ގަދަ ހޫނުން ރައްކާތެރިވުމަށް ކުއްތާ މަހުގެ ސޫޕާއި ކުކުޅު ސޫޕް ބުއިމަށް އިރުޝާދުދީފި

ކޮރެއާ ސަރަހައްދަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ރާޅުން ރައްކާތެރިވުމަށާއި، ހޫނަށް ކެތްކުރުމަށްޓަކައި ކުއްތާ މަހުން ތައްޔާރުކުރާ ސޫޕާއި ކުކުޅު ސޫޕް ބޭނުންކުރުމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރައްޔިތުންނަށް އިރުޝާދުދީފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހޫނު ހޫނުމިން 36.7 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާއިރު، މިއީ އެ ގައުމުގެ ތާރީޚުގައިވެސް މޫސުމީ ރެކޯޑުތައް ބަލަހައްޓަން ފެށިފަހުން ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާގެ ވެރިކަންކުރާ ޕާޓީގެ ރަސްމީ ނޫސް "ރޮޑޮންގް ސިންމުން" ގައި ޕްޔޮންގްޔަންގް ޖެނެރަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ ބުނެފައިވަނީ، ހޫނުގަދަ ދުވަސްވަރު ހަށިގަނޑު ފިނިކޮށްދޭ ކާނާގެ ގޮތުގައި ކަރާ، ކެކުރި އަދި މުގު ބީންސް ބޭނުންކުރުމަށް އިރުޝާދުދީފައިވާ ކަމަށެވެ. މީގެއިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާގެ ގޮތުގައި ކުއްތާ މަހުގެ ސޫޕް ކަމަށްވާ ދާންގޯގީ-ގުކް އާއި، މަސް ކަނދި އަދި ރަތް ބީންސް ކަނދި ބުއިމަށް ވަނީ އިރުޝާދުދީފައެވެ.

ކޮރެއާގެ ގަދީމީ ގަބޫލުކުރުންތަކުގައިވާ ގޮތުން، އިރުވައި މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކުއްތާ މަހުގެ ސޫޕާއި، ޖިންސެންގް އަޅައިގެން ތައްޔާރުކުރާ ކުކުޅު ސޫޕް ބުއިމަކީ ހަށިގަނޑުގެ ވަރުޖެހި، ހޫނުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެކެވެ.

މީގެއިތުރުން، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންވެސް ރައްޔިތުންނާއެކު މި ގަދަ ހޫނުގައި މަސައްކަތްޕުޅު ކުރައްވަމުންދާކަން ދެއްކުމަށް ޚަބަރުތައް ފަތުރާފައެވެ.

އުތުރު ކޮރެއާއިން ހޫނުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހާމަކޮށްފައި ނުވިނަމަވެސް، އަވައްޓެރި ދެކުނު ކޮރެއާގައި ގަދަ ހޫނުގެ ސަބަބުން 20 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވަނީ ރިޕޯޓުކޮށްފައެވެ.

ހިއްސާ ކުރައްވާ!