ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން އާންމުކުރި އޮޑިޓް ނުކުރާ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4 ޕަސެންޓުގެ އިތުރުވުމެކެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 47 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި މިދިޔަ އަހަރު އާންމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެއެވެ.
މީގެއިތުރުން، ބީއެމްއެލްއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި "މުޅި ރާއްޖެއަށް އޭޓީއެމް" ގެ ނަމުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައި ވެއެވެ. އަދި "ބޭންކް ފަންޑު" ގެ ދަށުން 5 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.



