ހުސައިން ރަޝީދު އަޙްމަދު
މިއީ މުސްލިމު ނެރުއްވި ޢާއިޝަތުގެފާނުންގެ ރިވާޔަތެކެވެ. ފަންޑިތަ ހެދުމާ ބެހޭގޮތުންނާއި އެސްފީނާއާ ބެހޭގޮތުންނެވެ. عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهَا قَالَتْ كَانَ إِذَا اشْتَكَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَقَاهُ جِبْرِيلُ قَالَ بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِي عَيْنٍ (މިއީ މުސްލިމުގެ ރިވާޔަތެކެވެ. 4/1718)
މާނައީ: މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ ސިއްތުނާ ޢާއިޝާ ޞިއްދީޤާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާލާސްކަންފުޅެއް ދިމާވެ ވަޑައިގަންނަވާ ކޮންމެ ހިނދަކު ޖިބްރީލުގެފާނު ވަޑައިގެން އިތުރުއެކަލޭގެފާނަށްޓަކައި އަންނަނިވި ދުޢާ ވިދާޅުވެ ފަންޑިތަ ހައްދަވަތެވެ. އެއީ: بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِي عَيْنٍ މާނައީ: ﷲގެ އިސްމުފުޅުގެ ޒަރީޢާއިން ކަލޭގެފާނަށް ހެއު ޞިއްޙަތަކަށް އެދި ﷲ އަށް ދަންނަވަމެވެ. އަދި އެންމެހައި އާލާސްކަންފުޅު ތަކުންނާއި ޙަސަދަވެރިންގެ ހިތްނުބައި ކަމުންނާއި އެންމެހައި އެސްފިއްނާ ވެރިންގެ އެސްފީނާއިން ސަލާމަތް ކުރަށްވައި ކަލޭގެފާނަށް ފުރިހަމަ ޝިފާއެއް ދެއްވުމަށް އެދި ދަންނަވަމެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުގެ ކިބައިން އިމާމު މުސްލިމު ނެރުއްވާފައި ވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން ޖިބްރީލް ޢަލައިހިއްސަލާމު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ތިޔަ އުޅުއްވަނީ އާލާސްކަންފުޅާ ތޯއެވެ؟ އެހިނދު ކީރިތި ރަސޫލާ އާދޭހޭ، ވިދާޅުވުމުން ޖިބްރީލުގެފާނު ކީރިތި ރަސޫލާއަށްޓަކައި މިވަންޑިތަ ހެއްދެވިއެވެ. (މުސްލިމު: 4/1719) އޭގައި މިދުޢާ ދެންނެވިއެވެ. بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ (މާނައީ: ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަލޭގެފާނަށްޓަކައި ފަންޑިތަ ހައްދަވަމެވެ. ކަލޭގެފާނަށް އުނދަގޫ ކުރަނިވި ކޮންމެ އެއްޗެއްގެ ނުބައިކަމުން ސަލާމަތަށް އެދިއެވެ. ޙަސަދަވެރި ކޮންމެ ސިފައަކުންނާއި ކޮންމެ އެސްފީނާއަކުން ސަލާމަތަށް އެދިއެވެ. ﷲ ކަލޭގެފާނަށް ފުރިހަމަ ޝިފާ ދެއްވާށިއެވެ. އަދިވެސް އެއްފަހަރު ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަލޭގެފާނަށްޓަކައި ފަންޑިތަ ހައްދަވަމެވެ.)
- އެސްފީނާ:
އެސްފީނާއަކީ ވަކިކަހަލަ މީހެއްގެ ލޮލުން ނުވަތަ ދުލުން އަނެކައްޗަކަށް ނުވަތަ އަނެކަަކަށް ކުރާ ނޭދެވޭ އަސަރެކެވެ. ޝަރުޢީ ގޮތުން ޢިލްމުވެރިން އެސްފީނާގެ ތަޢުރީފު ކުރަށްވަނީ އެއީ އިންސާނާއަށް އޭނާ ޙައިރާންކޮށްފަނިވި ކަމެއް ފެނި، އޭނާގެހިތަށް އެކަމެއް ވަންހިނދު ﷲގެ އިސްފުޅު ގަތުމެއް ނެތި އަދި مَا شَاءَ اللهُ ނުވަތަ بَارَكَ اللهُ ވެސް ކިއުމެއް ނެތި ނުވަތަ އެއެއްޗަކާއި އެކަމަކާއި އެމީހަކު ގެއްލުމުން ސަލާމަތް ކުރެއްވުމަށް އެދި ދުޢާވެސް ކުރުމެއްނެތި އޭނާގެ ލޮލުން ބޭރުވާ އިޝާރަތް އެއެއްޗަކާ ދިމާއަށް ފޮނުވާލެވުމުން އެއެއްޗަކަށް ނުވަތަ އެމީހަކަށް ﷲގެ އިރާދަފުޅާ ލައިގެން ކުރާ ގެއްލުންދެނިވި ނުބައި އަސަރެކެވެ. އެކަމާހުރެ މީހަކަށް ނުވަތަ އެއްޗަކަށް ޚާއްޞަކޮށް ކުޑަކުދިންނަށާއި ދަނޑުގޮވާމަށް އެކަމުން ނުބައި އަސަރު ކޮށްފާނެއެވެ. މިގޮތަށް ނުބައި އަސަރު ކުރުމުގައި ޞާލިޙު ތަޤްވާރިއެއް ނުވަތަ ފާސިޤު މީހެއް ތަފާތެއް ނުކުރާނެއެވެ.
- އެސްފީނާއަކީ ޙަޤީޤަތެކެވެ.
އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ ލޮލުގެ ވިހައަކީ ހަރުފައާއި ނަގުލުންދާށި ކަށި ޖެހުމުން ވިހަވާ ފަދައިން އެސްފީނާ ޖެހޭ މީހާއަށް އޭގެ ވިހަ އަސަރު ކުރާ ކަމެކެވެ. އެއީ ތެދު ޙަޤީޤަތެކެވެ. އެކަމަށް އިރާދަ ކުރަށްވަނީ ﷲ އެވެ.
