ޕާކިސްތާނުގެ ޒަކާތު ފަންޑުން އެތައް މިލިއަން ރުޕީސްގެ ޚިޔާނާތްތަކެއް ހިންގާފައިވާކަން ތަހުގީގު ކޮމިޓީއަކުން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ ބޭޒާރުވެފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އިންކުއަރީ ކޮމިޓީގެ ވަގުތީ ރިޕޯޓުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އާންމުކޮށް ޒަކާތު ފަންޑު އޯޑިޓް ކުރަމުން ގޮސްފައެއް ނުވެއެވެ. ޕާކިސްތާނު މީޑިއާއިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން ޒަކާތު ފަންޑުގެ މަސްއޫލުވެރިން ވަނީ ނާޖާއިޒު ގޮތުގައި ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރަމުން ގޮސްފައެވެ.
ލާމަރުކަޒީ ނިޒާމަކަށް ހިންގާ ޒަކާތު ފަންޑުގެ ފައިސާއަށް ޕާކިސްތާންގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ބައެއް އޮފިޝަލުންނާއި ޒަކާތު ކޮމިޓީގެ ލޯކަލް ޗެއާމަނުން ވަނީ ޚިޔާނާތްތެރިވެފައެވެ. އަދި ގަވާއިދާ ޚިލާފަށް 185 ލޯކަލް ޒަކާތު ކޮމިޓީ އުފައްދާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މައްސަލައިގެ ބޮޑުކަން ފާހަގަކުރެވުމުން، އިބްތިދާއީ ތަޙްޤީޤެއް ހިންގުމަށްފަހު، އިތުރަށް ތަޙްޤީޤު ކުރުމަށް މައި ފެޑެރަލް ތަޙްޤީޤީ އިދާރާއަށް މައްސަލަ ވަނީ ފޮނުވާފައެވެ. އިންވެސްޓިގޭޓަރުން ވަނީ ކަމުގެ ބޮޑުމިނުން އަމިއްލަ އޮޑިޓް ފާމްތައް މެދުވެރިކޮށް އިތުބާރު ހިފޭ އޮޑިޓެއް ހެދުމަށް ލަފާދީފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ




