ހަމަލާދިނުމަށް ސަޕްރަސް ބޭނުންކުރުން ހުއްޓުވުމަށް ތެހެރާނުން އެދިއްޖެ

ސައިޕްރަސްގައި ޤާއިމުކޮށްފައިވާ ބޭރުގެ އަސްކަރީ މަރުކަޒުަތައް ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ހަމަލާތަކާއި ޢުދުންވާނީ ޢަމަލުތައް ހިންގުމުގެ ފުރުޞަތު ނުދިނުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ އެ ޤައުމަށް ގޮވާލައްވައިފިއެވެ.

ބުރާސްފަތި ދުވަހު އީރާނުގެ ޚާރިޖީ މިނިސްޓަރު ޢަރާޤްޗީ، ސައިޕްރަސްގެ ޚާރިޖީ މިނިސްޓަރު ކޮންސްޓަންޓީނޯސް ކޮމްބޯސްއާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުންނާއި ސަރަޙައްދީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާމެދު މަޝްވަރާ ކުރެއްވިއެވެ. މި މަޝްވަރާތަކުގެ ތެރެއިން ޢަރާޤްޗީ ވަނީ ސައިޕްރަސްގެ ފަސްގަނޑުގައިވާ ބޭރުގެ ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް އީރާނާ ދެކޮޅު ހަރަކާތްތަކުގެ ފެށޭ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ސައިޕްރަސްގެ ޚާރިޖީ މިނިސްޓަރު ކޮމްބޯސް ވަނީ އެ ޤައުމުން އދ. ގެ ޗާޓާރަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސްތަކަށް އިޙްތިރާމްކުރާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އިނގިރޭސި ސަރުކާރާއެކު އެފަދަ ހަމަލައެއް ދިނުމަށް ސައިޕްރަސް ބޭނުން ނުކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށާއި، ސައިޕްރަސްގައި ހުރި ބޭރުގެ އަސްކަރީ މަރުކަޒުތައް އީރާން ނުވަތަ އެހެން އެއްވެސް ޤައުމަކާ ދެކޮޅަށް ބޭނުން ނުކުރާނެކަމުގެ ޔަޤީންކަން އިނގިރޭސިވިލާތުން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!