- އެސްފީނާއާ ބެހޭ ޝަރުޢީ ޙުކުމް:
ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފިޤުހީ ގޮތުން މީހަކަށް އެސްފިއްނާ ޖެހިއްޖެނަމަ އޮންނަނީ އެސްފީނާ ޖެއްސި މީހާ ލައްވައި ވުޟޫ ކުރުވާފައި ނުވަތަ ހިނަވާފައި އެސްފީނާ ޖެހުނު މީހާ އެފެން ބޭނުން ކުރުމެވެ. އިމާމު މާލިކު މުއައްޠާގައި ރިވާ ކުރެއްވި ރިވާޔަތެއްގައި އަންނަނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެސްފީނާ ޖެއްސި މީހާއަށް ވުޟޫ ކުރުމަށް އެންގެވި ކަމަށެވެ. މިވާހަކަ މުސްލިމުގެ އެހެން ރިވާޔަތެއްގައި އަންނަނީ އެސްފީނާ ޖެއްސި މީހާ ހިނައިގަތުމަށެވެ. އިމާމު މާޒިރީފަދަ ބައެއް ޢިލްމުވެރިިން ވިދާޅުވެފައި ވަނީ މިއީ އެމީހާގެ މައްޗަށް ވާޖިބުކަމެއް ކަމަށެވެ.
- އެސްފީނާ ޖެހުމުން އެއިން ޝިފާ ހޯދާނެ ގޮތް:
އިމާމު މާލިކު ރިވާކުރެއްވި ރިވާޔަތުގައި އަންނަފަދައިން އެސްފީނާ ޖެއްސިމީހާ ލައްވައި ވުޟޫއާއެކު ހިނައިގަތުމަށް އެދޭނީއެވެ. ބޮޑު ތަށްޓަކަށް ފެންއެޅޭ ގޮތަށެވެ. އެއީ ފުރަތަމަ މޫނުދޮވެ ދެއަތްތިލައިން ފެށިގެން އުޅަބޮށްޓާއެކު ދެއަތަށް ފެންއެޅުމެވެ. ހަމައެހެންމެ ފައިތިލައިގެ އިނގިލިތަކުން ފެށިގެން ތަނބި ކަށްޓަށް ދާގޮތަށް ދެފަޔަށް ފެންއެޅުމެވެ. އެއަށްފަހު އޭނާގެ ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ފެން އަޅަމުން އުނަގަނޑު ދޮވުމެވެ. ދެކަކުލަށްވެސް ފެން ދާނެހެންނެވެ. ފައިގެއިނގިލިތަކުން ފެންފައިބައިގެން ތަށްޓަށް އެޅޭނެހެންނެވެ. ދެން އިމާމު މާޒިރީއާއި ޤާޟީ ޢިޔާޟު ވިދާޅުވެފައިވަނީ އެސްފީނާ ޖެހުނުމީހާ މިފެނުން ފެން ކޯވަރުތަކެއް ބޮއިލާނީއެެވެ. އެއަށްފަހު އޭނާގެ ފުރަގަހުގައިހުރެ އެހެންމީހަކު އޭނާގެ ބޮލުން ފެށިގެން މުޅި ހަށިގަނޑަށް ފެން އަޅާނީއެވެ. މާތް ﷲގެ އިރާދަ ފުޅާއެކު އެސްފީނާއިން މީހާ ސަލާމަތް ވާނެއެވެ.
- އެސްފީނާ ޖެހިދާނެތީ ފަންޑިތަ ހެދުން:
އެސްފީނާއަށް ދުޢާކޮށް ފަންޑިތަ ހެދުމަކީ ސުއްނަތެކެވެ. ޚާއްޞަކޮށް ތިމާގެ ކުޑަ ކުދިންނަށެވެ. އެކުދިިންނާ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތަށް އެދި ﷲގެޙަޟުރަތަށް ދުޢާކުރަމުންނެވެ. އިމާމު ބުޚާރީއާއި އެނޫންވެސް އެތަކެއް ބޭކަލުން ތަފާތު ޢިބާރަތްތަކުން އަންނަނިވި ޙަދީޘު ރިވާކުރަށްވާފައި ވެއެވެ. كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ ކާފަ ދެދަރިކަލުން އަރިހަށް ގެންނަވާފައި އެބޭކަލުންނަށްޓަކާ މިފަންޑިތަ ހައްދަވަތެވެ. އަދި ޙަދީޘުކުރަށްވަތެވެ. ތިޔަބައިމީހުންގެ ބައްޕަ އިބްރާހީމުގެފާނުވެސް އެކަލޭގެފާނުންގެ ދެދަރިކަލުންނަށް މިފަންޑިތަ ހައްދަވާ ކަަމަށެވެ. އެއީ: أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ (ﷲގެ ޙަޟުރަތުން އެއިލާހުގެ ބަކަރާތްތެރި ޝިފާލިބެނިވި ކަލިމަފުޅުތަކުގެ ޒަރީޢާއިން އިންސީންނާއި ޖިއްނި ޝައިޠާންތަކުންގެ ނުބައިކަމުންނާއި ވިހަލާޒާތުގެ އެންމެހައި ޖަނަވާރުތަކެއްގެ ވިހައިންނާއި އެސްފީނާވެރިންގެ ދުލާއި ލޮލުގެ ވިިހައިން ތިޔަ ދެކުދިންނަށް ސަލާމަތްތެރި ކަމަށް އެދެމެވެ.) މިއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަނީ މީސްތަކުން އެބައިމީހުންގެ ދަރިންނަށްޓަކައި މިފަދައިން ފަންޑިތަ ހަދައިއުޅުމަށް ކީރިތި ރަސޫލާ އިލްތިމާސް ކުރަށްވާފައިވާ ކަމަށެވެ.
