އިނގިރޭސިން ޒަޔަނިސްޓު ޔަހޫދީންނަށް ޕްރޮޕެގެންޑާ ކޮށްދެނީ

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ނެރެފައިވާ ބަޔާނަކީ ޔަހޫދީ ޒަޔަނިސްޓުން ބުނެފައިވާ ވާހަކަތަކަށް ބުރަދަނެއް ދޭގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށް ބުނެ، ފަލަސްޠީނު މިނިވަން ކުރުމަށް މަސައްކަތް ކުރާ ޙަމާސް ޖަމާޢަތުން ޑޭވިޑް ލެމީގެ ވާހަކަތައް ކުށްވެރިކޮށްފިއެވެ.

މަލްޢޫނު ބެލްފޯރުގެ ސިޓީއަކުން ޔަހޫދީންނަށް ފަލަސްޠީނު ވިއްކާލި، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ވަނީ ޙަމާސްއިން ޢާންމުން ނުރައްކަލަށް ހުށަހެޅުން ހުއްޓާލަށް ޖެހޭ ކަމަށް ބުނެ ޒަޔަނިސްޓުން ބުނެފައިވާ ވާހަކަތައް ފަށްކޮށްފައެވެ. އޭނާގެ ވާހަކައިން އިޝާރާތްކޮށްފައި ވަނީ ޔަހޫދީން ބުނެފައިވާ ތާބިޢީން ސުކޫލުގައި އަސްކަރީ ލީޑަރުން އާންމުންނާއެކު ފިލައިގެން ތިބޭ  ކަމަށް ޔަހުދީ ޒަޔަނިސްޓުން ބުނާ ވާހަކައަކަށެވެ.

ޙަމާސްއިން ބުނެފައި ވަނީ، އިނގިރޭސި ފޮރިން މިނިސްޓަރުގެ ބަޔާންތަކަކީ، ފަލަސްޠީނުގައި ކުރިއަށްދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކުގެ ޒިންމާއިން އިނގިރޭސި ސަރުކާރު ބަރީއަ ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ޔަހޫދީން ހިންގާ ޤަތުލުއާންމުގައި އިނގިރޭސިން ބައިވެރި ނުވުމަށާއި ޔަހޫދީންގެ ނަސްލު ނައްތާލުމުގެ އަމަލުތައް ކުށްވެރިކުރުމަށް އިނގިރޭސިވިލާތާއި ހުޅަނގުގެ ސަރުކާރުތަކަށް ޙަމާސްއިން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ޙަމާސްއިން ބުނެފައި ވަނީ، ބައިނަލްއަޤްވާމީ ތަޙުޤީޤު ކޮމިޓީތައް އުފައްދައި، ޣައްޒާއަށް އައިސް އެފަރާތްތަކުން، އަމިއްލަ ވަޒަނުން ނެރެ ވިއްސިވިހާލިކޮށްފައިވާ މީހުންނާ ބައްދަލުކޮށް މައްސަލަ ބެލުމަށް އެދޭކަމަށެވެ.

ޔަހޫދީން ވަނީ ތާބިޢީން ސުކޫލުގެ ޤަތުލުޢާންމުގައި ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނެ ދޮގުވާހަކަތައް ފަތުރާފައެވެ. ޔަހޫދީންގެ ދޮގުތައް ބޭޒާރުކުރަމުން ޙަމާސްއިން ބުނެފައި ވަނީ، ޒަޔަނިސްޓު ޔަހޫދީން ލިސްޓުކޮށްފައިވާ ބައެއް މުޖާހިދުންނަކީ ސްކޫލުގެ ޤަތުލުއާންމު ހިންގުމުގެ ކުރިން ޝަހީދުކޮށްފައިވާ ބަޔެއް ކަމަށެވެ. އަދި ޒަޔަނިސްޓު ޔަހޫދީން ލިސްޓުކޮށްފައިވާ ބަޔެއް މީހުންނަކީ ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅުނު ބަޔެއް ކަމަށާއި އެމީހުންނަކީ އަސްކަރީ މަސައްކަތުގައި ބައިވެރިވުމެއް ނެތް ބަޔެއް ކަމަށެވެ.

ޔަހޫދީންގެ ލިސްޓުގައި ފާހަގަކޮށްފައިވާ ޝަހީދު މުންތަޞިރު ޟާހިރު އަކީ ހުކުރު ދުވަހު އޭނާގެ ކޮއްކޮއާއެކު ޝަހީދުވެފައިވާ މީހެކެވެ. އަދި އޭނާ ޝަހީދުވެފައި ވަނީ ތާބިޢީން ސުކޫލާ ދުރުގައެވެ.

ޔަހޫދީންގެ ލިސްޓުގައި ހިމެނުނު ޝަހީދު ޔޫސުފް އަލް ވާދިޔާ އަކީ ޤަތުލުއާންމުގެ ދެ ދުވަސް ކުރިން މާދުރު ހިސާބެއްގައި ޝަހީދުވެފައިވާ މީހެކެވެ.

ޔަހޫދީން ލިސްޓުކޮށްފައިވާ ޝަހީދު މުހައްމަދު އަލް ޠައްޔިފަކީ ކިޔަވައި ދިނުމުގެ މަސައްކަތުގައި އުޅުނު ކުރީގެ ސްކޫލް ޕްރިންސިޕަލެކެވެ. އޭނާއަކީ އަސްކަރީ އެއްވެސް ހަރަކާތެއްގައި އުޅުނު މީހެއް ނޫނެވެ. އެނޫނަސް އެތައް މުދައްރިސުން އެ ޤަތުލުޢާންމުގައި ޝަހީދުވެފައި ވެއެވެ.

ހިއްސާ ކުރައްވާ!