ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޙަސީނާގެ ފުރަތަމަ 24 ގަޑިއިރު

އިންޑިއާގެ މަސްއޫލުވެރިންނަށް، ހޯމަ ދުވަހުގެ މެންދުރު ފަހު، ގާތްގަނޑަކަށް އެއްފަހަރާ ދެ ރިކުއެސްޓެއް، ބަނގްލަދޭޝްގެ ވެރިރަށް ޑާކާއިން ލިބިވަޑައިގަތެވެ. މި ރިކުއެސްޓްތައް ދިޔައީ، ބަނގްލަދޭޝްގެ ބޮޑު ވަޒީރުގެ ގަނޑުވަރުގައި ސިފައިންނާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ބޮޑުވަޒީރުކަމުން ޙަސީނާ އިސްތިއުފާ ދެއްވަން ނިންމެވި ތަނާއެވެ.

ފުރަތަމަ ރިކުއެސްޓް ދިޔައީ، ސީދާ ޝެއިޚް ޙަސީނާގެ ފަރާތްޕުޅުންނެވެ. އޭގައި އެދިވަޑައިގަތީ، އިންޑިއާއަށް ކުއްލިއަކަށް ވަޑައިގަތުމަށް ނިއުދިއްލީގެ ރުހުން ބޭނުންފުޅުވާ ކަމަށެވެ. ދެވަނަ ރިކުއެސްޓް ވެސް ގާތްގަނޑަކަށް ހަމަ އެވަގުތު ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން (ބެލެވޭ ގޮތުގައި ސިފައިންގެ ފަރާތުން) އިންޑިއާއަށް ފޮނުވިއެވެ. އެ ރިކުއެސްޓްގައި އެދިފައި ވަނީ، ޝެއިޚް ޙަސީނާ އިންޑިއާއަށް ގެންދާ އަސްކަރީ މަތިންދާބޯޓަކަށް “ފްލައިޓް ކްލިއަރެންސް” ދިނުމަށެވެ.

އިންޑިއާއިން ހުއްދަ ހޯދުމަށްފަހު ޝެއިޚް ޙަސީނާ ގޮވައިގެން ދަތުރުކުރި ސިފައިންގެ ބޯޓު ދިއްލީ ކައިރިއަށް ޖައްސާފައިވަނީ ހޯމަ ދުވަހުގެ ހަވީރު އިރުއޮއްސެން ކައިރި ވެފައި ވަނިކޮށެވެ.

މި މައުލޫމާތު ހާމަކޮށްފައި ވަނީ، އިއްޔެ، އަންގާރަ ދުވަހުގެ މެންދުރު ފަހު އިންޑިއާގެ ޕާލަމެންޓްގެ މަތީ ގޭގައި ދެއްވި ބަޔާނުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރު އަމިއްލަފުޅަށެވެ.

ދިއްލީ ކައިރީގައި އޮންނަ ހިންޑަން އެއާބޭސްއަށް ޖެއްސުމަށްފަހު ޝެއިޚް ޙަސީނާ ވަގުތު ހޭދަކުރެއްވީ ކިހިނެއް ބާވައެވެ؟ އެކަމަނާ ދިއްލީއަށް ވަޑައިގަތުމާއެކު އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވަލް އާއި އިތުރު މަދު އޮފިޝަލުންތަކެކެވެ. އަޖިތު ޑޯވަލް ވަޑައިގަތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުގަ އެވެ. އެއާބޭސް ޓާމިނަލް އިމާރާތުގެ ލައުންޖުގައި ދެ ބޭފުޅުން ބައްދަލު ކުރައްވައި، ސައިފޮދު ހިތްޕެވުމުގެ ތެރޭގައި ތަފްސީލުކޮށް މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

ޙަސީނާގެ އަންހެން ދަރިފުޅަކީ ނިއުދިއްލީގައި، ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމުގައި މިދިޔަ އަހަރުން ފެށިގެން މަޤާމު އަދާ ކުރައްވާ ބޭފުޅެކެވެ. ސައިމާ ވާޖިދު ޕުޓޫލް އެވަގުތު ހުންނެވީ، ތައިލެންޑަށް ކުރައްވާ ދަތުރުފުޅެއް ގައެވެ. ޕުޓޫލް ވަނީ ޙަސީނާއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި ފަހުން ދަތުރު ކުރު ކުރައްވައި ދިއްލީއަށް ދަތުރު ފަށްޓަވާފައެވެ. ޝެއިޚް ޙަސީނާގެ ފިރިހެން ދަރިކަލުން ސަޖީބު ވާޖިދު ޖޯއީ ވަނީ އެމެރިކާއިން އެތައް ފަހަރަކު އޭނާގެ މަންމައާ ވާހަކަ ދައްކާފައެވެ.