- އެސްފިއްނާ އިން ރައްކައުތެރި ވުމަށް ޖިބްރީލުގެފާނު އުނގަންނަވައިދެއްވި ދުޢާފުޅު:
އިމާމު އިބްނި ޢަސާކިރުގެ ކިބައިން އިމާމު އިބްނި ކަޘީރު ޤަލަމު ސޫރަތުގެ 51 ވަނަ އާޔަތުގެ ދަށުގައި ޢަލީ ޢަލައިހިއްސަލާމުގެ ކިބައިން ނެރުއްވާފައި ވެއެވެ. އެއްފަހަރަކު އެކަލޭގެފާނުންގެ ދެދަރިކަލުން ޙަސަނާއި ޙުސައިނަށް އެސްފީނާ ޖެހުނެވެ. އެކަމާ ކީރިތި ރަސޫލާ ހިތާމަފުޅު ކުރެއްވިއެވެ. އެހިނދު ޖިބްރީލުގެފާނު ވަޑައިގެން ހިތާމަފުޅު ކުރަށްވަނީ ކޮންކަމަކާތޯ ދެންނެވުމުން އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. މިދެކުދިންނަށް މިއުޅެނީ އެސްފިންނާ ޖެހިގެންނެވެ. އެހިދު ޖިބްރީލުގެފާނު ދެންނެވިއެވެ. ޤަބޫލުފުޅު ކުރަށްވާށެވެ! އެސްފިންނާއަކީ ޙައްޤު ތެދު އެއްޗެކެވެ. އެކަމުން ސަލާމަތް ކޮށްދެއްވުން އެދި ވަޑައިގެން މިދުޢާ ވިދާޅުވާންވީ ނޫންތޯއެވެ؟ اللَّهُمَّ ذَا السُّلْطَانِ الْعَظِيمِ ذَا الْمَنِّ الْقَدِيمِ ذَا الْوَجْهِ الْكَرِيمِ وَلِيَّ الْكَلِمَاتِ التَّامَّاتِ وَالدَّعَوَاتِ الْمُسْتَجَابَاتِ عَافِ الْحَسَنَ وَالْحُسَيْنَ مِنْ أَنْفُسِ الْجِنِّ وَأَعْيُنِ الْإِنْسِ (މާނައީ: އޭ ގަދަކީރިތިވަންތަ، މޫރިތިވަންތަ، ދީލަތިވަންތަ އެލާހެވެ. އެންމެ ފުރިހަ ކަލިމަތަކުގެ ވެރިއިލާހެވެ. އަޅުތަކުންގެ ދުޢާ ޤަބޫލުފުޅު ކުރަށްވާ އިލާހެވެ. ޖިންނީންގެ އުނދަގޫތަކުންނާއި އިންސީންގެ އެސްފިއްނާއިން ޙަސަނާއި ޙުސައިން މިދެކުދިންނަށް ޢާފިޔަތުގެ ނިޢުމަތް ދެއްވާނދޭވެ!) ދެން ޢަލީ ޢަލައިހިއްސަލާމު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ މިފަންޑިތަ ހެއްދެވުމާއެކު ހަމަވަގުތުން އެދެކުދިން ރަނގަޅުވެ ކީރިތި ރަސޫލާގެ ކުރިފުޅުމަތީ ކުޅެން ފަށައިފިއެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. عَوِّذُوا أَنْفُسَكُمْ وَنِسَاءَكُمْ وَأَوْلَادَكُمْ بِهَذَا التَّعْوِيذِ ، فَإِنَّهُ لَمْ يَتَعَوَّذِ الْمُتَعَوِّذُونَ بِمِثْلِهِ (މާނައީ: ތިޔަބައިމީހުން ތިމާމެންގެ އަމިއްލަ ނަފްސަށާއި އަނބިދަރިންނަށް މިފަންޑިތަ ހަދާށެވެ! މިއީ މިފަދަ އެހެން ފަންޑިތައެއް ނުވާ ފަންޑިތައެކެވެ.)
- ފަންޑިތަ ހެދުން:
ފަންޑިތައަކީ ބައްޔަކަށްޓަކައި ތިމާ އަމިއްލައަށް ނުވަތަ ފަންޑިތަ ހަދަން ދަންނަ ދީންވެރި ތަޤްވާވެރި ފަންޑިތަވެރިއަކު ލައްވައި އެކަމަށް ކަނޑައެޅިފައިވާ، ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައި ފުމުމެވެ. ނުވަތަ ދުޢާ ކުރުމެވެ. ނުވަތަ އެފަދަ އެއްޗެހިން ތަށިތަވީދު ލިޔެ ދިނުމެވެ.
- ފަންޑިތަ ހުއްދަވުމާއި ނުވުން:
މިބާބުގެ ޙަދީޘުތަކުން ދޭހަވާ ފަދައިން ފަންޑިތައަކީ ހުއްދަ ކަމެކެވެ. އިމާމު ޝާފިޢީ އަލްއުއްމުގެ 7/241 ގައި ވިދާޅުވެފައި ވެއެވެ. ﷲގެ ކަލާމްފުޅުން ނުވަތަ ﷲގެ ނަންފުޅުތައް ނަންގަނެ ފަންޑިތަހަދައި ދިނުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި މިއުޞޫލުގެ ދަށުން އަހުލު ކިތާބީއަކު މުސްލިމަކަށް ފަންޑިތަ ހަދައި ދިނުމަކީވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އިމާމު ޒަރްޤާނީ ވިދާޅުވެފައި ވެއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި މާތް ﷲގެ ނަންފުޅުންނާއި އެއިލާހުގެ ސިފަފުޅުތަކުންނާއި ޢަރަބި ބަހުންނާއި އެނޫން ބަހަކުން ވިއަސް ކިޔަން އެނގޭ އެއްޗަކުން ފަންޑިތަ ހެދުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެހެނަސް ޝަރުޠަކީ ފަންޑިތައަކީ އޭގެ ޒާތުގައި އެއިން އަސަރުކުރާ އެއްޗެއް ނޫންކަމާއި ﷲގެ ތަޤްދީރު ނިޔާކުރާގޮތުން އެއަށް އަސަރު ލައްވާފައިވާ ކަމުގައި ޤަބޫލުކުރުމާއެކު ފަންޑިތަ ހެދުމާއި ފަންޑިތަ ހެއްދުމެވެ. (މުއައްޠާގެ ޝަރަޙަ: 4/417)
- ފަންޑިތަ ހުއްދަ ނޫންކަމަށް އައިސްފައިވާ ޙަދީޘުތައް:
ފަންޑިތައަކީ ހުއްދަ ކަމެއް ނޫންކަަމަށް ވިދާޅުވާ ބޭކަލުންވެސް އެބަތިއްބެވެ. އެކަމުގެ ދަލީލުތައް ވެސް ހުރުމާއެކުގައެވެ.
(ހ) ފަންޑިތަ ހެދުމާބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘުތަކަށް ބަލައިލާއިރު ތިން ގޮތަކަށް ޙަދީޘުތައް ވާރިދުވެފައި އެބަހުއްޓެވެ. ބައެއް ޙަދީޘުތަކުން އެއީ ހުއްދަ އެއްޗެއް ކަމާއި ފަންޑިތަ ހެދުމީ މާތް ރަނގަޅު ކަމެއްކަމަށް ދޭހަވެއެވެ. މިސާލަކަށް މިބާބުގައި އިމާމު މުސްލިމު ބަޔާންކުރަށްވާފައިވާ ޙަދީޘުތަކެވެ. އަނެއްބައި ޙަދީޘުތަކަށް ބަލާއިރު މިސާލަކަށް އަންނަނިވި ޙަދީޘެވެ. الَّذِينَ يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ لَا يَرْقُونَ وَلَا يَسْتَرْقُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ (ޙަދީޘުގައި މިއަންނަނީ، ހިސާބުކިތާބެއް ނެތި ސުވަރުގެ ދެވޭނެ މީހުންނަކީ، ބަލިބައްޔަށް ނުވަތަ ކަންކަމަށް ފަންޑިތަ ހެދުމެއްނެތި، އަދި ފަންޑިތަ ހައްދަން ވެސް ނޫޅެ، ހަމައެކަނި ﷲ އަށް ވަކީލު ކޮށްލައިގެން އުޅުނު މީހުންނެވެ.) އަނެއްބައި ޙަދީޘުތަކުގައި އަންނަނީ އަޞްޙާބު ބޭކަލުން ދަންނަވަނީ އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ވަނީ ފަންޑިތަ ހެދުން މަނާކުރަށްވާފައި ނޫންތޯއެވެ؟ އެހިނދު ޙަދީޘު ކުރަށްވަނީ، އެބައިމީހުން ހަދައިއުޅޭ ފަންޑިތަ އެކަލޭގެފާނަށް ދައްކާލުމަށާއި އޭގައި ޝިރުކުގެ ބާވަތެއް ނެތްނަމަ މައްސަލައެއް ނެތްކަމަށެވެ.
