ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ މީޑިއާގެ މިނިވަންކަން ހަނިކުރާ ބިލެއް ތަސްދީގު ކުރައްވާފައެވެ. މިއީ 2016 ވަނަ އަހަރު ފާސްކޮށްފައިވާ ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް (ޕެކާ) އިސްލާހު ކޮށް ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލުގައި ސޮއިކުރެއްވުމުގެ ކުރިން ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން ވަނީ ރައީސް ޒަރްދާރީއަށް ސޮއިނުކުރެއްވުމަށް ގޮވާލާފައެވެ. އަދި މުޅި ޕާކިސްތާނުގައި މި ބިލާ ދެކޮޅަށް އިހުތިޖާޖުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ނޫސްވެރިން މި ބިލު ސިފަކުރަނީ "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ ހަމަލާއެއް" ގެ ގޮތުގައެވެ.
އައު އިސްލާހުތަކުގެ ދަށުން، އޮންލައިންކޮށް ވިއަސް "ދޮގު ޚަބަރު" ކަމަށް ބަލާ ވާހަކަތައް ފަތުރާ ފަރާތްތަކަށް އަދަބު ދެވޭނެއެވެ. މީގެ ތެރޭގައި މުޖުތަމައުގައި ބިރުވެރިކަމާއި، ހާސްކަން ނުވަތަ ހަމަނުޖެހުން އުފެދޭފަދަ ދޮގު މައުލޫމާތު ގަސްތުގައި ފެތުރުމަކީ ކުށެއް ކަމަށް ބުނެފައި ވެއވެ. މިފަދަ ކުށްތަކަށް 3 އަހަރާ ހަމައަށް ޖަލު ޙުކުމެއް ނުވަތަ 2 މިލިއަން ރުޕީސްއާ ހަމައަށް ޖޫރިމަނާއެއް ނުވަތަ މި ދެ އަދަބު އެއްކޮށް ކަނޑައެޅިދާނެއެވެ.
އިދިކޮޅު ތަހުރީކޭ އިންސާފް ޕާޓީ (ޕީޓީއައި) އިން ވެސް ވަނީ ގާނޫނު ހަދާ މަޖިލީހުގައި މި ޤާނޫނު އަވަސް އަރުވާލައިގެން ފާސްކުރުމާ ދެކޮޅަށް އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ. އަދި އެމްނެސްޓީ އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން އަދި ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ވަނީ ޕެކާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.




