އުތުރު ކޮރެއާ އިން 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 22 ބިލިއަން އެމެރިކާ ޑޮލަރު ހޯދާފައިވާ ކަމަށް ބްލޫމްބާގް އިކޮނޮމިކްސްގެ ދިރާސާއަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީގެ ހަތަރު އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރުގުނަ އިތުރު އަދަދެކެވެ.
މި އާމްދަނީގެ ބޮޑު ބަޔެއް އުތުރު ކޮރެއާއަށް ލިބިފައިވަނީ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ބޭނުންވި ހަތިޔާރާއި، އާޓިލަރީ ކާޓްރިޖް އަދި ސިފައިން ފޮނުވައިދީގެންނެވެ.
ތަފްސީލް؛
- އަސްކަރީ އެހީ: ޔޫކްރޭންގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު، ރަޝިޔާއިން ބޭނުންކުރި 12 އެމްއެމްއާއި 152 ގެ އާޓިލަރީ ޝެލްތަކުގެ ގާތްގަނޑަކަށް 50 އިންސައްތައަކީ އުތުރު ކޮރެއާއިން ފޯރުކޮށްދިން ހަތިޔާރެވެ.
- ސިފައިން ފޮނުވުން: އުތުރު ކޮރެއާއިން 16,000 އާއި 22,000 އާ ދެމެދުގެ އަދަދަކަށް ސިފައިން ރަޝިޔާގެ ހަނގުރާމައަށް ފޮނުވާފައިވާއިރު، ކޮންމެ ސިފައިންގެ މީހަކަށް މަހަކު 2,000 ޑޮލަރުގެ ރޭޓުން އުތުރު ކޮރެއާއަށް ފައިސާ ލިބިފައިވެއެވެ.
- އިގްތިސާދީ ކުރިއެރުން: އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، މި ފައިސާގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސާދު ވަނީ ޖެހިޖެހިގެން ތިން އަހަރު ކުރިއަރާފައެވެ. ސައުތު ކޮރެއާގެ ސެންޓްރަލް ބޭންކުން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު އުތުރު ކޮރެއާގެ އިގްތިސާދު 3.5 އިންސައްތައިން ކުރިއަރާފައިވެއެވެ.
- އަސްކަރީ ގާބިލުކަން އިތުރުކުރުން: ލިބުނު ފައިސާއާއެކު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުގެ ނިއުކްލިއާ އަދި ކަނޑުގެ އަސްކަރީ ގާބިލުކަން ވަރުގަދަކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ރަޝިޔާއިން ވަނީ އުތުރު ކޮރެއާއަށް އަސްކަރީ ޓެކްނޮލޮޖީގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.




