ސައޫދީން އެކުލަވާލި ކަނޑުގެ އިއްތިހާދަށް 14 ޤައުމެއްގެ ތާއީދު

މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާކޮށް އީރާނާ ދެކޮޅަށް އިތުރު ބައިވެރިން ހޯދުމަށް ސައޫދީން އެކުލަވާލި ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރާއި ހަކަތަ ފޯރުކޮށްދޭ މަގުތަކުގެ ދިފާޢީ އިއްތިހާދު އުފެއްދުމުގެ މުޢާހަދާއަށް 14 ޤައުމަކުން ތާއީދުކޮށްފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ ރިޔާޟްގައި ބޭއްވި ޚާއްޞަ ބައްދަލުވުމަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

މި ބައްދަލުވުމުގައި ދަޢުވަތު ދީފައިވާ 51 ޤައުމާއި ޖަމްޢިއްޔާގެ ތެރެއިން 43 ޤައުމެއްގެ މަންދޫބުންނާއި ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި އިއްތިހާދު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ 14 ޤައުމަކީ:

  • ސުޢޫދީ ޢަރަބިއްޔާ، ޤަޠަރު، ކުވެއިތު، ބަޙްރައިން
  • ޕާކިސްތާން، ތުރުކީ، މިޞްރު، ޖޯޑަން، ބަންގްލަދޭޝް
  • ޔަމަން، ސޫދާން، ނައިޖީރިއާ، ޖިބޫތީ، އަދި ސޯމާލިއާ

މި ޤައުމުތަކުން ވަނީ އިއްތިހާދުގެ މާއްދާތަކުގައި ރަސްމީކޮށް ސޮއިކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ މަސައްކަތް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. އަދި އިއްތިހާދުގެ މައި މަރުކަޒާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ އިތުރުން މައި ސެކްރެޓަރީއޭޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސުޢޫދީ ޢަރަބިއްޔާގައެވެ.

އިއްތިހާދުގެ މައިގަނޑު އަމާޒާއި ހަރަކާތްތެރިވާނެ ސަރަޙައްދު

  • މި އިއްތިހާދުގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ވިޔަފާރި އުޅަނދުފަހަރާއި ހަކަތަ އުފުލާ އުޅަނދުތަކަށް ދެވޭ ހަމަލާތަކުން ރައްކާތެރިވުމެވެ. މައިގަނޑު ގޮތެއްގައި މި އިއްތިހާދުން ހަރަކާތްތެރިވާނީ ދުނިޔޭގެ އިޤްތިޞާދަށް އެންމެ މުހިންމު ތިން ކަނޑުގެ މަގުގައެވެ. އެއީ:
  1. ބާބުލް މަންދަބު
  2. ރެޑް ސީ
  3. ޢަދަން ކަނޑުއޮޅި

އިއްތިހާދުން ތަކުރާރުކޮށް ފާހަގަކޮށްފައިވަނީ މިއީ ހަމައެކަނި "ދިފާޢީ" އުޞޫލުން ހިންގާ އިއްތިހާދެއް ކަމަށާއި، ވަކި ޤައުމަކަށް ނުވަތަ ޖަމާޢަތަކަށް އަމާޒުކޮށް އުފައްދާފައިވާ އިއްތިހާދެއް ނޫން ކަމަށެވެ. އަދި ކޮންމެ ޤައުމަކުންވެސް މި އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ޤައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

އިއްތިހާދު އިޢުލާންކުރި ދަނޑިވަޅު

  • މި އިއްތިހާދު އިޢުލާންކޮށްފައިވަނީ އެމެރިކާއިން އަރަބި ގައުމުތަކުން ފުރައިގެން އައިސް އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުގައި ގަލްފުގެ ޤައުމުތަކަށް ހަމަލަ ދެމުންދާ ދަނޑިވަޅެއްގައެވެ.
ހިއްސާ ކުރައްވާ!