(ށ) މަތީގައި ބަޔާންވެދިޔަ ތިން ބާވަތުގެ ޙަދީޘުތަކަށް ބަލާއިރު ބައެއް މުޙައްޤިޤުން ވިދާޅުވަނީ މަނާވެގެންވާ ޙަދީޘުތަކަކީ މަންސޫޚު ޙަދީޘުތަކެއް ކަމަށެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ މިއީ ތިންވަނަ ބައިގެ ޙަދީޘުތަކުގައި އައިސްފައިވާ ފަދައިން ޤައިދު ކަނޑައެޅިފައިވާ ޙަދީޘުތަކުން މުޠްލަޤުކޮށް އައިސްފައި ހުރި ޙަދީޘުތައް ޤައިދު ކުރެވިފައިވާ ކަމަށެވެ. އޭގެ މާނައަކީ ފަންޑިތައަކީ އޭގެ ޒާތުގައި ފައިދާ ކުރާ އެއްޗެއް ނޫންކަމާއި އެއީ ބޭސްފަރުވާ ފަދައިން ވަސީލަތެއްކަމާއި ފަންޑިތަ ހެދި ކަމުގައިވިއަސް ﷲ އަށް ވަކީލު ކުރަންޖެހޭނެ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން އިތުރަށް ވިދާޅުވަނީ މަނާވެގެން ވަނީ މުޝްރިކުން ހަދާ ފަންޑިތަކަމަށާއި ނުވަތަ ކިޔަން ނޭގޭ ތަކެތި ބޭނުންކޮށްގެން ލިޔެފައިވާ ފަންޑިތަ ކަމަށެވެ.
(ނ) ޚުލާޞާއަކީ ފަންޑިތައަކީ ހުއްދަކަމެކެވެ. އެއިން އަސަރުވެސް ކުރާނެއެވެ. އެކަމަކު ޤަބޫލުކުރަން ޖެހޭނީ އެއީ ﷲގެ ޤުދުރަތުގައި ލިއުއްވައި ކަނޑައަޅުއްވާފައިވާ ގޮތެއްކަމާއި އެކަން އިރާދަ ކުރަށްވަނީ ﷲ ކަން ޤަބޫލުކޮށް ފަންޑިތައިން ނުވަތަ ފަންޑިތަހަދާމީހާގެ ބާރަކުން އަދި އޭނާގެ މޮޅުކަމަކުން ކުރެވޭ ކަމެއް ނޫންކަމެވެ. މިގޮތަށް ޤަބޫލުކޮށްގެންހުރެ ފަންޑިތަހެއްދުމަކީ ހުއްދަ ކަމެކެވެ. އެހެންކަމުން އިމާމު ނަވަވީ ވިދާޅުވެފައި ވަނީ ދީނުގެ ގިނަ ޢިލްމުވެރިން ފަންޑިތަ ހެދުމާއި ފަންޑިތަ ހެއްދުމަކީ ހުއްދަ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ދެން ނަވަވީ ވިދާޅުވަނީ އެންމެ ޞައްޙަ ބަސްފުޅަކީ މިއީއެވެ. އިމާމު ޝާފިޢީގެ އައު ބަސްފުޅަކީ މިއީއެވެ. އަދި މާލިކާއި ޙަނަފީ މަޛްހަބުގެ ގިނަ ބޭކަލުންނާއި އައުޒާޢީއާއި ދީނުގެ ގިނަ ދަންނަބޭކަލުންގެ ރައުޔަކީ މިއީއެވެ. (އަލްމިންހާޖު: 12/396)
- ފަންޑިތައާއި ރުޤްޔާއާ ތަފާތެއް ހުރޭބާ؟
މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ފަންޑިތަ މިބަސް ދޫކޮށްލާފައި މިޢަމަލަށް ކިޔަމުން ދަނީ ރުޤްޔާއެވެ. މިއީ ޢަރަބި ބައެއް ޤައުމުތަކުން ކިޔަވައިގެން އައިސްތިބި ޒުވާން ފަންޑިތަ ވެރިންނެވެ. ދަންނާށެވެ! މިދެންނެވި ރުޤްޔާއަކީ ޢަރަބި ބަހެކެވެ. ފަންޑިތައަކީ ދިވެހި ބަހެކެވެ. މިއީ އެކައްޗެކެވެ. ކޮންމެހެން ޢަރަބި ބަހެއް ކިއުމަކުން އެކަން ރަނގަޅުވެ މާތް ވާކަށް ނުޖެހެއެވެ. ރުޤްޔާ މިބަސް ރާއްޖޭގައި މަޝްހޫރުވީ ފަންޑިތައަކީ ގޯސްއެއްޗެއްކަމަށް ދެކެ އަލަށް ފަންޑިތަ ހައްދަވާ ބޭފުޅުން އުފެދި އެބޭފުޅުން އެއަށް އައު ނަމެއް ކިޔުއްވަން ފެއްޓެވުމުންނެވެ. އޭގެ ބޭނުމަކީ ރުޤްޔާއަކީ ރަނގަޅު އެއްޗަކަށް ހައްދަވައި ފަންޑިތަ ގޯސް ކަމަކަށް ހެއްދެވުމުގެ ގޮތުންނެވެ. ތެދެކެވެ! މީސްމީހުން ފަންޑިތަ ގޯސްކޮށް ވެސް ހަދައެވެ. ހަމަ އެގޮތަށް ރުޤްޔާ ހަދާ މީހުން އެކަން ވެސް ގޯސްކޮށް ހަދައެވެ. ފަންޑިތާގައި ހުއްދަ ފަންޑިތައާއި ހުއްދަނޫން ފަންޑިތަ ހުންނަފަދައިން ރުޤްޔާގައިވެސް ހުއްދަ ރުޤްޔާއާއި ހުއްދަނޫން ރުޤްޔާހުރެއެވެ. އެހެންކަމުން ދިވެހި ބަހުން ވާހަކަ ދައްކާ މީހާ ކޮންމެހެން ރުޤްޔާއޭ ކިޔައިގެން މީހުން އޮޅުވާލާކަށް ނުޖެހެއެވެ.