ޙަސީނާގެ ދަތުރުފުޅަށް ފަހު އިންޑިއާއިން ހީކުރީ ޙަސީނާގެ ދަތުރުފުޅަކީ ވަގުތީ ސްޓޮޕްއޯވައެއް ކަމަށެވެ. އިންޑިއާއަށް ފައިބައި ވަޑައިގަތުމަށް ރުހުން ހޯއްދެވި ގޮތުން އިންޑިއާއިން ހީކުރީ 3 ވަނަ ޤައުމަކަށް ވަޑައިގަތުމުގެ ކުރިން، ވަގުތީ ދަތުރުފުޅެއް ކަމަށެވެ. އިންޑިއާގެ އޮފިޝަލުންނަށް ޔަޤީން ކުރެވުނީ، އެތިންވަނަ މަންޒިލަކީ، އިނގިރޭސިވިލާތް ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ޙަސީނާ އާއެކު ދަތުރުކުރައްވާ އޭނާގެ ކޮއްކޮ ރީޙާނާއަކީ، އިނގިރޭސި ޕާސްޕޯޓް ގެންގުޅުއްވާ ބޭފުޅަކަށް ވުމެވެ. ރީޙާނާގެ ދަރިކަނބަލުން ޓިއުލިޕް ސިއްދީޤަކީ އިނގިރޭސި ވެރިކަން ކުރާ ލޭބަރ ޕާޓީގެ އިސް މެމްބަރެއްގެ އިތުރުން އިނގިރޭސިވިލާތުގެ ޖޫނިއަރ މިނިސްޓަރެއްވެސް މެއެވެ. އަދި ޝެއިޚް ޙަސީނާ އަކީވެސް ލަންޑަނުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން މަގާމުން ބާލާ ފަރާތްތަކަށް، ސިޔާސީ ޙިމާޔަތް ދިނުމުގެ އިނގިރޭސިންގެ ތާރީޚަށް ބަލާއިރު، ޙަސީނާއަށް އެކަމުގައި ހުރަހެއް ނޯންނާނެ ކަމަށް ބެލެވުނެވެ.

ނަމަވެސް، އެދުވަހުގެ ހަވީރު 6 ޖެހުމާ ހަމައަށް، އެއީ ޙަސީނާގެ ބޯޓު ހިންޑަން އެއާޕޯޓަށް ޖެއްސިތާ އެއްގަޑި އިރުފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މަސްދަރަކުން މަޢުލޫމާތު ދީފައި ވަނީ ޙަސީނާ އެރޭ 9 ޖަހާއިރު ލަންޑަނަށް ފުރައި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންޑިއާގެ މަސްއޫލުވެރިން މަޝްވަރާ ފެށްޓެވީ، ޙަސީނާ ދަތުރު ކުރައްވާނީ ދިއްލީއަށް ގެނައި ބަންގްލަދޭޝް އެއާފޯސްގެ ސީ-130 ޓްރާންސްޕޯޓް މަތިންދާބޯޓުން ތޯ، ނޫނީ އިންޑިއާގެ މަތިންދާބޯޓެއްގައި ތޯ ނޫނީ، ކޮމާޝަލް ފްލައިޓެއްގައި ތޯއެވެ. ނަމަވެސް ރޭ އަނދިރިވަމުން ދިޔަވަރަކަށް، ޙަސީނާގެ  އިނގިރޭސިވިލާތުގެ ދަތުރު ހީކުރިހައި ފަސޭ ދަތުރުފުޅެއް ކަމަކަށް ނުބެލެވުނެވެ.

އެ ރޭ ދަންވަރު ދިއްލީގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރު ލިންޑީ ކެމަރަން ވަނީ ޙަސީނާ ހިމާޔަތް ހޯއްދެވުމަށް އެދިވަޑައިގަތް މައްސަލަ އަދިވެސް އިނގިރޭސި ސަރުކާރުން ވިސްނަމުންދާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމަށް ވަގުތު ނަގާނެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ނުރަސްމީކޮށް މަޢުލޫމާތު ދެއްވާފައެވެ.

އެއަށްފަހު ޙަސީނާ ވަނީ، ފިންލޭންޑާއި ސްކެންޑިނޭވިއާގެ އެހެން ޤައުމުތަކުން ޙިމާޔަތް ލިބޭތޯ ބައްލަވާ ފައެވެ. ނަމަވެސް ރޭ ދަންވަމުން ދިޔަވަރަކަށް އެކަމުންވެސް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

