އިންޑިއާގެ އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް (އޭ.އެމް.ސީ.އޭ) އަށް ޚާއްޞަކޮށްގެން ސަފްރަން އާއި ގޭސް ޓަރބައިން ރިސާޗް އެންޑް އެސްޓަބްލިޝްންޓް (ޖީ.ޓީ.އާރު.އީ) ގުޅިގެން 120 ކިލޯ ނިއުޓަންގެ ބާރު ލިބޭ ފައިޓަރ އިންޖީނެއް ތަރައްގީކުރުމުގެ މަޝްރޫޢެއް ފެށުމަށް ނިންމައިފިއެވެ.
މި މަޝްރޫޢަކީ އިންޑިއާއިން އިންޓަރލެކްޗުއަލް ޕްރޮޕަޓީގެ ފުރިހަމަ މިނިވަންކަން ލިބޭގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ގާތްގަނޑަކަށް 315 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ހިނގާ އިންޑިއާގެ ސިފައިންގެ ދާއިރާގެ ޕްރޮކިއުމެންޓްގެ ބައެކެވެ.
މި ފައިޓާ ޖެޓް އިންޖީނު މަޝްރޫޢު ކުރިއަށްދަނީ ސިފައިންގެ ދާއިރާއަށް އާންމުކޮށް ގަންނަ ޕާޗެސިންގއާ ޚިލާފަށެވެ.
މަތިންދާބޯޓު އިންޖީނު އުފެއްދުމަކީ އިންޑިއާއިން ދިގުމުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ފްރާންސްގެ ކުންފުންޏާއެކު މަތިންދާބޯޓު އިންޖީނު އުފެއްދުމުގެ މަސައްކަތް ފަށާއިރު އިންޑިއާއިން ވަނީ އެމެިރކާއާއެކު ވެސް އަސްކަރީ މަތިންދާބޮޓުގެ އިންޖީނު އުފެއްދުމާ ބެހޭ އެއްބަސްވުމެއް ބައިޑެންގެ ސަރުކާރުގައި ސޮއިކޮށްފައެވެ.
ފްރާންސާއެކު އުފައްދާ އިންޖީނު ފަރުމާކޮށްފައިވަނީ ފުރަތަމަ މަރުޙަލާގައި 120 ކިލޯ ނިއުޓަންގެ ބާރުމިން ލިބޭގޮތަށެވެ. އަދި ފަހުން އެ އަދަދު 140 ކިލޯ ނިއުޓަންއަށް މަތިކުރުމަށް ހަމަޖެހިފައި ވެއެވެ.
މީގެ ކުރީގެ ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމާ ޚިލާފަށް މި މަޝްރޫއުގައި ފިކުރީ މުދަލުގެ ހުރިހަިއ ހައްގެއް އޮންނާނީ އިންޑިއާއަށެވެ.
މި މަޝްރޫއު 10 އަހަރުގެ ތެރޭގައި 6.4 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ.
މި މަޝްރޫޢާ ގުޅިގެން އިންޑިއާގެ ލެބޯޓްރީއެއް ކަމަށްވާ ޖީ.ޓީ.އާރު.އީ އިން ވަނީ ބެންގަލޫރުގައި 64 އޭކަރުގެ ކެމްޕަހެއްގައި ސައިންސްވެރިންނާއި ޓެކްނީޝަނުންނާއެކު މަސައްކަތްތައް ފަށާފައެވެ. މި އައު ސަފްރަން ޖޮއިންޓް ވެންޗަރއަކީ އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދުފަހަރުގެ މުސްތަޤުބަލަށް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅެވެ.




