އިގްތިސާދީ ނުތަނަވަސްކަމާއި، ސިޔާސީ ޔަގީންކަން ނެތުމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން ހުނަރުވެރި ޕްރޮފެޝަނަލުން ރެކޯޑް އަދަދަކަށް ގައުމު ދޫކޮށް ދިއުމުން ޕާކިސްތާނަށް ސިކުނޑީގެ މުއްސަނދިކަމުގެ ބޮޑު ގެއްލުމެއް ދަނީ ކުރިމަތިވަމުންނެވެ. ދަ އެކްސްޕްރެސް ޓްރިބިއުން ގައި ދާދިފަހުން ނެރުނު އެޑިޓޯރިއަލްއެއްގައިވާ ގޮތުން ނޭޝަނަލް ޑޭޓާބޭސް އެންޑް ރެޖިސްޓްރޭޝަން އޮތޯރިޓީ (ނާޑްރާ) އިން މިހާރު ދުވާލަކު 40،000 އަށް ވުރެ ގިނަ ޕާސްޕޯޓް އެޕްލިކޭޝަން ޕްރޮސެސް ކުރަމުން ގެންދެއެވެ. މިއީ މިހާރުގެ ހާލަތާ މެދު ފުޅާދާއިރާއެއްގައި މީހުންގެ މެދުގައި ހިތްހަމަނުޖެހުން އޮތްކަން ހާމަ ކޮށްދޭ ކަމެއް ކަމަށް އެނޫހުން ދެއެވެ.
ހަމައެކަނި 2023 ވަނަ އަހަރު ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި އައިޓީ ޕްރޮފެޝަނަލުން ގެ ތެރޭން ޕާކިސްތާނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅު ފުރުސަތުތައް ހޯދުމަށް ގައުމުން ބޭރަށް ހިޖުރަކޮށްފަ އެވެ. މިއީ ފާއިތުވި އަހަރުތަކުގައި އަހަރެއްގެ ތެރޭގައި ހިޖުރަ ކުރި އެންމެ ބޮޑު އަދަދު ކަމަށާއި، މި މައްސަލައިގެ ޚުޠޫރަތްތެރިކަން މިކަމުން ފާހަގަ ކޮށްލެވޭ ކަމަށް އެނޫހުން ބުނެއެވެ.
ޕާކިސްތާންގައި އިންފްލޭޝަން މަތިވުމާއި ދިރިއުޅުމުގެ ޚަރަދުތައް އަތް ނުފޯރާ ހިސާބަށް ދިއުން ފަދަ އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން މުސާރަތައް އިތުރު ނުވެ، ހުއްޓިފައި ހުރުމާއި މަގާމުގެ ކުރިއެރުން ނުލިބުމަކީ ޕްރޮފެޝަނަލް ފަރާތްތައް ގައުމުން ބޭރަށް ފޮނުވާލާ މައިގަނޑު ސަބަބެވެ.
ޕާކިސްތާންގައި ވަޒީފާގެ ރައްކާތެރިކަމާއި އިންވެސްޓްމަންޓަށް ބުރޫއަރާ ސިޔާސީ ނުތަނަވަސްކަން އިތުރަށް ގޯސް ވަމުން ދެއެވެ. ގިނަ ހުނަރުވެރި މަސައްކަތްތެރިން ބޭރުވެގެން ދަނީ ކެނެޑާ، ޖަރުމަނު، އަދި ޔޫއޭއީ ފަދަ ގައުމުތަކަށެވެ.
ހުނަރުވެރި ގިނަ ބަޔަކު ގައުމުން ވަކިވުމަކީ ޕާކިސްތާނުގެ ދިގު މުއްދަތުގެ ކުރިއެރުމަށް ބޮޑު ނުރައްކަލެއް ކަމަށް ފާހަގަ ކޮށްފައި ވއެވެ.
ހުނަރުވެރިން ގެއްލިގެން ދިއުމުން ހެލްތްކެއާ އާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތައް ބަލިކަށިވެ، ގައުމުގެ އީޖާދި އިންޖީނު ހުއްޓި، ޚިދުމަތުގެ ފެންވަރު ދަށްވެއެވެ. މި ޓްރެންޑް ކޮންޓްރޯލުކޮށް ފަހަތަށް ޖެއްސުމަށްޓަކައި އިގްތިސާދީ ސިޔާސަތާއި، ވަޒީފާ އުފެއްދުމާއި، ވެރިކަން ހިންގުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ފުރިހަމަ އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށް މުހައްލިލުންނާ ހަވާލާދީ އެނޫހުން ބުނެފައި ވއެވެ.