ރައީސް މުއިއްޒުގެ ތަގުރީރަށް ނަޝީދުގެ ވަރުގަދަ ރައްދެއް: "މިއީ އިލްމީ ވާހަކަފުޅެއް ނޫން, ހަމައެކަނި ޒުވާބެއް"

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ގައުމީ މިނިވަންކަމާ ގުޅޭ އިލްމީ އަދި ސިޔާސީ ތަސައްވުރެއް އޮތް ތަގުރީރެއްގެ ބަދަލުގައި، އިދިކޮޅު އެމްޑީޕީއަށް އަމާޒުކުރައްވައި ދެއްކެވި "ޒުވާބެއް" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޚާއްސަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރަސްމީ ޕޯޑިއަމެއްގައި ހުންނަވައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް  ފާޑުވިދާޅުވެފައެވެ.

"ދައުލަތުގެ ނިޝާން ޖަހާފައިވާ ރަސްމީ ޕޯޑިއަމެއްގެ ދޮށުގައި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އިއްޒަތްތެރިންގެ ކުރިމަތީގައި ހުންނަވައި، ގައުމުގެ އެންމެ މަތީ ވެރިޔާ ދެއްކެވި ވާހަކަފުޅަކީ މިނިވަންކަމާ ގުޅޭ އިލްމީ ވާހަކަފުޅުތަކެއްގެ ބަދަލުގައި، ހަމައެކަނި އެމްޑީޕީއަށް އަމާޒުކުރެއްވި ޒުވާބެއް،" ނަޝީދު ވިދާޅުވިއެވެ.

އަދި ވެރިކަމަށް ވަޑައިގެން ދައުރުގެ ބޮޑުބައި ފާއިތުވަމުންދާއިރުވެސް، ސަރުކާރުގެ ނާކާމިޔާބީތަކުގެ އިލްޒާމް "ކުރީ ސަރުކާރުގެ" ބޮލުގައި އެޅުވުމަކީ އާންމު ރައްޔިތުންގެ މެދުގައި ހެއްވާ ކަމަކަށް ވެފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ހާރިޖީ ސިޔާސަތާއި ގަލްފުގެ ގައުމުތަކުގެ ގުޅުން

ރައީސް ނަޝީދުގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށެވެ. އެމެރިކާގެ ޚާއްސަ މަންދޫބަކު ރާއްޖޭގައި ހުންނަވަނިކޮށް އެ ބޭފުޅާއާއެކު އޮތް ބައްދަލުވުން ކެންސަލްކުރެއްވުމަށްފަހު، ރައީސް އޮފީހުގެ ޕޯޑިއަމަށް ނުކުމެވަޑައިގެން އެކުވެރި އިސްލާމީ ގައުމުތަކަށް އަމާޒުކޮށް "ބޮން އަޅަން" ގޮވާލެއްވުމަކީ ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް، ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީ ފަދަ ގަލްފުގެ އިސްލާމީ ގައުމުތަކާ މެދު މިފަދަ ގޮތަކަށް ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ހުރިހާ ސަރުކާރުތަކުން ވެސް ތާއީދުކުރީ އިސްރާއީލަށް ކަމަށް ރައީސް މުއިއްޒު ކުރެއްވި ތުހުމަތު ނަޝީދު ވަނީ ސަރީހަކޮށް ދޮގުކުރައްވާފައެވެ.

"ކާކުތޯ އިސްރާއީލަށް ތާއީދުކުރާނީ؟ ޓީވީތަކުން ފެންނަމުން އެ ގެންދާ މަންޒަރުތައް، އިސްރާއީލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް، ކާކުތޯ ހަނދާން ނެތޭނީ؟" ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށް ޓަކައި ތާއަބަދު މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި." ނަޟީދު ތަފްސީލު ކޮށދެއްވިއެވެ.

އިގްތިސާދީ ކާރިސާ އަދި ހުއްޓިފައިވާ މަޝްރޫއުތައް

އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ޔޫޒަބަލް ރިޒާވްގައާއި ބޭންކް އޮފް މޯލްޑިވްސް އަދި ޕެންޝަން ފަނޑުގައިވެސް ޑޮލަރެއް ނެތެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިފައިވަނީ ދަރަނި ރީސްޓްރަކްޗަރ ކުރަން ސަރުކާރަށް ނޭނގުމުގެ ސަބަބުން ކަމަށާއި، ރާއްޖެ މިހާރު އޮތީ "ޑީފޯލްޓް" ވުމުގެ ނުރައްކަލުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ނޭދެން ދިވެހި ދައުލަތް ޑިފޯލްޓްވާކަން. ދިވެހި ދައުލަތް ޑިފޯލްޓްވާއިރުގައި އަޅުގަނޑުމެން އެންމެން ވެސް ޑިފޯލްޓްވާނީ," ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން 500 އަށްވުރެ ގިނަ މަޝްރޫއު ހިންގަމުންދާ ކަމަށް ބުނި ނަމަވެސް، ދާދިފަހުން އެމަނިކުފާނު ރާއްޖޭގެ 102 ރަށަކަށް ކުރެއްވި ދަތުރުފުޅުން ފެނިވަޑައިގަތީ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ މަންޒަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިގްތިސާދީ އަދި ހިންގުމުގެ މައްސަލަތައް ނަޝީދުގެ ތުހުމަތުތައް
ޑޮލަރުގެ ބާޒާރު ކަޅު ބާޒާރުގައި 23 ރުފިޔާއަށް އުފުލުން؛ ރިޒާވް ހުސްވުން
ތަރައްގީގެ މަޝްރޫއުތައް ފައިސާ ނެތިގެން ރަށްރަށުގެ މަޝްރޫއުތައް ހުއްޓުން
ލޯކަލް ކައުންސިލްތައް އައްޑޫ އާއި އެހެން ކައުންސިލްތަކުގެ އިޚުތިސާސަށް ސަރުކާރުން ހުރަސްއެޅުން
ޕޯޓް އަދި ލޮޖިސްޓިކްސް ބަނދަރުތަކުން މުދާ ނުބޭލިގެން ކޮންޓެއިނަރުތައް ކޮޅުންބަށާއި ސިންގަޕޫރަށް އަނބުރާ ފޮނުވަންޖެހުން

މަގުމައްޗަށް ނުކުތުމުގެ އިންޒާރު

ރައީސް ނަޝީދު ވިދާޅުވީ، ތެލާއި ފެނާއި ކަރަންޓުގެ ޚިދުމަތްތަކުގެ އަގުބޮޑުވެ، އާންމު ދިރިއުޅުމުގެ ދެކޮޅު ނުޖެހޭ ހިސާބަށް ކަންކަން ދިއުމުން ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. އަދި މި ސަރުކާރަށް 2028 ވަނަ އަހަރާ ހަމައަށް ދެމިއޮވެވިދާނެތާމެދު ސުވާލު އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގާތުގައި ވަރަށް ގިނަ މީހުން އަހާ މަގުމައްޗަށް ނިކުމެ މި ސަރުކާރު ހަމަމަގަށް ގެނައުމަށް މަސައްކަތް ކުރުމަށް. އަޅުގަނޑު މިހިރީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެން މިދަނީ މި މަސައްކަތަށް ރާވަމުން," ސަރުކާރު ހަމަމަގަށް އަޅުވަން އިދިކޮޅު ހަރަކާތްތައް ވަރުގަދަކުރައްވާނެކަމުގެ އިޝާރާތެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!