މޮދީއާއި ޓްރަމްޕް ބައްދަލު ކުރައްވާނެ ކަމަށް ލަފާ ކުރެވޭ

އެމެރިކާގައި އަލަށް ހުވައި ކުރެއްވި ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެންމެ ފުރަތަމަ ބައްދަލުކުރައްވާ ބޭރުގެ ލީޑަރަކީ، އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއާ ކަމަށް ލަފާކުރެވެއެވެ. ހޯމަ ދުވަހު ދެ ލީޑަރުން ފޯނުން ވާހަކަދައްކަވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، އެމެރިކާގެ ހަތިޔާރު އިންޑިއާއިން ގަތުމުގެ މުހިންމުކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު އެކްސް ޕްލެޓްފޯމްގައި ޕޯސްޓެއް ކުރައްވައި، "އަޅުގަނޑުގެ އަޒީޒު ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ވާހަކަދެއްކުމުގެ އުފާވެރިކަން ލިބުނު" ކަމަށް ވިދާޅުވިއެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ވެރިކަމުގައި މޯދީއާއެކު ވަރަށް ގާތް ގުޅުމެއް ބޭއްވެވިއެވެ.

ދެ ގައުމުގެ މެދުގައި ހުރި ވިޔަފާރީގެ ގޮންޖެހުންތަކާއި، އެމެރިކާގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ފެށުމަށް ދެ ގައުމުން އެއްބަސްވެފައިވެއެވެ.

އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރަކީ އެމެރިކާއެވެ. ފާއިތުވި އަހަރު ދެ ގައުމުގެ މެދުގައި 118 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވުނު އިރު، އޭގެ ތެރެއިން 32 ބިލިއަން ޑޮލަރަކީ އިންޑިއާއަށް ލިބުނު ފައިދާއެވެ.

 

ހިއްސާ ކުރައްވާ!