- ތަވީދު:
“ތަވީދު” އަކީ ޢަރަބި ބަހުން ދިވެހިބަހަށް ބަދަލު ކޮށްފައިވާ ބަހެކެވެ. ޢަރަބި ބަހުގައި ކިޔަނީ التَّعْوِيذ އެވެ. ދިވެހި ބަހުގައި ތަވީދު ކިޔަނީ ފަންޑިތައިގައި ލިޔާ ލިއުމަށް ވިއަސް ޢަރަބި ބަހުގައި އައްތަޢުވީޛު، ތަވީދަށާއި ފަންޑިތައަށާއި މި ދެކަމަށް ވެސް ކިޔައެވެ.
- ގައިގައި ތަވީދުފަދަ ތަކެތި އެޅުން:
މީހާ އޭނާގެ ގައިގައި ތަވީދު އެޅުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ކަމެކެވެ. އަޞްޙާބު ބޭކަލުންނާއި ތާބިޢީންނާއި އިމާމުވެރި ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ޙަރާމް ކުރަށްވައެވެ. އަދި އަނެއްބައި ބޭކަލުން މަކްރޫހަ ކުރަށްވާއިރު އަނެއްބައި ބޭކަލުން އެކަން ހުއްދަ ކުރަށްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢަމްރުގެ ކިބައިން އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި ނަސާއީއާއި އިބްނިމާޖާއާއި ޙާކިމާއި އަޙްމަދާއި އިބްނި އަބީޝައިބާއާއި ޤުރުޠުބީއާއި އިބްނިކަޡީރާއި މުސްތަޣްފިރީއާއި އެނޫންވެސް ބޭކަލުން ނެރުއްވާފައިވާ މަޝްހޫރު ޙަދީޘެއްގައި ވެއެވެ. إذَا فَزِعَ أَحَدُكُمْ فِي نَوْمِهِ فَلْيَقُلْ بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَسُوءِ عِقَابِهِ وَمِنْ شَرِّ عِبَادِهِ وَمِنْ شَرِّ الشَّيَاطِينِ وَأَنْ يَحْضُرُونِ فَكَانَ عَبْدُ اللَّهِ يُعَلِّمُهَا وَلَدَهُ مَنْ أَدْرَكَ مِنْهُمْ وَمَنْ لَمْ يُدْرِكْ كَتَبَهَا وَعَلَّقَهَا عَلَيْهِ މާނައީ: ތިޔައިންމީހަކަށް ނިދީގައި ސިހުމެއް އަތުވެއްޖެއްޔާ މިފަދައިން ކިޔާށެވެ. بِسْمِ اللَّهِ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَسُوءِ عِقَابِهِ وَمِنْ شَرِّ عِبَادِهِ وَمِنْ شَرِّ الشَّيَاطِينِ وَأَنْ يَحْضُرُونِ (ﷲގެ އިސްފުޅުން ވާއްގަށް އެދެމެވެ. ﷲގެ ކޯފާއިންނާއި އެއިލާހުގެ ޢަޛާބުންނާއި އެއިލާހުގެ އަޅުތަކުންގެކިބައިން ލިބިދާނެ ގެއްލުމުންނާއި ޝައިޠާންތަކުންނާއި އެނޫންވެސް ގެއްލުންދެނިވި ޖަނަވާރުތަކުންގެ ނުބައިކަމުން ސަލާމަތްތެރިކަން އެދި ﷲގެ އެންމެ ފުރިހަމަ ނަންފުޅުތަކުގެ ޒަރީޢާއިން އެއިލާހަށް ދަންނަވަމެވެ.) ދެން ރާވީ ވިދާޅުވެފައި ވެއެވެ. ޢަބްދު ﷲގެ ފާނު އެކަލޭގެފާނުންގެ ބޭފުޅުންގެ ތެރެއިން ބޮޑެތި ބޭފުޅުންނަށް މިދުޢާ ދަސްކޮށް ދެއްވަތެވެ. އަދި ވާހަކަދައްކަވަން އެނގިވަޑައިނުގަންނަވާ ބޭފުޅުންނަށް ކަރުދާހުގައި ތަވީދުކުރަށްވާފައި އެބޭފުޅުންގެ ކަރުފުޅުގައި އަޅުއްވަތެވެ. މިއެވެ. (މިޙަދީޘާމެދު އިމާމު ތިރްމިޛީ ވިދާޅުވަނީ ޙަސަން ޣަރީބު ޙަދީޘެއް ކަމަށެވެ. އިމާމު ޙާކިމު ވިދާޅުވަނީ ޞައްޙަ ކަމަށެވެ. ނަމަވެސް ބައެއް ބޭކަލުން މިޙަދީޘުގެ ސަނަދު ޟަޢީފު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.)
