އެމެރިކާގައި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު %183 އިތުރުވެފައިވާ ކަމަށް، ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ހާމަކޮށްފިއެވެ. މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހާދިސާތަކަށްފަހު މުސްލިމުންނާ ދެކޮޅަށް އެމެރިކާގައި ހިންގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ނަފްރަތުގެ ރާޅު ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.
ތަފާސްހިސާބުތަކުން ފެންނަ ބިރުވެރި މަންޒަރު
"ކެއާ" ގެ ރިސާޗް އެންޑް އައުޓްރީޗް ޑިރެކްޓަރު ކޯރީ ސޭލާ ވިދާޅުވީ، މޭ މަހުގެ ކުރީކޮޅުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް އިސްލާމޯފޯބިއާގެ ހަމަލާތަކުގެ އަދަދު އެތައް ގުނައަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"މިދިޔަ 30 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހޯދި ހޯދުންތަކުން ދައްކަނީ މިހާރު މި ފެންނަނީ އެންމެ ގޯސް ހާލަތު ކަމަށް. އަޅުގަނޑުމެންނަށް ލިބޭ ޝަކުވާތައް ގިނަކަމުން، އެ ހުރިހާ މައްސަލަތަކެއް ބަލައި ނިންމުމަކީ ވެސް މިހާރު ކުރެވޭ ވަރަށްވުރެ ބޮޑު ކަމަކަށް ވެއްޖެ،" ސޭލާ ވިދާޅުވިއެވެ.
މި ހަމަލާތަކުގެ ތެރޭގައި ހަމަނުޖެހުން ހިންގުމާއި، ފޯނުން ބިރުދެއްކުމާއި، މިސްކިތްތައް ހަލާކުކުރުމާއި، އަދި އިސްލާމީ މަރުކަޒުތައް ފުޅާކުރުމަށް ހުރަސްއެޅުން ފަދަ އަމަލުތައް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ކެލިފޯނިއާގެ ސޭން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ދިން ޓެރަރިސްޓް ހަމަލާއެވެ.
ޓްރަމްޕްގެ ޒިންމާ؟
މި ނަފްރަތުގެ އޮއިވަރުގެ ޒިންމާ ސޭލާ އަޅުވަނީ ޓްރަމްޕާއި ބައިވެރިންގެ ބޮލުގައެވެ. "ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަނީ އެމެރިކާގެ ރައްޔިތުންނަކީ ވަކި ސިފައެއް ހުރި، ވަކި ގޮތަކަށް އަޅުކަންކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ބުނެ، އެއާ ޚިލާފުވާ މީހުންނަކީ އެމެރިކާގެ ބައެއް ނޫން ކަމަށް ދައްކަން،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އީލޮން މަސްކްގެ 'އެކްސް' ޕްލެޓްފޯމަކީ ވެސް މިފަދަ ނަފްރަތާއި ތައައްސުބު އުފެދޭ މަންސައަކަށް ވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މުސްލިމުން އަމަލުކުރަންވީ ގޮތް
އެމެރިކާގައި ދިރިއުޅޭ މުސްލިމުންނަށް ސޭލާ ދެއްވި ނަސޭހަތަކީ، އަމިއްލަ ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރުމެވެ. "މިސްކިތްތަކާއި އަޅުކަންކުރާ ތަންތަނުގައި އަމިއްލަ ސެކިއުރިޓީ ބޭތިއްބުމަކީ މިއަދު ވަރަށް މުހިންމު ކަމެއް. ފުލުހުންނަށްވުރެ އަވަހަށް އެ މީހުންނަށް ރައްދު ދެވޭނެ،" އޭނާ ވިދާޅުވިއެވެ.
އަދި ހަމައެހެންމެ، ޤާނޫނީ މަގުން ހައްޤު ހޯދުމަށާއި، ބިރުގަނެ ހަނުނުތިބެ އަޑުއުފުލުމަށް މުސްލިމުންނަށް އޭނާ ގޮވާލެއްވިއެވެ. "އެމީހުން ބޭނުންވަނީ އަޅުގަނޑުމެން ހަނުތިބެން، އެކަމަކު އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން،" ކެއާގެ ރިސާޗް ޑިރެކްޓަރު ވިދާޅުވިއެވެ.






