ތިން ގައުމަކަށް ބަހާލައިގެން 48 ޓީމާއެކު ފުޓްބޯޅައިގެ ތާރީޚުގައިވެސް ބޭއްވި އެންމެ ބޮޑު މުބާރާތުގެ ގޮތުގައި އިޝްތިހާރުކުރި 2026 ގެ ފީފާ ވޯލްޑް ކަޕް ނިމިގެންދިޔައީ މުޅި ފުޓްބޯޅައިގެ ތާރީޚުގައިވެސް ފެނުނު އެންމެ ނަސްލީ ތަފާތުކުރުން ބޮޑު، އަދި އެންމެ ހުތުރު މުބާރާތުގެ ގޮތުގައެވެ. މުބާރާތުގެ ކުރީކޮޅުން ފެށިގެން ފައިނަލާ ހަމައަށް، ދަނޑުމަތީގައާއި، ސޯޝަލް މީޑިއާގައާއި، އަދި އެމެރިކާގެ ދައުލަތްތަކުގެ ސިޔާސީ އިސްވެރިންގެ ފަރާތުން ފެނުނު ނަސްލީ ދެކޮޅުވެރިކަމުން މުޅި ފުޓްބޯޅަ ވަނީ ކިލަނބު ވެފައެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މި ބޮޑު ނަސްލީ ކާރިސާއާ ކުރިމަތިލުމުގައި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ މުޅިން ފޭލިވެ، ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ބަލައިގެން ހަނު ހުރުމެވެ.
ފީފާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސަރވިސް އިން 6 މިލިއަނަށްވުރެ ގިނަ ޕޯސްޓު ސްކޭންކުރިއިރު، 2022 ގެ ގަތަރު ވޯލްޑް ކަޕާ އަޅާބަލާއިރު ނަސްލީ ދިމާކުރުންތަކާއި ހަޑިހުތުރު ބަސްތައް މި މުބާރާތުގައި 13 ގުނަ އިތުރުވެފައިވާކަން ވަނީ ރެކޯޑްކުރެވިފައެވެ. މީގެ ތެރެއިން 11 އިންސައްތަ ޕޯސްޓްތަކަކީ ސީދާ ނަސްލީ ފުރައްސާރައެވެ.
މި މުބާރާތް އެމެރިކާގައި ބޭއްވުމުން، އެ ގައުމުގެ ހަރުކަށި ނަސްލީ ތަފާތުކުރާ ހާރިޖީ ސިޔާސަތުތަކާއި ސިޔާސީ މަސްރަހު ފުޓްބޯޅައިގެ ތެރެއަށް ވަދެ، ކޮންޓްރޯލުން ނެއްޓިގެންދިޔައީއެވެ.
މުބާރާތް ހަލަބޮލިކޮށްލި ނަސްލީ ހާދިސާތައް
މި މުބާރާތުގައި ހިނގާދިޔަ ހާދިސާތަކަކީ އެއްގޮތަކަށްވެސް އާދައިގެ ކަންކަމެއް ނޫނެވެ.
-
ކީލިއަން އެމްބާޕޭއަށް ސިޔާސީވެރިއެއްގެ ފުރައްސާރަ: ފްރާންސުން ޕެރަގުއޭ ބަލިކުރި މެޗަށްފަހު، ޕެރަގުއޭގެ ސެނެޓަރެއް ކަމަށްވާ ސެލެސްޓޭ އަމަރިއްލާ ވަނީ އެމްބާޕޭގެ ކެމަރޫންގެ އަސްލަށާއި އޭނާގެ ސިފައަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ލިޔެފައެވެ. މިއީ އާންމު ސަޕޯޓަރެއްގެ ފަރާތުން ފެނުނު ކަމެއް ނޫނެވެ. މިއީ ގާނޫނު ހަދާ މަޖިލީހެއްގެ މެންބަރެއްގެ ފަރާތުން ފެނުނު ހުތުރު އަމަލެކެވެ.
