ހަސީނާގެ އޮފް ކަނޑުވާލައިފި

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާއާ ދެކޮޅަށް ދަރިވަރުން ނިކުމެ މުޒާހަރާ ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުމަށްފަހު ސުޕްރީމް ކޯޓުންވެސް ޙުކުމް ކޮށްފައި ވަނީ ދަރިވަރުންނާއި އާންމުން އެދި ގޮވާލާފައިވާ ގޮތަށެވެ.

ބަނގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި މީހުންގެ ޚާންދާންތަކަށް ސަރުކާރު ވަޒީފާތަކުގެ ބޮޑު ހިއްސާއެއް ހަމަޖައްސާފައި ބޭއްވާ ނިސްބަތް ސުޕްރީމް ކޯޓުން ވަނީ ފަސް ޕަސެންޓަށް ދަށްކޮށްފައެވެ. އަދި ހަސީނާގެ އަވާމީ ލީގުން ޔުނިވާސިޓީ ކެމްޕަސްތަކުގައި ގެންގުޅޭ ގުންޑާއިން ނިސްބަތްވާ ބަނގްލަދޭޝް ޗަތުރާ ލީގް ޖަމުއިއްޔާއަށްވެސް ޔުނިވާސިޓީ ކެމްޕަސްތަކުގައި އޮޕަރޭޓް ކުރުން މަނާކޮށްފައި ވެއެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ނިކުތް ޒުވާނުންނަކީ ސަރުކާރު ޔުނިވާސިޓީތަކާއި ޕްރައިވެޓް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ. 2018 ވަނަ އަހަރުވެސް ވަޒީފާގެ ކޯޓާގެ މައްސަލާގައި ދަރިވަރުން މުޒާހަރާ ކުރިއެވެ. މިފަހަރު އެމީހުން މުޒާހަރާއަށް ނިކުތީ މިއީ އެންމެ ފަހު ފަހަރު ކަމަށް ބަލައިގެންނެވެ.

މަސްރަޙު އޮތީ އެފަދަ މުޒާހަރާތަކަކަށް ފައްކާވެފައެވެ. ދެކުނު އޭޝިއާގައި އެންމެ ބާރަށް ތަރައްގީވަމުން އަންނަ އިގްތިސާދުކަމަށް ބުނެވުނުކަމުގައިވިއަސް، ބަނގްލަދޭޝްގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް 40 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

ދެއަހަރު ވަންދެން ހީނަރު އިޤްތިޞާދަކާ ކުރި މަތިލާން ޖެހިފައި އޮތުމުގެ ސަބަބުން ހަސީނާގެ ސަރުކާރަށް ވަނީ ތެޔޮ އިމްޕޯޓު ކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބޭގޮތް ނުވެފައެވެ. ހަސީނާގެ ސަރުކާރުން އެދުނު 5 ބިލިއަން ޑޮލަރުގެ ލޯނު ވެސް ޗައިނާއިން ލިބޭގޮތެއް ނުވިއެވެ. ހަކަތަ އުފެއްދުމުގެ ދާއިރާއަށް އަންނަ ކޮންމެ ހީނަރުކަމަކީ ބޭރު ފައިސާ އެތެރެ ކުރުމުގެ ވަސީލަތްކަމުގައިވާ ފޭރާން އުފެއްދުމުގެ ދާއިރާއަށް ބުރޫއަރާނެ ކަމެކެވެ.

ހަސީނާ ވަނީ ޚުދުމުޚުތާރު ގޮތްތައް ބޭނުންކޮށްގެން އިދިކޮޅު ބަނގްލަދޭޝް ނޭޝަނަލް ޕާޓީ އެއްކޮށް ބަލިކޮށްފައެވެ. އަދި ވެރިކަމުގެ ހުރިހައި ދާއިރާއަކަށް އޭނާގެ ނެޕޮޓިޒަމްގެ ވަކިތައް ފަތުރާފައެވެ.

ބަނގްލަދޭޝްގެ މުޒާހަރާތަކުގައި ދުވާލެއްގެ މައްޗަށް 50ހަކަށް މީހުން މަރުވެފައި ވެއެވެ. ސަރުކާރުގެ އޯޑަރަށް ފުލުހުން ވަނީ ފަސްޖެހުމެއް ނެތި ދިރޭ ވަޒަން ބޭނުން ކޮށްފައެވެ. މި ހަމަނުޖެހުމުން ބަނލްގަދޭޝްގެ ސިޔާސީ އިގްތިސާދީ މަސްރަހުން ދިގު ދެމިގެންދާ އަސަރެއް ފެނިގެންދާނެއެވެ. މުޒާހަރާ ކުރި މީހުންނަށް ލިބުނު ކާމިޔާބިއަކީ ހަސީނާގެ އޮފް ކަނޑުވާލެވުނު ކަމެވެ.

ހިއްސާ ކުރައްވާ!