ޔޫކޭ އާއި އިންޑިއާއިން ގުޅުން ބަދަހި ކުރުމަށް ސަލާމަތީ ދާއިރާގެ މަޝްވަރާއަށް

އިނގިރޭސި އައު ސަރުކާރުން ވަނީ އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިވާކަން ޔަޤީން ކޮށްދިނުމަށް، އައު ޚާރިޖީ ވަޒީރު އިންޑިއާއަށް ފޮނުވާފައެވެ. ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިޤްތިޞާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ޔޫކޭގެ ކޮންޒަރވެޓިވް ސަރުކާރާއެކު މަސައްކަތް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެމަސައްކަތް ދިޔައީ ބަރަވެލި ދުވެލީގައެވެ.

ޔޫކޭގެ ބޮޑު ވަޒީރު ކޭއާ ސްޓާމަރ އޭނާގެ އާ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އިންޑިއާއަށް ފޮނުއްވައި މަޝްވަރާތައް ކޮށްފައި ވަނީ އިންޑިއާއާއި އިނގިރޭސިވިލާތުން ޓެކްނޮލޮޖީ ސެކިއުރިޓީ އިނިޝިއޭޓިވް (ޓީއެސްއައި) އެއްބަސްވުމެއްގައި މަސައްކަތް ކުރުމަށެވެ. ޓިއެސްއައި އަކީ އިންޑިއާއިން ކާމިޔާބު ކަމާއެކު އެމެރިކާއާއެކު ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

އިންޑިއާ-ޔޫކޭ ޓެކްނޮލޮޖީ ސެކިއުރިޓީ އިނިޝިއޭޓިވް (ޓީއެސްއައި) ލޯންޗުކުރިކަން ދެ ފަރާތުން ވެސް ވަނީ ލެމީގެ އިންޑިއާ ދަތުރުފުޅުގައި އިޢުލާން ކޮށްފައެވެ.

މުހައްލިލުންނާއި މީޑިއާއިން ބުނެފައި ވަނީ މިއީ ހެޔޮ ފާލައެއް ކަމަށެވެ. އަދި މިއިން، ދެގައުމުގެ ގުޅުންތައް އައު ހިތްވަރަކާއެކު، ބާރު ދުވެއްޔެއްގައި ކުރިއަށް ގެންގޮސްދޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މީގެ ކުރިން އިންޑިއާއާއި ޔޫކޭގެ ގުޅުމަށް ހިޔަނި އެޅިފައި ވަނީ، ޚާލިސްތާން މައްސަލައާއި ކަޝްމީރުގެ ބަހުސްތަކުންނެވެ. ނަމަވެސް މިއީ އަދި ދެޤައުމުގެ މަޝްވަރާއިން ބާކީވެގެން ދާނެ މައްސަލަތަކެއް ނޫނެވެ. އެހެންނަމަވެސް، ސެކިއުރިޓީ އިނިޝިއޭޓިވްއިން ދެ ގައުމުގެ މެދުގައި ވަރުގަދަ ޕާޓްނަޝިޕެއް ގާއިމް ކުރުމަށް ސްޓްރެޓެޖިކް ބިންގަލެއް ބިނާކޮށްދޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އިނގިރޭސިވިލާތާއި އިންޑިއާގެ ގުޅުމަކީ، މާޒީގައި ލޭބާރ އަދި ކޮންޒަރވެޓިވުންގެ ސަރުކާރުތަކުގައިވެސް އެކިކަންކަމުން ގުޅުމަށް ހިޔަނި އެޅިފައިވާ ގުޅުމެކެވެ. އިންޑިއާއިން ދެކޭ ގޮތުގައި އެކަމުގެ އަސްލަކީ، އިންޑިއާއާ ދެކޮޅު ފަރާތްތަކަށް ސިއްރިއްޔާތުގައި، އިނގިރޭސިން ތާއީދު ކުރުމެވެ. ނަމަވެސް އަލަށް އިންތިހާބުވި ލޭބަރ ސަރުކާރުން ޓީއެސްއައި ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވުމުން، އިންޑިއާއާ ގުޅުން ވަކި މިންވަރަކަށް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް ލިބެ އެވެ.

މި މަސައްކަތުގެ ނަތީޖާއަކަށް ވާނީ، ދެ ގައުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ހަރުދަނާ އެއްބާރުލުމެއް ޤާއިމް ވެގެން ދިއުމެވެ.

ހިއްސާ ކުރައްވާ!