-
އައިޝޯސްޕީޑާ ދިމާކުރުން: މިއާމީގައި ކުޅެވުނު މެޗެއްގެ ތެރެއިން، ދުނިޔޭގެ މަގުބޫލު ކަޅު ނަސްލުގެ ސްޓްރީމަރު ސްޕީޑް ލައިވްސްޓްރީމް ކުރަމުންދަނިކޮށް، އާޖެންޓީނާ ޖާޒީއެއް ލައިގެން ހުރި ސަޕޯޓަރަކު އޭނާއާ ދިމާލަށް "ޖަނަވާރުންގެ ބަގީޗާއަށް ޒުލަށް ގޮސް ރޯން އިނދޭ" އޭ ބުނެ ނަސްލީ ހުތުރު ބަހުން ގޮވިއެވެ.
-
ހެރީ ކޭންގެ ބޮޑާ ބަސްތައް: އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން، ގާނާއާ އެއްވަރުވި މެޗަށްފަހު، އެފްރިކާގެ ގައުމުތަކަށް ނިސްބަތްކޮށް "އެކަހަލަ ގައުމުތައް" ބޭނުންކޮށް ވާހަކަދެއްކުމުން، އެއީ އެފްރިކާގެ ފުޓްބޯޅައަށް ކުޑައިމީސްކޮށް ބުނި ބަހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ.
-
މިސްރުގެ ކޯޗަށް ރީނދޫ ކާޑެއް: އާޖެންޓީނާ މެޗުގައި، ސަޕޯޓަރުން މިސްރުގެ ކުޅުންތެރިންނަށް މަކުނު ގެ ނަމުން ގޮވުމުން، މިސްރުގެ ކޯޗު ހޮސާމް ހަސަން ވަނީ ނަސްލީ ފުރައްސާރަ ރިޕޯޓްކުރުމަށް ފީފާއިން 2024 ގައި ތައާރަފްކުރި ދެއަތް ހުރަސްކޮށް ބޭނުން ކުރާ އެކްސްގެ ނިޝާން ދައްކާފައެވެ. ނަމަވެސް، ރެފްރީ އެކަމަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ކޯޗަށް ދެއްކީ ރީނދޫ ކާޑެކެވެ. މިއިން އެނގެނީ ފީފާގެ އަމިއްލަ ގާނޫނުތަކަށް ރެފްރީންވެސް އިހުތިރާމް ނުކުރާ ކަމެވެ.
-
އާޖެންޓީނާގެ ގައުމީ ތައަސައްބު: އާޖެންޓީނާގެ ކުޅުންތެރިން ވަނީ ސިޔާސީ ބެނާއެއް ދަނޑުމަތީގައި ދައްކާފައެވެ. މީގެ ކުރިންވެސް އެ ގައުމުގެ ކުޅުންތެރިން ވަނީ ފްރާންސްގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ހުތުރު ލަވަތައް ހަދައިގެން ކިޔާފައެވެ.
-
ޑަޗް ޓީމަށް ފުރައްސާރަ: މޮރޮކޯ އަތުން ބަލިވުމުން، ނެދަލޭންޑްސްގެ ކުޅުންތެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ބޮޑެތި ނަސްލީ ހަމަލާތަކެއް ދިނުމުން ޑަޗް އެފްއޭއިން ވަނީ މައްސަލަ ޖައްސާފައެވެ. ލަންޑަންގެ މޭޔަރު ސާދިގު ޚާން ވިދާޅުވީ އިންޓަނެޓުގައި އޮތް ރޭސިޒަމް އޮތީ "ކޮންޓްރޯލުން ނެއްޓިފައި" ކަމަށެވެ.
