އީރާނުގެ ނޫސް އެޖެންސީން އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ބުނީ، އީރާނުން އެމެރިކާގެ ކިބައިން އިތުރު ހަމަލާތަކެއް ނުދިނުމަށް އެދިފައިވާ ކަމަށް ޓްރަމްޕް ހޮއްލާ ހޮޅިވާހަކަތަކީ ތާކުތާކު ނުޖެހޭ ދޮގުތަކެއް ކަމަށެވެ.
އަސްކަރީ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީން ބުނީ، ޓްރަމްޕްގެ އެ ވާހަކަތަކަކީ "އާދައިގެ މަތިން އޭނާ ހަދާ ޒާތުގެ ބުހުތާން ދޮގެއް" ކަމަށެވެ. އަދި އީރާނުގެ ސިފައިން ތިބީ "އެންމެ މަތީ ފެންވަރުގެ ތައްޔާރީ ހާލަތުގައި" ކަމަށާއި، ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރަށް ތިބި ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
މީގެ އިތުރުން، އީރާނުގެ މަޝްވަރާ ޓީމާ ގާތް ފަރާތަކުން މިއަދު ވަނީ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެ އެމެރިކާއިން ފަތުރާ ވާހަކަތައް ވެސް ދޮގުކޮށްފައެވެ. އެ ފަރާތުން ބުނީ އެ ޚަބަރުތަކަކީ "އެއްވެސް އަސްލެއް ނެތް" ވާހަކަތަކެއް ކަމަށެވެ.
އީރާނުގެ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެ ފަރާތުން ބުނީ، "ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ނެތް، އަދި އެކަމާ ގުޅޭގޮތުން ފެތުރޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް،" ކަމަށެވެ.
އެ ފަރާތުން އިތުރަށް ބުނީ، އެމެރިކާއިން ކުރިއަށް ގެންދާ ދުޝްމަންކަމުގެ އަމަލުތައް ހުއްޓާނުލާހާ ހިނދަކު ހުރުމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ. އަދި އުޅަނދުފަހަރަށް ދަތުރުކުރުމުގެ ފުރުސަތު ދޭނީ ހަމައެކަނި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކަނޑުގެ ސިފައިން ކަނޑައަޅާފައިވާ މަގުން، އަދި އެ ފަރާތުގެ ހުއްދަ ކުރިން ލިބޭ ބަޔަކަށް ކަމަށްވެސް ބުންޏެވެ.






