ހަސީނާއާއި އޭނާގެ ކޮއްކޮ އަނބުރައި ބަނގްލަދޭޝަށް ފޮނުވުމަށް އެދިވަޑައިގެންފި

ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އޭނާގެ ކޮއްކޮ ޝެއިޚް ރީހާނާ ހައްޔަރުކޮށް އަނބުރާ ބަންގްލަދޭޝްއަށް ފޮނުވުމަށް ބަނގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަން (އެސްސީބީއޭ)ގެ ރައީސް އޭއެމް މަޙްބޫބުއްދީން ޚޮކޮން އިންޑިއާއަށް ގޮވާލައްވައިފި އެވެ. އެސްސީބީއޭގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ ބީއެންޕީއަށް ތާއީދުކުރާ ބައެއް ވަކީލުން ވެސް ބައިވެރިވި އެވެ.

އެސްސީބީއޭގެ ރައީސް ވިދާޅުވީ “އަޅުގަނޑުމެން ބޭނުންވަނީ އިންޑިއާގެ ރައްޔިތުންނާ އެކު ހެޔޮ ގުޅުމެއް ބާއްވަން. ގައުމުން ފިއްލަވައިގެން ވަޑައިގަތް ޝެއިޚް ޙަސީނާ އާއި ޝެއިޚް ރީހާނާ ހައްޔަރުކޮށް، އެބޭފުޅުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވައި ދެއްވާ” އޭނާ ވިދާޅުވިއެވެ.

ބެރިސްޓާ ޚޮކޮން އަކީ، އިދިކޮޅު ބީއެންޕީގެ ޖޮއިންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ބަނގްލަދޭޝްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

މި ބައްދަލުވުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސިޔާސީ ކަންކަމާއި ކޮރަޕްޝަންގައި އުޅެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެއް ހަފްތާގެ ތެރޭގައި އިސްތިއުފާ ދެއްވުމަށެވެ. އަދި އެޓާނީ ޖެނެރަލް އޭއެމް އަމީނުއްދީންއާއި ބަންޑާރަ ނާއިބްގެ އޮފީހުގެ ވަކީލުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރުސީ) ގެ އިސްވެރިންނާއި އޮފިޝަލުން ވެސް ހަފްތާއެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއެވެ. އެ ބޭފުޅުންނަކީ ހަސީނާގެ ސަރުކާރުން އައްޔަން ކޮށްފައިވާ ބޭފުޅުންނެވެ.

ހިއްސާ ކުރައްވާ!