ފީފާގެ މުނާފިގުކަމާއި އެމެރިކާގެ ހަރުކަށި ސިޔާސަތުތައް
މި މުބާރާތް ތާރީޚުގައިވެސް އެންމެ ރޭސިސްޓް ނަސްލީ ތަފާތުކަން ބޮޑު މުބާރާތަށް ވާންޖެހުނު އެންމެ ބޮޑު ސަބަބަކީ ހޯސްޓް ގައުމެއްގެ ގޮތުގައި އެމެރިކާ އިޚްތިޔާރު ކުރުމެވެ. ނަސްލީ ތަފާތު ކުރުން ބޮޑު ދޮން މީހުންގެ ބާރިވެރިކަން ގަބޫލުރާ ޓްރަމްޕް ސަރުކާރުގެ ހަރުކަށި ވިސާ ސިޔާސަތުގެ ދަށުން، މުބާރާތް ފެށުމުގެ ކުރިންވެސް ބޮޑެތި ތަފާތުކުރުންތަކެއް ހިންގިއެވެ.
-
ވޯލްޑް ކަޕެއްގެ ފުރަތަމަ ސޯމާލީ ރެފްރީ އުމަރު އަރްތާން، ސައްހަ ވިސާއަކާއެކު އެމެރިކާއަށް ދިއުމުންވެސް މިއާމީ އެއާޕޯޓުން ވަނީ އަނބުރާ އޭނާ އިސްތަންބޫލަށް ފޮނުވާލާފައެވެ.
-
އިރާނގެ ސްޓާފުން އެތެރެވުން މަނާކުރިއެވެ. އީރާނުގެ ކޯޗިންގ ސްޓާފުންނަށް ވިސާ ލަސްވުމުން ޓިހުއާނާގައި ތިބެން ޖެހުނެވެ.
-
ގާނާގެ ސަޕޯޓަރުންގެ 150 ވިސާ އެޕްލިކޭޝަނުގެ ތެރެއިން 147 އެޕްލިކޭޝަން ރިޖެކްޓްކުރިއެވެ.
-
ކޮންގޯގެ މަޝްހޫރު ސަޕޯޓަރު މިޝެލް ކުކާއަށްވެސް ބަލީގެ ބަހާނާގައި ވިސާ ނުދީ ހިފެހެއްޓިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ޓްރަމްޕްގެ ސަރުކާރާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުންނާއި، މި މުބާރާތުން ލިބޭނެ ބިލިއަނުން ޑޮލަރުގެ ފައިދާއަށްޓަކައި، މި ބޮޑެތި އިންސާނީ ހައްގުތަކުގެ އުދާސްތަކަށް ދިނީ ބީރު ކަންފަތެކެވެ.
މީގެ ކުރިން 2023 ގައި އިސްރާއީލް ޓީމަށް ވިސާ ނުދިނުމުން އިންޑޮނޭޝިއާ އަތުން ޔޫ-21 މުބާރާތް އަތުލި ފީފާއިން، އެމެރިކާއިން މުޅި ގައުމުތަކުގެ ނަސްލަށް ބަލައި ވިސާ މަނާކުރިއިރު "އެއީ ހޯސްޓް ގައުމުގެ އަމިއްލަ ކަމެއް" ކަމަށް ބުނެ ނިންމާލީ ފީފާގެ މުނާފިގުކަން ހާމަކޮށް ދެމުންނެވެ.
2026 ގެ ވޯލްޑް ކަޕުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ މިހާރު ނަސްލީ ތަފާތުކުރުންތަކާއި ގައުމީ ސިޔާސީ ހަރުކަށި ފިކުރުތައް ފަތުރާ އެންމެ ބޮޑު މަސްރަހަށް ވެފައިވާ ކަމެވެ. އަދި ފީފާއަކީ މި ނަސްލީ ދެކޮޅުވެރިކަން ހުއްޓުވުމުގެ އެއްވެސް ގާބިލުކަމެއް ނެތް، ހަމައެކަނި ފައިސާއަށް މަސައްކަތްކުރާ ބަލިކަށި ކޮރަޕްޓް މުއައްސަސާއެއްގެ ގޮތުގައެވެ.






