އިޒްރޭލުގެ އަނިޔާވެރި ޖެނޮސްއިޑް އަމަލުތައް ނާޒީންގެ އަމަލުތަކާ އަޅާކިޔައި، އިންސްޓަގްރާމްގައި އެފަދަ ޕޯސްޓުތަކެއް ކުރި އަންހެނަކު، ކުށްވެރި ނުވާކަމަށް ޖަރުމަނުގެ ޒްވައިބްރޫކަން ސިޓީގެ މަތީ ކޯޓަކުން ހުކުމް ކޮށްފިއެވެ. މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ޖަރުމަނުގެ ގާނޫނީ ވެބްސައިޓެއް ކަމަށްވާ "ބެކް އޮންލައިން" އިން ޝާއިއުކުރި ކޯޓު ރިޕޯޓެއްގައެވެ.
މައްސަލައިގެ ފަސްމަންޒަރު
ލުޑްވިގްސްހޭފަންގެ ދަށު ކޯޓަކުން ކުރިން ވަނީ މި އަންހެން މީހާގެ 2،400 ޔޫރޯ އިން ޖޫރިމަނާ ކޮށްފައެވެ. އެއީ ޖަރުމަނުގެ ގާނޫނާ ޚިލާފު ޖަމިއްޔާތަކުގެ ނިޝާންތައް ކަމަށްވާ ނާޒީންގެ ސްވަސްޓިކާ ފަދަ ތަކެތި ބޭނުންކުރުމުގެ ކުށުގައެވެ. ނަމަވެސް، މަތީ ކޯޓުން މި ނިންމުން ބާތިލުކޮށްފައިވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށެވެ.
ކޯޓުގެ ނިންމުން
ކޯޓުން ފާހަގަކުރި ގޮތުގައި، އިޒްރޭލުގެ އަނިޔާވެރި ސިޔާސަތުތަކަށް ވަރުގަދަ ފާޑުކިޔުމެއް ރައްދުކުރުމަށްޓަކައި، ނާޒީންގެ ނިޝާންތައް ބޭނުންކުރުމަކީ ގާނޫނާ ޚިލާފު ޖަމިއްޔާތަކުގެ ނިޝާން ބޭނުންކުރުމުގެ ކުށާ އެއްފަދައިން ކިޔާލެވޭނެ ކުށެއް ނޫނެވެ. އަދި އެ ނިޝާންތައް ބޭނުންކޮށްގެން އޭނާ މަސައްކަތްކުރީ، ނާޒީންގެ ޒަމާނުގައި ހިނގި ބޮޑެތި އަނިޔާތަކާ މެދު ނުރުހުން ފާޅުކޮށް، އެ އަނިޔާތަކާ އިޒްރޭލުގެ އަނިޔާތައް އެއްގޮތްކަން ދައްކަން ކަމަށް ކޯޓުން ބުނެއެވެ.
އެ އަންހެން މީހާގެ ޕޯސްޓުތައް
އެ އަންހެން މީހާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ތާވަލެއްގައި، ނާޒީންގެ އަމަލުތަކާއި އިޒްރޭލުން މެދުއިރުމަތީގެ ޖެނޮސައިޑް ހަނގުރާމައިގައި ހިންގާ ލާއިންސާނީ އަމަލުތަކާ އަޅާކިޔާފައިވެއެވެ. އޭގެ މަތީގައި ވަނީ އެއް ފަރާތުގައި އިޒްރޭލުގެ ދިދަ، އަދި އަނެއް ފަރާތުގައި ނާޒީ ޕާޓީގެ ދިދައާއި ސްވަސްޓިކާ ފެންނަ ގޮތަށް އޮތް ފޮޓޯއެކެވެ.
މީގެ އިތުރުން، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާތައް ދައްކުވައިދޭ އެހެން ޕޯސްޓެއްގައި، "ސްޓާ އޮފް ޑޭވިޑް" ގެ މެދުގައި ނާޒީންގެ ސްވަސްޓިކާ ޖަހާފައިވެއެވެ. އަދި އިޒްރޭލުގެ ސިފައިން ފާރުގެ އެ ފަރާތުން ހަމަލާދޭ މަންޒަރާއި، ފާރުގެ ދަށުން ލޭ އޮހޮރޭ މަންޒަރުތައް ހިމަނައި، #freepalestine އަދި #gazaunderattack ފަދަ ހޭޝްޓެގްތައް އަންހެން މީހާ ބޭނުންކޮށްފައިވެއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން
މަތީ ކޯޓުން ވަނީ، ގާނޫނީ މާނަކުރުންތައް ފުޅާކޮށްގެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އަންގައި އިންޒާރު ދީފައެވެ.






