އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާއާއެކު މިވަގުތު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، ހުރުމުޒް މެދުވެރިކޮށް ދަތުރުފަތުރުކުރުމުގެ ކަންކަން ހަމެއްޖެއްސުމަށް އޮމާނާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.
ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އޮމާނާއެކު ކުރެވެމުންދާ މަޝްވަރާތަކަކީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި، އަމާޒަކީ ހުރުމުޒުން ދަތުރު ކުރުމަށް އާ މަގެއް ކަނޑައެޅުމަށް އެއްބަސްވުމަކަށް އައުން ކަމަށެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސާރުކުރުން ނިމުމަކަށް ނުގެންނަހާ ހިނދަކު، ހުރުމުޒް ކުދި ކަނޑުއޮޅީގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި، ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދު ކުރަން ނިންމީ އެ ހަނގުރާމައަށް ރައްދެއްގެ ގޮތުގައެވެ.
ހަތިޔާރު ގުދަން ހުސްވަމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން އީރާނަށް އިންޒާރުތަކެއް ދިން ނަމަވެސް، ފަހުން ވަނީ އެމެރިކާއާއި އީރާނާ ދެމެދު އާ މަޝްވަރާތަކެއް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއާ ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށާއި، މިވަގުތު ކުރެވެމުންދަނީ ހަމައެކަނި އީރާނާ އޮމާނާއެކު ކުރެވޭ މަޝްވަރާތަކެއް ކަމަށެވެ.