މިމައްސަލައާމެދު ތަޙްޤީޤީ ނަޒަރަކުން ބަލާއިރު ސަލަފުއްޞާލިޙުންގެ އެއްބަައި ބޭކަލުން ތަވީދުއެޅުން ހުއްދަކަމަށް ވިދާޅުވާއިރު އަނެއް ބައި ބޭކަލުން ތަވީދު އެޅުން މަނާކުރަށްވައެވެ. އެއީ ތަމީމާފަދަ ތަކެތި (ފުމެ ގޮށްޖަހާފައިވާ ގިލަފަތި) އެޅުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަނާކުރަށްވާފައި ވާތީއެވެ. ޖަވާބުގައި ހުއްދަ ކުރަށްވާ ބޭކަލުން ވިދާޅުވަނީ މަނާވެވިފައިވާ ޙަދީޘުތަކަކީ މުޠްލަޤު ޙަދީޘުތަކެއް ކަމަށާއި މިޙަދީޘުން އެކަން ޤައިދު ކުރެވިފައިވާ ކަމަށެވެ. އެބަހީ މަނާކުރެވިފައި ވަނީ ޝިރުކުގެ އެއްޗެހިތަކާއި ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ޤަބޫލުކޮށް އުޅުނު ކަންތައްތަކެއް ކަަމަށެވެ. އަދި އެބައިމީހުންގެ ޢަޤީދާއާ އެއްގޮތަށް ފާޑުފާޑުގެ އެއްޗެހި ހިތަށް އަރުވައިގެން ފުމެހަދައި ގިލަފަތީގައި ގޮށްޖަހައިގެން ނުރައްކަލުން ސަލާމަތަށް އެދި އެގިލަފަތި އަޅާތީއެވެ. ހުއްދަނޫން ތަމީމާއަކީ މިބުނެވުނު ގިލަފައްޗެވެ. (މިއީ އަޅުގަނޑުމެން ކުޑައިރު ރާއްޖޭގައި ވެސް ކުޑަކުދިންގެ ކަރުގައި އަޅައިއުޅުނު ގިލަފައްޗެކެވެ.) އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ ހުއްދަ އެއްޗެހި ކިޔަވާފައި ނުވަތަ ލިޔެފައި ހުންނަ ތަވީދުތައް ބޭނުންކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. މިގޮތުން ތަވީދު އެޅުން ހުއްދަ ކުރަށްވާ ބައެއް ބޭކަލުންގެ ނަންފުޅުތައް އެބޭކަލުންގެ ބަސްފުޅުތަކާއެކު އިމާމު އިބްނި އަބީޝައިބާ އެކަލޭގެފާނުންގެ މުޞައްނިފުގެ 5/439 ޞަފްޙާގައި ޞައްޙަމަގުން ނެރުއްވާފައި ވެއެވެ. އެބޭކަލުންގެ ތެރޭގައި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނިޢަމްރުގެ އިތުރުން ޢާއިޝަތުގެފާނާއި އިމާމު ސަޢީދު އިބްނި މުސައްޔިބުއާއި ޢަޠާއާއި މުޖާހިދާއި އަބޫ ޖަޢުފަރު އަލްބާޤިރާއި އިބްނި ސީރީނާއި ޢުމަރުގެފާނުންގެ ކާފަ ދަރިކަލުން ޢުބައިދު ﷲއާއި ޟައްޙާކުއާ މިއެންމެހައި ބޭކަލުން ތަވީދު އެޅުމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.
- ބަލިވުމުންނާއި ބަލި ނުވަނީސްވެސް ގައިގައި ތަވީދު އެޅުމަކީ ހުއްދަ ކަމެކެވެ.
އިމާމު އަލްމުސްތަޣްފިރީ އެކަލޭގެފާނުންގެ ފަޮތް، ފަޟާއިލުލް ޤުރުއާނުގައި އިމާމު މާލިކުގެ އަރިހުން މިފަދައިން ނެރުއްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު އެކަލޭގެފާނުންގެ ދަރިކަލެއްގެ ކަރުފުޅުގައި ތަވީދެއް އަޅުއްވާފައި ވަނިކޮށް އިމާމު ޒުހުރީއަށް ފެނިވަޑައިގެން އަނަސްގެފާނުންގެ އަރިހު ތުއްތު ދަރިފުޅަށް އާލާސްކަންފުޅެއް ކުރިމަތިވީތޯ ސުވާލުދެންނެވުމުން އަނަސްގެފާނު ތިމަންގެ ބުރިކަށީގައި ޖައްސަވާފައި ވިދާޅުވިކަމަށެވެ. ނޫނެކެވެ. އެެހެނަސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިފަދައިން ޙަދީޘު ކުރެއްވި އަޑުތިމަން އެއްސެވީމެވެ. އަދި ޙަދީޘު ކުރެއްވިއެވެ. لاَ بَأْسَ بِتَعْلِيقِ التَّعْوِيذِ مِنَ الْقُرْآنِ قَبْلَ نُزُولِ الْبَلاَءِ وَبَعْدَ نُزُولِ الْبَلَاء (މާނައީ: ބަލިވުމުގެ ކުރިންނާއި ބަލިވުމަށް ފަހުވެސް ޤުރުއާނުގެ އާޔަތްތައްލިޔެ ތަވީދު އެޅުމަކީ މައްސަލައެއް ނޫނެވެ.) އިމާމު އަލްމުސްތަޣްފިރީ މިޙަދީޘުގެ ސަނަދާ މެދު އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އިމާމު އިބްނި އަބީ ޝައިބާ އެކަލޭގެފާނުންގެ މުޞައްނިފުގެ 5/439 ގައި ތާބިޢީ ބޭކަލަކު ކަމުގައިވާ އިމާމު މުޖާހިދުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. كَانَ مُجَاهِدٌ يَكْتُبُ النَّاسَ التَّعْوِيذَ فَيُعَلِّقُهُ عَلَيْهِمْ މާނައީ: މީސްތަކުން ބަލިގެން އައުމުން އިމާމު މުޖާހިރު އެމީހުންގެ ގައިގައި އެޅުމަށް ތަވީދު ދެއްވަތެވެ. އަދިވެސް މުޞައްނިފުގެ ހަމަ އެޞަފްޙާގައި އިބްނި އަބީ ޝައިބާ އިމާމު ޢަޠާގެ ކިބައިން ނެރުއްވާފައި ވެއެވެ. ޙައިޟުވެރިން ގައިގައި އަޅާފައިވާ ތަވީދާ ނެގުމާ ބެހޭގޮތުން މީިހަކު އިމާމު ޢަޠާއަށް ދެންނެވުމުން ވިދާޅުވިއެވެ. إنْ كَانَ فِي أَدِيمٍ فَلْتَنْزِعْهُ وَإِنْ كَانَ فِي قَصَبَةِ فِضَّةٍ فَإِنْ شَاءَتْ وَضَعَتْهُ وَإِنْ شَاءَتْ لَمْ تَضَعْهُ މާނައީ: ހަމުގައި (އެބަހީ އާދައިގެ ގަނޑެއް ފަދަ އެއްޗެއްގައި) ލިޔެފައި އޮންނަމަ ބައިލާށެވެ. އެހެނަސް ރިހިބެރެއް ފަދަ އެއްޗެއްގައި ތަވީދު ކުރެވިފައި އޮންނަމަ ނެގުމާއި ނުނެގުމަކީ އޭނާގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
އިމާމު ޤުރުޠުބީ އެކަލޭގެފާނުންގެ ތަފްސީރުގައި وَنُنَـزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ (އަލްއިސްރާ:82) ވަނަ އާޔަގުގެ ތަފްސީރު ކުރަށްވަމުން ފަންޑިތައާ ބެހޭ ހަތް ނުގުތާއެއް ބަޔާން ކުރެއްވިއެވެ. އޭގެތެރޭގައި ފަސްވަނަ ނުގުތާގައި ޢަބްދު ﷲ އިބްނި ޢަމްރުގެ ރިވާޔަތް ބަޔާން ކުރެއްވުމާއެކު އިމާމު މާލިކުގެ މިބަސްފުޅުވެސް ގެންނަވާފައި ވެއެވެ. قَالَ مَالِكُ لَا بَأْسَ بِتَعْلِيقِ الْكُتُبِ الَّتِي فِيهَا أَسْمَاءِ اللَّهِ عَزَّ وَجَلَّ عَلَى أَعْنَاقِ الْمَرْضَى عَلَى وَجْهِ الَّتَبَرُّكِ بِهَا މާނައީ: އިމާމު މާލިކު ވިދާޅުވެފައި ވެއެވެ. ﷲގެ އިސްމުފުޅުތަކުން ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން މީހާބަލިވުމުން ބައްޔަށް ޝިފާއަށް އެދި ﷲގެ އިސްމުފުޅުތައް ލިޔެ ބަލިމީހާގެ ކަރުގައި ތަވީދު އެޅުމަކީ އެންމެ ރަނގަޅު ކަމެކެވެ. މިއެވެ.
