ގާނޫނުއަސާސީއަށް އޞްލާޙު ގެނައުމަށް ކެތް މަދުވެފައި ތިބި ވަރުން ޕާކިސްތާނުގެ ވެރިކަން ކުރާ ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ޖަލްސާތައް ބަންދު ދުވަހުވެސް ބާއްވައިފިއެވެ. އާދިއްތަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ނުބާއްވައެވެ. ނަމަވެސް މިއަދު މަތީގެއާއި ދަށުގޭގެ ޖަލްސާވެސް ބާއްވާފައި ވެއެވެ.

ޕާކިސްތާނަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭން އެންމެ މުހިންމު ކަމަކީ، އުއްތަމަ ފަނޑިޔާރުގެ ދައުރު 3 އަހަރަށް ކަނޑައެޅުމެވެ. މިހާރު އޮންނަ ގޮތުން މަޤާމަށް ވަޑައިގަތުމަށްފަހު ރިޓަޔާ ކުރައްވަންދެން ހުކުމް ކުރެއްވުމުގައި ފަނޑިޔާރު މަނިކުފާނު ދެމިހުންނަވާނެއެވެ.

މި މަސައްކަތުގައި ހުރިހައި ޕާޓީތައް ގުޅުވައިދީ ޚިޔާލު އެއްގޮތް ކުރެއްވުމަށް އެންމެ އިސް ދައުރެއް އަދާ ކުރައްވަނީ މައުލާނާ ފަޟުލުއްރަޙުމާނެވެ. މައުލާނާ ފަޟުލުއްރަޙުމާނަކީ ރާއްޖޭގައި ނަމަ ޝެއިޚު ޢިމްރާނެވެ.

ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ އޭނާގެ ޕާޓީ މުސްލިމް ލީގް (ނ)ގެ ރޫޙާނީ ލީޑަރު އޭނާގެ ބޭބެ، ނަވާޒް ޝަރީފާވެސް މިއަދު ބައްދަލު ކުރައްވައި އިސްލާޙުގެ މަސައްކަތް ދާގޮތުގެ މަޢުލޫމާތު ދެއްވައި އިރުޝާދު ހޯއްދަވާފައެވެ.

ހިއްސާ ކުރައްވާ!