ސައޫދީ އަރާމްކޯގެ ވެރިޔާގެ އިންޒާރު: ހަކަތައިގެ ހާލަތު އިންތިހާއަށް ގޯސްވެ، މުޅި ދުނިޔެއަށް ނޭދެވޭ އަސަރުކުރާނެ

ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި މިހާރު އުފެދިފައިވާ ހާލަތަކީ އެންމެ ނުރައްކާތެރި އަދި އެންމެ ގޯސް ހާލަތު ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ސައޫދީ އަރާމްކޯގެ އިސްވެރިޔާ އިންޒާރު ކުރައްވައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި، ހަކަތައިގެ އުފެއްދުންތަކަށާއި ސަޕްލައި ޗޭނަށް އަންނަމުންދާ ބުރޫތަކަކީ ވަކި ވަކި ސަރަހައްދަކަށް އެކަނި މަހްދޫދުވެފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ދުނިޔޭގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ދަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ.

މެދުއަރާމަތީގެ މަސްރަހު ގައި އުފެދިފައިވާ ހަމަނުޖެހުމާއި ރެޑް ސީ އާއި ހުރުމުޒު ކަނޑުއޮޅި ހިމެނޭ މައިދާން ގައި އަސްކަރީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހަކަތައިގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސައޫދީ އަރާމްކޯއިން ފާހަގަކުރި ގޮތުގައި، ތެލާއި ގޭސް އުފައްދާ މުހިންމު ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގްވާމީ ބާޒާރުތަކަށް ހަކަތަ ފޯރުކޮށްދިނުމުގައި މިހާރު ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތަކެތީގެ އަގުތައް އުފުލުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

މެދުއރުމަތީގެ މަސްރަހު ދިރާސާކުރާ ޑިޕްލޮމެޓުންނާއި ސްޓްރެޓެޖީ މާހިރުން ފާހަގަކުރާ ގޮތުގައި، ސައޫދީ އަރާމްކޯގެ ވެރިޔާ ދެއްވި އިންޒާރާއި، ސައޫދީގެ މަދަނީ އަސާސީ ނިޒާމުތަކަށް ދެވޭ ސައިބާ ހަމަލާތަކާއި، އަދި ބައިނަލްއަގްވާމީ ގޮތުން ސިފައިންގެ ހަރަކާތްތައް އިތުރުވުމަކީ ދުނިޔޭގެ ސަލާމަތާއި އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ.

ސައޫދީ އަރާމްކޯގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި، "މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއަކީ ސަރަހައްދީ މައްސަލައެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ އިގްތިސާދީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ކުއްލި ހާލަތެކެވެ." މި ހާލަތުން އަރައިގަތުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!