ޝަހީދު ޙަސަން ނަޞްރަﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން މައްސަލައަކަށް ވެއްޖެ

ޙިޒުބުﷲގެ ލީޑަރު ޝަހީދު ޙަސަން ނަޞްރަﷲ އަވަހާރަކޮށްލުމާ ގުޅިގެން މިސްރުގައި ޣައިބަށް ކަށު ނަމާދުކުރުމާ ބެހޭ ގޮތުން ސިޔާސީ ދެބަސްވުމެއް އުފެދިއްޖެއެވެ. ނަޞްރަﷲ ޝަހީދުކޮށްފައި ވަނީ މިސްރުގެ ކުރީގެ ލީޑަރު ޖަމާލް ޢަބްދުއްނާޞިރު އަވަހާރަވި ދުވަހުއެވެ.

ޖަމާލު ޢަބްދުއްނާޞިރުގެ ފިކުރަށް ތާއީދުކުރާ ވާތުފިޔައިގެ ނާޞިރީ ޕާޓީން ވަނީ އެޕާޓީގެ އޮފީހުގައި ޣައިބަށް ކަށުނަމާދު ކުރުމެއް ބާއްވާފައެވެ. އަދި ވާތުފިޔައިގެ ކޮމިއުނިސްޓް ޕާޓީވެސް ވަކިން ޣައިބަށް ކަށު ނަމާދު ކުރުމެއް ބޭއްވިއެވެ.

މި ޕާޓީތަކަކީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ފަރާތްތަކަށް ސަޕޯޓު ކުރާ ޕާޓީތަކެވެ.

މިސްރުގެ ކުރިން ވެރިކަން ކުރި ޑިމޮކްރެޓިކް ޕާޓީން ވަނީ ނަޞްރަﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ކުށްވެރިކޮށްފައެވެ. އެ ޕާޓީން ބުނެފައި ވަނީ ނަޞްރަﷲއަކީ ސިޔާސީ ބޭފުޅެއްކަމަށާއި ސިޔާސީ މަސައްކަތުގައި އޮންނާނީ ބަޔާންތައް ނެރުމާއި މައިދާނުގައި ޙަރަކާތްތެރިވުން ކަމަށެވެ. އެހެންވެ، ސިޔާސީ މަސައްކަތާއި ދީނުގެ ކަންކަން މައްސުނިކޮށްގެން ނުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!