ފަހުން، އިންޑިއާގެ ސަލާމަތީ ކަންކަމާ ބެހޭ ކެބިނެޓްގެ ޚާއްސަ ކޮމިޓީން ބޮޑު ވަޒީރު ނަރެންދްރަ މޮދީގެ ރިއާސަތުގައި ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. މޮދީގެ ގެކޮޅުގައި އޮތް ބައްދަލުވުމުގައި ބަންގްލަދޭޝްގެ ޙާލަތާ ބެހޭ ގޮތުން ތަފްޞީލީ ގޮތެއްގައި މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރާއި ހޯމް މިނިސްޓަރު އަމިތު ޝާހާއި ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން ފަދަ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެރޭ، ޝެއިޚް ޙަސީނާއަށް އިންޑިއާއިން ފުރައިވަޑައި ނުގެންނެވޭނެކަން ޔަޤީން ވުމުން، އިންޑިއާ ސަރުކާރުން އޭނާއާއި ޝެއިޚް ރީހާނާ، ހިންޑަން އެއަރބޭސްގެ ޓާމިނަލްގެ ލައުންޖުން އަސްކަރީ މަރުކަޒެއްގެ ރައްކާތެރި ގެއަކަށް ބަދަލުކުރިއެވެ. އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައި، ޣާޒިއާބާދުގެ އިންދިރާޕޫރަމްގެ ޕެރަމިލިޓަރީ ސިފައިންގެ ގެސްޓްހައުސްއެއް ނުވަތަ ސޭފް ހައުސްއެއްގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެކަމަނާ ބެހެއްޓި އެވެ.

އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް ވެސް އެބޭފުޅުން ތިއްބެވީ އެތަނުގައި އެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވަނީ އެއަށްވުރެން ރައްކާތެރި އަދި ސިއްރު މަރުކަޒަކަށް ގެންގޮސްފައެވެ. އެހާ ހިސާބަށް ޝައިޚް ޙަސީނާއަށް އަވަހަށް އިންޑިއާ ދޫކޮށް ވަޑައި ނުގެންނެވޭނެ ކަން އިންޑިއާ ސަރުކާރަށް ހާމަވިއެވެ.

އަންގާރަ ދުވަހު ހެނދުނު، ބަންގްލަދޭޝްގެ ހާލަތާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ހުރިހައި ސިޔާސީ ޕާޓީއެއް ހިމެނޭ ބައްދަލުވުމަށް ގޮވާލިއެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އެ ބައްދަލުވުމުގައި ޝެއިޚް ޙަސީނާ މިވަގުތު އިންޑިއާގައި މަޑުކުރައްވާނެ ކަމުގެ އިޝާރާތެއް އެބޭފުޅުންނަށް ދެއްވާފައެވެ. އަދި އިންޑިއާ ސަރުކާރުން ޝައިޚް ޙަސީނާއާ އެކު އިބްތިދާއީ މަޝްވަރާތަކެއް ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

“އިންޑިއާ ބޭނުންވަނީ އެކަމަނާގެ ކުރިއަށް އޮތް ޕްލޭންތަކަށް އިތުރު ވަގުތު ދޭން،” ބައެއް މަސްދަރުތަކުން އެސް ޖައިޝަންކަރާއި ހަވާލާދީ ބުނެފައިވެއެވެ.

ހަސިނާ އިންޑިއާއަށް ގެންދިޔަ މަތިންދާބޯޓު އިންޑިއާއިން އެނބުރި ބަނގްލަދޭޝަށް ފުރީ އަންގާރަ ދުވަހުގެ ހެނދުނު 9 ޖަހާ އެހާކަންހާއިރު އެވެ. އެ ބޯޓު ފުރުމާއެކު އޮޅުމަކުން، އޭއެންއައި އިން ރިޕޯޓްކޮށްފައިވަނީ “ބޯޓު އެނބުރި، ޝެއިޚް ޙަސީނާއާ އެކު ދިޔައީ” ކަމަށެވެ. ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އެ ބޯޓުގައި ޝެއިޚް ޙަސީނާ ނެތްކަން ފާހަގަކޮށް އެ ކުށް އިސްލާޙު ކުރި އެވެ.

ޝައިޚް ޙަސީނާ ދިއްލީގައި 24 ގަޑިއިރު ހޭދަކުރެއްވީ ކުރިމަގާ މެދު ޔަގީންކަމެއް ނެތް ހާލަތެއްގައެވެ.

އެކަމަނާއާ ބައްދަލުވެވަޑައިގަތް އޮފިޝަލަކު މީޑިއާއަކަށް މައުލޫމާތު ދެއްވި ގޮތުގައި، “އެތެރޭގައި ކިތަންމެ ނަފްސާނީ ހާސްކަމެއް އެކަމަނާ އިޙުސާސް ކުރެއްވިއަސް، ބޭރުފުށުން އެކަން އެއްގޮތަކަށްވެސް ނުދައްކަވާ. އާދައިގެ ގޮތަކަށް ވާހަކަ ދައްކަވައި ކަންކަމުގައި މަޝްވަރާ ކުރައްވައި ހައްދަވާ. އެކަމަނާ ހުންނެވީ، ޖިސްމާނީ ގޮތުން ވެސް ދުޅަހެޔޮ ސިއްހަތެއްގައި” މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!