- ތަވީދު އުއްތުން:
އިމާމު ނަވަވީ ޝަރަޙުލް މުހައްޛަބުގައި ވިދާޅުވެފައި ވަނީ މިފަދަ ތަވީދުތައް ބަންދު ނުކޮށް ހުންނަ ނަމަ ފާޚާނާފަދަ ތަންތަނަށް ވަންނައިރު ނަގަންޖެހޭނެކަމަށާއި ނަމަވެސް ތަވީދު ގޮށްޖަހައި އުއްތާފައި ހުރުމުން ނުނަގައިވެސް ފާޚާނާފަދަ ތަންތަނަށް ވަނުމީ މައްސަލައެއް ނޫން ކަމަށެވެ. (އަލްމަޖްމޫޢު:2/204)
- ފަންޑިތަ ތަށި ލިޔެގެން ބުއިމާއި ގައިގައި ލުމާއި ފެންޖެހުން:
އިމާމު ޤުރުޠުބީ އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުގެތަފްސީރުގައި ލިއުއްވާފައިވެއެވެ. މާތް ﷲ ރަޙްމަތްލެއްވި ސަޢީދު އިބްނުމުސައްޔަބު ވިދާޅުވަނީ ތަށިލިޔެގެން ބުއިމާއި ގައިގައިލުމަކީ ހުއްދަކަމެއް ކަމަށެވެ. ހަމައެހެންމެ ޢާއިޝަތުގެފާނުންގެ އަރިހުންއަންނަނީ އެކަމަނާ ފެންތަށްޓަކަށް މުޢައްވިޛަތައިނި ދެސޫރަތް ވިދާޅުވެ ފުމެލައްވާފައި ބަލިމީހާގެ ގަޔަށް އެޅުމަށް އަންގަވާ ކަމަށެވެ. އިމާމު އަލްމާޒިރީ ވިދާޅުވަނީ ފެންޖެހުމަކީ އަދި ފެންބޯންދިނުމަކީ ފަންޑިތަވެރިންގެ މެދުގައި މަޝްހޫރު ކަމެއް ކަމަށެވެ. އިމާމު މުޖާހިދުވެސް ފެންތަށި ލިއުމާމެދު މައްސަލައެއް ނެތްކަމަށް ވިދާޅުވެއެވެ. ދެން އިމާމު ޤުރުޠުބީ މިމައްސަލާގައި ހުއްދަ ނޫންކަމަށް ވިދާޅުވާ ބޭކަލުންގެ ބަސްފުޅުތައް ލިއުއްވުމަށްފަހު ނިންމާލައްވަމުން ވިދާޅުވަނީ ތިމަން ދެކޭގޮތުގައި ފެންޖެހުމާއިފެންތަށި ބޯންދިނުމަކީ ޢާއްމުކޮށް ޢަމަލު ކުރެވެމުންދާ މަޝްހޫރު ކަމަކަށް ވީނަމަވެސް އެކަން ކުރަންވާނީ ހަމައެކަނި ޤުރުއާނުން ކަމަށާއި އެގޮތަށް ޢަމަލު ބަހައްޓަން ޖެހޭނެ ކަަމަށެވެ.
އިމާމު ނަވަވީ ވިދާޅުވެފައި ވަނީ ބަލިމީހާއަށް ޝިފާއަށް އެދި ތަށްޓެއްގައި ޤުރުއާން ލިޔެ ދޮވެފައި ބޯން ދިނުމަކީ އިމާމު ޙަސަނުލް ބަޞްރީއާއި މުޖާހިދާއި އަބޫ ޤަލާބާއާއި އައުޒާޢީ ފަދަ ބޭކަލުން ހުއްދަ ކުރަށްވާ ކަމެއް ކަމަށެވެ. އެހެނަސް އައުޒާޢީގެ އެއްބަސްފުޅެއްގައި މަކްރޫހަކަމެކޭވެސް ވިދާޅުވެފައިވެއެވެ. (އަލްއިތުޤާން:2/166)
- ފަންޑިތަ ހަދައި ފެނަށް ކިޔެވުމާއި ފުމެފައި އަތް ކޭއްތުން:
މީހަކު ބަލިވެއްޖެއްޔާ އަމިއްލައަށް ނުވަތަ ކަމާއެކަށީގެންވާ ފަންޑިތަ ހަދަން ދަންނަ ތަޤްވާވެރި މީހަކު ލައްވައި ދުޢާކުރުވައި ފަންޑިތަ ހެދުމާއި ހެއްދުމަކީ މުސްތަޙައްބު ކަމެކެވެ. މިގޮތުން ބަލިމީހާގެ ގަޔަށް ފުމުމާއި ފެންކިޔަވާފައި ފެންތަށްޓަށް ފުމުމާއި ލިޔެފައިވާ ތަށްޓަށް ފުމުމާއި މިއިން ކޮންމެ ކަމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ނަމަވެސް ފުމޭއިރު އަނގައިން ކުޅު ތިކި ބުރައިގެންދާ ވަރަށް ނުފުމެން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެގޮތްވެސް އެންމެ ރަނގަޅު ކަމަށެވެ.
- އަންހެނަކު ފިރިހެނަކަށް ފަންޑިތަ ހެދުން:
ޢިލްމުވެރިން ވިދާޅުވަނީ ފަންޑިތަހެދުމުގައި ފިރިހެނަކަށް އަންހެނަކަށް ފަންޑިތަ ހަަދައިދެވިދާނެ ކަމަށާއި އަންހެނަކަށްވެސް ފިރިހެނަކަށް ފަންޑިތަ ހަަދައިދެވިދާނެ ކަމަށެވެ. މިޙަދީޘުގައި އަންނަފަދައިން ޢާއިޝަތުގެފާނު ވިދާޅުވަނީ، އެކަމަނާ އިޚްލާޞް ފަލަޤިނާސި ތިން ސޫރަތް ކިޔަވާ ވިދާޅުވުމަށްފަހު، ލޮބުވެތި ރަސޫލާގެ ހަށިކޮޅަށް ފުމެލައްވައި ހައްދަވާ ކަމަށެވެ.
