އެމެރިކާގައި "އޭލިއަން ޓެރަރިސްޓް ރިމޫވަލް ކޯޓު" އުފެއްދި ފަހުން ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ބޭރު ގައުމަކަށް ނިސްބަތްވާ މީހަކު ގައުމުން ބޭރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ކޯޓުގެ ލިޔެކިޔުންތަކާ ހަވާލާދީ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި 15 ވަނަ ދުވަހު އެމެރިކާ ސަރުކާރުން ވަނީ ވަކި ފަރުދަކު ގައުމުން ބޭރުކުރުމަށް އެދި މި ކޯޓަށް ފުރަތަމަ އެޕްލިކޭޝަން ހުށަހަޅާފައެވެ. ނަމަވެސް، ސަރުކާރުން ހުށަހެޅި މި މައްސަލައަކީ ސިއްރު މައްސަލައަކަށް ވުމުން، އެއީ ކާކުކަމެއް ކޯޓުގެ އަމުރުން އެނގޭކަށް ނެތެވެ.
ފެޑެރަލް ޖުޑީޝަރީ ސެންޓަރު އިން ބުނާގޮތުގައި، 1996 ވަނަ އަހަރު މި ކޯޓު އުފެއްދި ފަހުން މިއަދާ ހަމައަށް އެއްވެސް މައްސަލައެއް މި ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ގަވާއިދާ ޚިލާފަށް އުޅޭ ބޭރު މީހުންނާ ދެކޮޅަށް ފަށާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންދާ ކަމުގެ ހެއްކެކެވެ.
ބޭރު މީޙުން ޓެރަރިސްޓުން ކަމަށް ލޭބަލް ކޮށް އެމެރިކާއިން އެމީހުން ބޭރު ކުރުމަށް ޙުކުމް ކޮށްދޭ ކޯޓަކީ، ބިދޭސިން ގައުމުން ބޭރުކުރުމަށް ސަރުކާރުން ބޭނުންވާ ސިއްރު ޖާސޫސީ މައުލޫމާތުތައް އާންމުވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެމެރިކާގެ ކޮންގްރެސްއިން އުފައްދާފައިވާ ޚާއްޞަ ކޯޓެކެވެ.
މި މައްސަލައާ ގުޅިގެން ކޯޓުގެ ފަނޑިޔާރު ޖޯން އެން. އެރިކްސަން ނެރުއްވި އަމުރުގައި ވަނީ، ޖުލައި 16 ވަނަ ދުވަހު މިކަމާ ގުޅޭ ފުރަތަމަ އަޑުއެހުން ބާއްވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވަކީލުން ހުށަހެޅި ބައެއް ގާނޫނީ ނުކުތާތަކާ މެދު ކޯޓުން ސުވާލު އުފެއްދުމުން، އިތުރު ހެކިތަކާއި ގާނޫނީ ތަހުލީލުތައް ހުށަހެޅުމަށް ޖުލައި 22،ގެ ނިޔަލަށް ސަރުކާރަށް ވަނީ މުހުލަތެއް ދީފައެވެ.
ގާނޫނު ބުނާގޮތުން، ސަރުކާރުން ހުށަހަޅާ ހުށަހެޅުން ކޯޓުގެ ފަނޑިޔާރަކު ގަބޫލުކޮށްފިނަމަ، ދެން ބާއްވަންޖެހޭނީ އާންމުކޮށް ހުޅުވާލެވިފައިވާ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ތުހުމަތުކުރެވޭ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ. އަދި ސަރުކާރުން ހުށަހަޅާ ސިއްރު ހެކިތަކުގެ ޚުލާސާއެއް، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމަށްޓަކައި އެމީހަކަށް ދޭންޖެހެއެވެ. ސަރުކާރުން މައްސަލަ ސާބިތުކޮށްދީފިނަމަ، ކޯޓުން އަމުރުކުރާނީ އެމީހަކު އެމެރިކާއިން ބޭރުކުރުމަށެވެ.






