ޕާކިސްތާން ހަނގުރާމަވެރިން ތަރައްގީގެ މަސައްކަތްތަކަށް ހުރަސް އަޅަނީ

ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) ދެވަނަ މަރުހަލާއަށް ވަންނަމުންދާއިރު، އެ މަޝްރޫއުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވިގެން ޕާކިސްތާނަށް ބެއިޖިންގެ ފަރާތުން ޕްރެޝަރު އިތުރުވާން ފަށައިފިއެވެ.  ޕާކިސްތާނުން ސަލާމަތީ ކަންކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރި ނަމަވެސް، ފަހަކަށް އައިސް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ ޗައިނާގެ މަސައްކަތްތެރިންނަށް ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ނުތަނަވަސްވެ، ޗައިނާގެ އިންވެސްޓަރުން އިތުރަށް ފަރުވާތެރިވާން ފަށައިފި އެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބިންގަލެއް ކަމަށްވާ ސީޕެކް އަކީ ޕާކިސްތާނުގެ އުމްރާނީ ތަރައްޤިއާއި ހަކަތައިގެ ދާއިރާއަށް 62 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. ނަމަވެސް މި ބޮޑު މަޝްރޫޢަށް ވަނީ ޗައިނާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަކުރާރުކޮށް ހިނގާ ސަލާމަތީ ޙާދިސާތަކުގެ ސަބަބުން ބަނަކަމެއް ކުރިމަތި ވެފައެވެ.

2024 ވަނަ އަހަރުގެ މާޗް މަހު އެކަނިވެސް ވަކިވަކިން ދިން ފަސް ހަމަލާގެ ސަބަބުން ޗައިނާގެ ފަސް ރައްޔިތެއް މަރުވެފައި ވެއެވެ. އެއާއެކު ޖުމުލަ 18 މީހަކު ޕާކިސްތާން މީހުން ހިމެނޭ ގޮތަށް މަރުވެފައި ވެއެވެ. މި ހާދިސާތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކޮށް ބިދޭސީ މަސައްކަތްތެރިން ހިމާޔަތް ކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތައް ވަނީ އިތުރު ކޮށްފައެވެ.

މި ހާދިސާތަކުގައި ބެއިޖިންގެ މާޔޫސްކަން ބޮޑުވަމުން އަންނަކަން ފާހަގަކުރެވުނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ އިސްވެރިޔާ ލިއު ޖިއަންޗާއޯ ދާދި ފަހުން ދެއްކެވި ވާހަކަތަކުންނެވެ. ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތްތައް ގަބޫލުކުރައްވަމުން ލިއު ވަނީ ސަލާމަތީ ހާލަތު ގޯސްވަމުންދާތީ ޗައިނާގެ އިންވެސްޓަރުންގެ އިތުބާރު ގެއްލޭކަން ފާހަގަކުރައްވާފައެވެ. މިކަމުން ހާމަވަނީ ހާލަތުގެ ނުތަނަވަސް ކަމާއި، ޗައިނާގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބިއްޖެނަމަ ޕާކިސްތާނަށް ކުރިމަތިވެދާނެ އިގްތިސާދީ ނަތީޖާތަކެވެ.

ޗައިނާގެ ރައްޔިތުންނާއި ސީޕީއީސީގެ މަޝްރޫއުތައް ހިމާޔަތް ކުރުމަށްޓަކައި ޕާކިސްތާނުން ވަނީ ސަލާމަތީ ގޮތުން ތަފާތު ފިޔަވަޅުތައް އަޅާފައެވެ. 2017 ވަނަ އަހަރު ސީޕީއީސީގެ ސަލާމަތަށް 1.3 ބިލިއަން ރުޕީސް ޕާކިސްތާނުގެ ބަޖެޓުގައި ކަނޑައަޅައި، ޕާކިސްތާން ސިފައިންގެ 9،000 ސިފައިންނާއި ޕެރަމިލިޓަރީ ފޯސްތަކުގެ 6،000 މީހުން ހިމެނޭ ސްޕެޝަލް ސެކިއުރިޓީ ޑިވިޝަނެއް އެއް އުފެއްދުމަށް ނިންމި އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ކަނޑުގެ ސިފައިން ވަނީ ސްޓްރެޓެޖިކް ގޮތުން މުހިންމު ގްވާދާރު ބަނދަރާއި އެ ސަރަހައްދުގެ ކަނޑުގެ ރާސްތާތައް ރައްކާތެރި ކުރުމަށް “ޓާސްކް ފޯސް-88” އުފައްދާފައެވެ.

ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާއި ބުލެޓްޕްރޫފް ވެހިކަލް ބޭނުންކުރުން ފަދަ ހަރުކަށި ސަލާމަތީ ޕްރޮޓޮކޯލްތަކަށް ތަބާވުމަށް ބާރުއަޅައި، އެކަންކަމަށް ހޭދަ ކުރުމަށް މާލީ ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.

ސަލާމަތީ ނުރައްކާތައް އިތުރުވަމުންދާތީ ޕާކިސްތާނުން ވަނީ 1997 ވަނަ އަހަރު ފާސްކުރި އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ހަނގުރާމަވެރި ދެ ޖަމާއަތެއް މަނާކޮށްފަ އެވެ. މި ބައި މީހުންނަކީ ބަލޯޗީންގެ ހަނގުރާމަވެރި ޖަމާއަތްތަކެވެ. މި ޖަމާއަތްތައް ވަނީ ޗައިނާގެ ރައްޔިތުންނަށް ދޭ ހަމަލާތަކުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން ތަހުރީކޭ ތާލިބާން ޖަމާއަތް ވަނީ މަނާ ޖަމާއަތަކަށް ހަދާފައެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ވަނީ ރަސްމީ ލިޔެކިޔުންތަކުގައި އެ ގްރޫޕަކީ ޚަވާރިޖުންގެ ބަޔެއްކަމަށް ލޭބަލް ކޮށްފައެވެ.

ބެލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ 2018 ވަނަ އަހަރު ޑަލްބަންޑިންގައި ޗައިނާގެ ތިން އިންޖިނިއަރުން މަރުވި ޖާނު ގޮއްވާލުމުގެ ހަމަލާއާއި 2022 ވަނަ އަހަރު ކަރާޗީގައި ޗައިނާގެ ތިން ޓީޗަރުން މަރާލުމުގެ ބޮމުގެ ހަމަލައަށް ޒިންމާ އުފުލައިފި އެވެ. ޓީޓީޕީ އާއި އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް ފަދަ އެހެން ޓެރަރިސްޓް ޖަމާއަތްތަކުން ވެސް ވަނީ ޕާކިސްތާނުގައި ޗައިނާގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލަ ދީފަ އެވެ. ދާދި ފަހުން 2024 ވަނަ އަހަރުގެ މާޗް މަހު ދާސޫ އަށް ދިން ހަމަލާގައި ހައިޑްރޯޕަވަރ މަޝްރޫއެއްގައި މަސައްކަތް ކުރަމުން ދިޔަ ޗައިނާގެ ފަސް ރައްޔިތުން މަރާލުމުން އިސްލާމްއާބާދާއި ބެއިޖިންގެ ގުޅުން ނުތަނަވަސް ވެފައި ވެއެވެ. އެކަމުގެ ރައްދުގައި ޗައިނާއިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ޑިމާންޑް ކުރުމުން ޕާކިސްތާނުން ވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް އުފައްދައި، މަރުވި މީހުންގެ އާއިލާތަކަށް 2.5 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހުށަހަޅައިފަ އެވެ. ޗައިނާއިން ވަނީ ޗައިނާގެ މަސްލަހަތަށް ނުރައްކާވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ޕާކިސްތާނަށް ތަކުރާރުކޮށް ޕްރެޝަރުކޮށްފަ އެވެ.

ޗައިނާގެ މުވައްޒަފުން ހިމާޔަތް ކުރުމަށް ބެއިޖިން އިން ވަނީ ޗައިނާގެ އަމިއްލަ ސަލާމަތީ ބާރުތައް ޕާކިސްތާނަށް ގެނައުމަށް ވެސް ހުށަހަޅާފައެވެ.  މިއީ ޕާކިސްތާނުން ދެކޮޅު ހަދާފައިވާ ހުށަހެޅުމެކެވެ. ޕާކިސްތާނަށް މިހާރު ހިނގަމުންދާ އިގްތިސާދީ ދަތިކަމުގެ ސަބަބުން ޗައިނާގެ ސަލާމަތީ ޑިމާންޑްތައް ފުއްދައިދިނުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހިފައި ވެއެވެ.

ޕާކިސްތާންގެ ފިނޭންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރި ހަމަލާތަކުގެ ސަބަބުން އެގައުމަށް 107 ބިލިއަން ޑޮލަރުގެ މާލީ ގެއްލުންތަކެއް ލިބިފައިވެ އެވެ.

ހިއްސާ ކުރައްވާ!