- ބަލީމީހާ އަމިއްލައަށް ނުވަތަ ފަންޑިތަ ހަދާމީހާ ކިޔަވާފައި އަތް ފިރުމާލުން:
ބަލީމީހާ އަމިއްލައަށް ނުވަތަ ފަންޑިތަ ހަދާމީހާ ކިޔަވާފައި ބަލިމީހާގެ ގައިގައި ނުވަތަ ވޭން އަޅާ ތަނެއްގައި އަތްފިރުމާލުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އެކަމުގައި ދެއަތުން މޫނުގައިވެސް އަތް ފިރުމާލެވިދާނެއެވެ. ނުވަތަ މުޅިގައިގައިވެސް އަތްޖެހުނު ހިސާބެއްގައި އަތްކޭއްތިދާނެއެވެ. މިގޮތަށް ތިންފަހަރު މަތިން ޢަމަލުކުރުމީ މުސްތަޙައްބު ވެގެންވާ ކަމެކެވެ.
- ކުޅު ކޮޅަކާއެކު ވެލިފުކެއް ކޭއްތުން:
ތަޤްވާވެރި ބޭކަލެއްގެ އަތްޕުޅުން ނުވަތަ މޮޅު ފަންޑިތަވެރިއެއްގެ އަތުން އިނގިލީގައި ކުޅުފޮދެއް ލައިގެން ބިމުގެ ތާހިރުތަނެއްގައި ޖައްސާފައި އިނގިލީގެކޮޅަށް ވެލިފުކެއް ނަގައިގެން ތަދުވާތަނުގައި ނުވަތަ ފާރުވެފައިވާ ތަނުގައި ނުވަތަ ވިހަވެފައިވާ ތަނުގައި ޖައްސައިގެންހުރެ ދުޢާ ކުރުމީ ސުއްނަތެކެވެ. އޭގައި މިދުޢާ ކިއުންވެސް ސުއްނަތް ވެގެން ވެއެވެ. بِاسْمِ اللَّهِ تُرْبَةُ أَرْضِنَا بِرِيقَةِ بَعْضِنَا لِيُشْفَى بِهِ سَقِيمُنَا بِإِذْنِ رَبِّنَا މާނައީ: ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެންގެ ބިމުގެ ވެއްޔާއި އަޅަމެންގެ ތަޤްވާވެރިންގެ ކުޅުގެ ޒަރީޢާއިން އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހުގެ އިޛުނަފުޅާއެކު އަޅަމެންގެ ބަލި ފަސޭހަ ކުރަށްވާނދޭވެ! މިއެވެ. (މުސްލިމު: 4/1724)
- ބަރަކާތް ލިބިގަތުން:
އިމާމު ޤާޟީ ޢިޔާޟު ވިދާޅުވެފައި ވެއެވެ. ދުޢާ ކޮށްފައި ގަޔަށް ފުމުމާއި އަސްމާއުލް ޙުސްނާއާއި އެނޫން ޛިކުރުގެ ބަސްތައް ކިޔަވާފައި ތަށިލިޔެގެން އެފެން ޖަހައި ބަރަކާތް ލިބިގަތުމަކީ އޮތް ކަމެކެވެ. އިމާމު މާލިކުގެފާނުންގެ އަރިިހުން އަންނަނީ އެކަލޭގެފާނު އަމިއްލަފުޅަށް ފަންޑިތަ ހައްދަވާފައި ހަށިކޮޅަށް ފުމެހައްދަވާ ކަމަށެވެ. ނަމަވެސް ފުރައްދެ ލޮނަށާއި ގޮށްގޮށަށާއި ސުލައިމާނު މުދި (ސުލައިމާނު އަކަ) ކުރަހައިގެންނާއި އެފަދަ އެއްޗެއްސަށް ފުމުމަށް އެކަލޭގެފާނު ރުހިވަޑައި ނުގަންނަވާކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ގޮށްތަކަށް ފުމުމަކީ އެކަލޭގެފާނު ނިހާޔަތަށް އިންކާރު ކުރަށްވާ ކަމެކެވެ. އެހެނީ އެކަން ސިހުރާ ވައްތަރުވާތީއެވެ.
- ވިހަވެގެންނާއި ހުންއައިސްގެންނާއި އެނޫންވެސް ކަންކަމަށް ފަންޑިތަ ހެދުން:
އިމާމު އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފަންޑިތަ ހެދުމުގައި ވިހަ ވެގެންނާއި ހަރުފަ ފަދަ ތަކެތި ވިހަލައިގެންނާއި ހުން އައިސްގެންނާއި އެނޫންވެސް ބަލިބައްޔަށް ފަންޑިތަ ހެދިދާނެ ކަމަށެވެ. ހަމަ އެހެންމެ ޖިއްނީންގެ އުނދަގުލުންނާއި މީސްމީހުންގެ ވިިހަ ލޮލުގެ އެސްފީނާއަށް ވެސް ފަންޑިތަ ހެދިދާނެ ކަމަށެވެ. މީގައި އަލްޙަމްދާއި އިޚްލާސް ފަލަޤިނާސި ތިން ސޫރަތުންނާއި ކުރުސީންނާއި އެނޫންެ ވެސް ޤުރުއާނުގެ ތަންތަން ފަންޑިތައަށް ބޭނުން ކުރެވިދާނެއެވެ. އަދި އެހެނިހެން ޛިކުރުތަކާއި ﷲގެ އިސްމުފުޅުތަކާއި ދުޢާތައް ބޭނުން ކުރެވިދާނެއެވެ. ބައެއް ސޫރަތްތަކުގެ ކުރީގައި އައިސްފައިވާ މުޤައްޠަޢާތު އަކުރުތަކުން ފަންޑިތަ ހެދުމާމެދު ޢިލްމުވެރިންގެ ތެރެއިން ބައެއްބޭކަލުން މަނާކުރަށްވާއިރު އަނެއްބައި ބޭކަލުން ހުއްދަކުރަށްވައެވެ. އެއީ އެއަކުރުތަކަކީވެސް ޤުރުއާނު ކަމަށްވާތީއެވެ. އަދި އޭގެމާނަ އެނގިވަޑައިގަންނަވާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވާތީއެވެ.