ޖޯޑަންގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާގައި އެފް-35 ގެ 3 ޖެޓް ހަލާކުވެ، ސިފައިން މަރުވެއްޖެ

ޖޯޑަންގެ އަލްއަޒްރަޤް އެއާ ބޭސްގައި ގާއިމުވެތިބި އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެއަރޯސްޕޭސް ފޯސްއިން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި އެމެރިކާގެ އެފް-35 މަރުކާރުގެ ތިން ހަނގުރާމަމަތީ ޖެޓް މުޅިން ހަލާކުވެ، އެމެރިކާގެ ސިފައިންތަކެއް މަރުވެއްޖެއެވެ.

އައިއާރްޖީސީއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ސިފައިން ޖޯޑަންގައިވާ މަރުކަޒުތައް ބޭނުންކޮށްގެން އީރާނުގެ ޤެޝްމްޖަޒީރާގައިވާ އާންމުންގެ ދެ ގެއަކަށް ބަންކަރު ބަސްޓަރ ބޮން އަޅައި، މައުސޫމް ކުޑަކުއްޖަކާއި އޭނާގެ މައިންބަފައިން ޝަހީދުކޮށްލުމާ ގުޅިގެން ރައްދުގައި މި ހަމަލާ ދީފައިވާ ކަމަށެވެ.

މި ހަމަލާގައި އަލް އަޒްރަޤް އެއާ ބޭސްގައި އެމެރިކާގެ އެފް-35 ޖެޓްތައް މަރާމާތުކުރަން ބަހައްޓާފައި ހުރި ހެންގަރަށާއި ޕާކިންގް އޭރިއާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާކަމަށް އީރާނުން ބުނެއެވެ. މި ހަމަލާގައި ތިން ޖެޓް މުޅިން ހަލާކުވުމުގެ އިތުރުން އެހެން ތިން ޖެޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެމެރިކާގެ ބައެއް އޮފިޝަލުންނާއި ޓެކްނިކަލް މުވައްޒަފުން މަރުވެފައިވާކަމަށް އީރާނުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އީރާނުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް، ހިމެނޭހެން ޤެޝްމް ޖަޒީރާއާއި ބުޝެހްރް އަދި ޚޫޒެސްތާންގެ ބައެއް ތަންތަނަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

ހިއްސާ ކުރައްވާ!