެއްގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ވާހަކަތައް ވަނީ ދެކެވިފައެވެ.

އިންޑިއާގެ ކުރީގެ ސަފީރު އަނިލް ތްރިގުނާޔަތު ވިދާޅުވީ، އެމެރިކާގެ މި ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގައި ހަނގުރާމަ އިތުރަށް ހޫނުވެ، ހާލަތު ގޯސްވެދާނެ ކަމަށާއި، މިފަދަ ހަމަލާތަކުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ. އަދި ޖޫން 17 ގައި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތައް މިހާރު މިވަނީ ނިމުމަކަށް އައިސްފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!