އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ ފެނުގެ ނިޒާމުތަކަށް އަމާޒުކޮށް ދިން ސައިބަރ ހަމަލާތަކަށްފަހު، މިޝިގަން ސްޓޭޓުގެ ފެނުގެ ނިޒާމުތަކަށްވެސް މިފަދަ ހަމަލާތަކެއް އަމާޒުވެ، އެ ނިޒާމުތަކުގެ މަސައްކަތަށް ބުރޫއަރައިފިއެވެ.
މިޝިގަންގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު "ޖާމަން ނިއުސް އެޖެންސީ" (ޑީޕީއޭ) އަށް ވިދާޅުވި ގޮތުގައި، މަރުކަޒީ ސަރުކާރުގެ އިދާރާތަކުން ފާހަގަކޮށްފައިވާ މިނެސޯޓާގެ ފެނުމުގެ ނިޒާމަށް ދިމާވިފަދަ ސައިބާ ހަމަލައެއް މިޗިގަން ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ކުރިމަތިވެ ފެން ކެނޑިފައެވެ.
ފަހުން އެކަން ރަނގަޅު ކުރުމަށް ކުރި މަސައްކަތުން ފެނުގެ ހުރިހާ ނިޒާމެއް މިހާރުވެސް ރައްކާތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ތަރުޖަމާން ކަށަވަރުކޮށްދެއްވައެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް އަސަރެއް ފެނުން ފެނިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ 7 ސްޓޭޓުގެ ފެނުގެ ނިޒާމައަށް އަމާޒުކޮށް ސައިބާ ހަމަލާތައް
މި މައްސަލައާ ގުޅިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނީ، އެމެރިކާގެ މަދުވެގެން ހަތް ސްޓޭޓެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކުންފުނިތަކުން މިފަދަ ސައިބާ ހަމަލާތައް ލިބުނު ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، ބައެއް ހާދިސާތަކުގެ ސަބަބުން ފެނުގެ ޚިދުމަތްތަކުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އެފްބީއައި އިން އާންމުކުރި ބަޔާނެއްގައި އެފްބީއައިއިން ބުނި ގޮތުގައި، އިންޓަނެޓާ ގުޅިފައިވާ ޑިވައިސްތަކަށް ރިމޯޓްކޮށް ވަދެ، ހަމަލާދިން ފަރާތްތަކުން ވަނީ އައިޕީ އެޑްރެސްތަކާއި ޕާސްވޯޑުތައް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ފެނުގެ ނިޒާމުތައް މޮނީޓަރު ކުރުމާއި ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ކުންފުނީގެ ސިސްޓަމްތަކަށް ގެއްލިފައިވެއެވެ. ނަމަވެސް، މި ހަމަލާތަކުގެ ފަހަތުގައިވަނީ އީރާން ކަމަށް އެފްބީއައިއިން ސީދާ ބުނެފައެއް ނުވެއެވެ.
އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީ (ސީއައިއެސްއޭ) އިން ވަނީ އީރާނާ ގުޅުންހުރި ފަރާތްތަކުން ދޭ ސައިބަރ ހަމަލާތަކާ މެދު އިންޒާރު ދީފައެވެ. މި ހަމަލާތައް އަމާޒުވަނީ ސަރުކާރުގެ ޚިދުމަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، އަދި ހަކަތައިގެ ދާއިރާއަށެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މި ހަފުތާގައި މިނެސޯޓާގެ ފެނުގެ ޚިދުމަތް ދޭ އެތައް ނިޒާމުތަކަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރެއިން މަދުވެގެން އެއް ނިޒާމެއް ވަނީ ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައެވެ.
ތަޖުރިބާކާރުން ބުރަވަނީ މި ހަމަލާތަކުގެ ފަހަތުގައި އީރާނުގެ ހެކަރުން އުޅޭ ކަމަށެވެ. "ވޮޝިންޓަން ޕޯސްޓް" އާއި "ނިއު ޔޯކް ޓައިމްސް" އިން ތަޖުރިބާކާރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ އީރާނާ ގުޅުންހުރި ބައެއް ކަމަށް ބެލެވޭ ކަމަށްވި ނަމަވެސް، މިކަމުގެ ފައިނަލް ހޯދުންތައް އަދި ލިބިފައި ނުވެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިއީ އީރާނުގެ އަތެއް އޮތް ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވައި، މިނެސޯޓާގެ ޑިމޮކްރެޓިކް ގަވަރުނަރު ޓިމް ވޯލްޒްގެ ނާ ގާބިލުކަމުން ދިމާވި ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ޓްރަމްޕްގެ މި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ހޮޅި ވާހަކަތަކެއް ކަމަށް ބުނެފައެވެ.
ގަވަރުނަރު ވޯލްޒް "އެކްސް" ޕްލެޓްފޯމުގައި ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަމަލާގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކާކުކަން ޓްރަމްޕަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެހެން ސްޓޭޓުތަކަށްވެސް މިފަދަ ހަމަލާތައް އަމާޒުވެފައިވާކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި "މިއީ ޒަމާނީ ހަނގުރާމަ ސިފަވާ ގޮތް، އަދި އީރާނާ ދެކޮޅަށް ހަނގުރާމަ ކާމިޔާބު ކުރުމަށް ޓްރަމްޕްގެ އެއްވެސް ޕްލޭނެއް ނެތްކަން މިއިން އަނެއްކާވެސް ސާބިތުވެއްޖެ،" ކަމަށް އޭނާ ވިދާޅުވިއެވެ.






