ސަންދޯއް މިހާރު އެމެރިކާގެ އަސްކަރީ ސާމާނުގެ ބައެއް: އިރާންގެ ކޮމާންޑަރު

މެދުއިރުމަތީގައި ޤާއިމުވެތިބި އެމެރިކާގެ ސިފައިންނާއި އެމީހުންގެ ބައިވެރިންގެ އަސްކަރީ ސާމާނުގެ މުހިންމު ބަޔަކަށް މިހާރު "ސަންދޯއް" ވެއްޖެކަން އެމެރިކާ ސިފައިންނަށް ހިތުގެ އަޑިން ޤަބޫލުކުރަން މަޖުބޫރުވެފައިވާ ކަމަށް އީރާނުގެ ޚާތަމުލްއަންބިޔާ ސެންޓްރަލް ހެޑްކުއާޓަރޒްގެ އެންމެ މަތީ ކޮމާންޑަރު މޭޖަރ ޖެނެރަލް ޢަލީ ޢަބްދުﷲއީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި މޭޖަރ ޖެނެރަލް ޢަބްދުﷲއީ ވަނީ، އީރާނުގެ ސިފައިންނަށް ހަމަލާދިނުމަށްފަހު ފިލައިގެން ތިބެވޭ ދުވަސް މާޒީވެ ގޮސްފައިވާކަމަށް ޝަހީދުވެފައިވާ އީރާނުގެ އިސްލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ ވިދާޅުވެފައިވާ ތާރީޚީ ބަސްފުޅު ތަކުރާރު ކުރައްވާފައެވެ.

އީރާނުގެ ހުރިހާ އަސްކަރީ ބާރުތަކެއް ވިލަރެސްކޮށް އޮޕަރޭޝަންތައް ހިންގާ އެންމެ މަތީ މަރުކަޒުގެ ވެރިޔާ، ޢަބްދުﷲއީ ވަނީ ވޮޝިންގޓަނަށާއި އިސްރާއީލަށް އަދި އިއްތިހާދީ ބާރުތަކަށް މޮޅެއް ލިބިދާނެ ކަމަށް އިތުރު ކުށްހީތަކެއް ނުކުރުމަށް އިންޒާރު ދެއްވާފައެވެ.

މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައި އާޔަތުއްﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން ހިނގި 40 ދުވަހުގެ ހަނގުރާމައަށްފަހު، އެމެރިކާއިން މެދުއިރުމަތީގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް އީރާނުން ދަނީ ވަރުގަދައަށް ރައްދު ހަމަލާތައް ދެމުންނެވެ. އީރާނުގެ އަސްކަރީ އޮފިޝަލުން ބުނާގޮތުގައި އެމެރިކާ ސިފައިން ސަރަޙައްދުގައި ތިބުމަކީ އެމީހުން އަމިއްލައަށް އުފުލަންޖެހޭ މާލީ އަދި ޖާނީ ގެއްލުންތައް އިތުރުވެގެންދާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!