އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިއުޒީލެންޑަށް ކުރެއްވި ދަތުރުފުޅާއެކު، އެ ދެ ގައުމުގެ ގުޅުން "ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއްގެ ދަރަޖައަށް އުފުލިއްޖެ އެވެ. މިއީ މީގެ 40 އަހަރު ކުރިން އިންޑިއާގެ ބޮޑުވަޒީރަކު ނިއުޒީލެންޑަށް ކުރެއްވި ދަތުރުފުޅަށްފަހު، މި ގުޅުން ހަރުދަނާކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ. މި ދަތުރުފުޅުގެ ތެރެއިން "އިންޑިއާ-ނިއުޒީލެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕް: ރޯޑްމެޕް ޓު 2030″ އިއުލާންކޮށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގެ އެފްޓީއޭ އާއެކު 10 އެއްބަސްވުމަކާއި 8 އާ އިނީޝިއޭޓިވްއެއް ވަނީ ފަށާފަ އެވެ.
މި ގުޅުމުގެ އެންމެ މުހިންމު އެއްބަޔަކީ ވިޔަފާރީގެ އެއްބަސްވުމެވެ. މީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މިންވަރު 7 ބިލިއަން ނިއުޒީލެންޑް ޑޮލަރަށް ދެގުނަ ކުރުމެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ގާތްގަނޑަކަށް 1.16 ބިލިއަން ޑޮލަރަށް އަރާއިރު، 2030 ވަނަ އަހަރު މި އަދަދު 3 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ދަނޑުވެރިކަމުގެ ދާއިރާއަކީ މި ގުޅުމުގެ މައިގަނޑު އެއް ތަނބެވެ. ނިއުޒީލެންޑުގެ ޑެއިރީ ސައިންސާއި، ދަނޑުވެރިކަމުގެ ތަޖުރިބާ އިންޑިއާގެ ބޮޑު ބާޒާރާ ގުޅުވާލައިގެން ކުރިއެރުވުމަށް ދެ ގައުމުން އެއްބަސްވެފައިވެ އެވެ. މީގެ ތެރޭގައި ނާގަލޭންޑާއި އުތަރާކަންޑުގައި ދަނޑުވެރި ބާވަތްތައް ހައްދާ މަރުކަޒުތައް ގާއިމުކުރުމާއި، ޖަނަވާރު ގެންގުޅުމާއި ދެފުށް ފެންނަ ވިޔަފާރީގެ ނިޒާމުތައް ވަރުގަދަކުރުން ހިމެނެ އެވެ.
ދިފާއީ އަދި ކަނޑުގެ ސަލާމަތީ ގުޅުންވެސް މި ދަތުރުފުޅާއެކު ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ދެ ގައުމުގެ ކަނޑުގެ ސިފައިންގެ މެދުގައި ލޮޖިސްޓިކް އެއްބާރުލުން ދިނުމާއި، ކަނޑުގެ ސަލާމަތީ މަޝްވަރާތައް އަހަރަކު އެއްފަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ހަނގުރާމަވެރި އަމަލުތަކާއި، ސައިބާ ކުށްތަކާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމަށް "ޖޮއިންޓް ވޯކިން ގްރޫޕް" އެއް އުފައްދާފައިވެ އެވެ.
މީގެ އިތުރުން ތައުލީމީ އަދި ސައިންސުގެ ދާއިރާއިން ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި، އެންޓާޓިކާގެ ދިރާސާތައް ކުރުމަށް އިންޑިއާގެ މަރުކަޒަކާއި ނިއުޒީލެންޑުގެ ޔުނިވަސިޓީއަކާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވުނެވެ. ފަތުރުވެރިކަމާއި، ކާރިސާތަކުން އަރައިގަތުމާއި، ތިމާވެށި ހިމާޔަތްކުރުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވެ އެވެ.
މި ދަތުރުފުޅުގައި މޯދީ ވަނީ އޯކްލޭންޑްގައި ދިރިއުޅޭ 10،000 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއަކަށް އިންޑިއާ އިން ކުރާ މަސައްކަތަށް ނިއުޒީލެންޑުން ވަނީ ފުރިހަމަ ތާއީދު ފާޅުކޮށްފަ އެވެ.




