އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއްެ އަޅަން އެމެރިކާއާ ޔަހޫދީން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި، ދެގައުމުގެ މެދުގައި އުފެދިފައިވާ ނުވަތަނަވަސްކަން ކުޑަކޮށް، ސިޔާސީ ވާހަކަތައް ކުރިއަށްގެންދިއުމަށްޓަކައި ސަރަހައްދީ ގައުމުތަކުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފިއެވެ.
ވޮޝިންގްޓަނާއި ތެހެރާންގެ މެދުގައި އޮތް ގުޅުން މުޅިން ކެނޑުނުނުދީ ހިފެހެއްޓުމަށާއި، ޑިޕްލޮމެޓިކް މަގު ބަންދުވިޔަނުދިނުމަށްޓަކައި ސަރަހައްދީ މެދުވެރިން ވަނީ ހަރަކާތް ތެރިވެފައެވެ.
މި މައުލޫމާތުތައް ބުނާގޮތުން، ސިޔާސީ ހައްލެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާތަކުން ނުވަތަނަވަސްކަމަށް ހައްލެއް ނުލިބިއްޖެނަމަ، މި މައްސަލަ އަސްކަރީ ކުރިމަތިލުމަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
މި ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަވެފައި މިވަނީ، އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންދާ ކަމަށް 'ވޯލް ސްޓްރީޓް ޖާނަލް' އާއި 'އެކްސިއޯސް' ފަދަ އެމެރިކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އަސްކަރީ ހަރަކާތެއް ހިންގުމާމެދު ވަކި ގޮތެއް ނިންމިކަން ވައިޓް ހައުސްއިން ނުވަތަ އެމެރިކާގެ ދިފާއީ ވުޒާރާއިން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހަރަކާތްތަކާއެކު، އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާންއާއި، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާންގެ އިތުރުން، ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް މުނީރާއެކު ފޯނުން މަޝްވަރާކުރައްވާފައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި މަޝްވަރާތަކުގައި ސަރަހައްދީ ފަހުގެ މުހިންމު ބަދަލުތަކާއި، މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ ނުކުމެދާނެ ނަތީޖާތަކާ މެދު ވާހަކަދެކެވުނެވެ. އަދި އީރާނުގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް އަންނަ ކޮންމެ ހަމަލާއަކަށް ރައްދުދޭން ތައްޔާރަށް އޮތްކަން އަރާގްޗީ ތަކުރާރުކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާ ނުވަތަ އިސްރާއީލުން އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ ސަރަހައްދީ އެއްވެސް ގައުމަކުން އެކަމުގައި ބައިވެރިވެއްޖެނަމަ ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކާމެދު އޭނާ އިންޒާރު ދެއްވިއެވެ.
އީރާނުން ސީދާ ޑިޕްލޮމެޓިކް އުސޫލުތަކުގެ އިތުރުން، ސަރަހައްދީ ސިޔާސީ އާއި ސެކިއުރިޓީ ދާއިރާގައި ނުފޫޒުގަދަ ފަރާތްތަކާއެކު ވާހަކަދައްކަމުންދިއުމަކީ، އަވަސް ބަދަލުތަކެއް އަންނަމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި މަޝްވަރާގެ ދާއިރާ ފުޅާކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތެއްކަން ހާމަވެއެވެ.
އީރާނުން ވަނީ އީރާނަށް ނުރައްކާ ވެއްޖެ ނަމަ ގެއްލުން ލިބޭނެ ތަންތަނުގެ ފޮޓޯ ވެސް ދައްކާފަ އެވެ.





