އިންސާނީ ހައްގުތައް ނިގުޅައި ގަތުމާއި ޖަލުތައް ތޮއް ޖެހުމާއި ޝަރީއަތް ލަސް ވުމަކީ ޕާކިސްތާނުގެ ޖަލުގެ ނިޒާމަށް ދމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމެވެ.
ޕާކިސްތާނުގެ ޖަލުތަކުގައި މީހުން ތިބން ޖެހޭ އަދަދަށްވުރެން %150 އަށް ވުރެ އިތުރަށް ގައިދީން ތިބި ކަމަށް ވެއެވެ. މިއަދަދަކީ، ޕާކިސްތާންގެ ކަރެކްޝަނަލް ނިޒާމަށް ކުރިމަތިވެފައިވާ ނިޒާމީ ނާކާމިޔާބީތައް ދައްކުވައިދޭ ހެއްކެކެވެ.
ޖަސްޓިސް ޕްރޮޖެކްޓް ޕާކިސްތާން (ޖޭޕީޕީ) އިން ދާދިފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ކަރާޗީފަދަ ސިޓީއެއްގައި އެންމެ 65،000 މީހުންނަށް ފަރުމާކޮށްފައިވާ ޖާގަތަކުގައި 102،000 އަށް ވުރެ ގިނަ ގައިދީން ބަންދުކޮށްފައި ވެއެވެ. އަދި ކަރާޗީ ސެންޓްރަލް ޕްރިޒަން ހިންގަނީ %355 ގެ ކެޕޭސިޓީއަކުންނެވެ.
ތޮއްޖެހުމުގެ ސަބަބުން މީހުންނަށް އަނިޔާ ކުރުމާއި އަނިޔާ ދިނުމާއި އިހުމާލުވުމާއި އަނިޔާވެރިކަމަށް ފަހިވާ މާހައުލެއް އުފެދިފައިވާ ކަމަށް ވެއެވެ. ސިއްހީ ފަރުވާއާއި ކާނާއާއި ސާފުތާހިރުކަން ޖަލުގައި ލިބެން ނެތުމުގެ ސަބަބުން އިންސާނީ އަސާސީ ހައްގުތަކަށް ގިނަ ފަހަރަށް އިހުމާލު ވެފައިވާ ކަން ފާހަގަ ވެފައި ވެއެވެ. އަދި ތޮއް ޖެހިފައި ތިބުމުގެ ސަބބުން ގައިދީންގެ މެދުގައި ގައިން ގަޔަށް އަރާ ބަލި ފެތުރުމުގެ ނުރައްކާ ކުރިމަތިވެ އެވެ. ޖަލުތަކުގެ ނިޒާމުގައި ޕާކިސްތާނުގައި ކޮރަޕްޝަންގެ ހާލަތަކީ އާންމު ހާލަތެކެވެ. އަދި ނުފޫޒުގަދަ ގައިދީން ގަވާއިދުތައް ތަންފީޒު ކުރުމުގައި އިސްތިސްނާ ކޮށްފައު ވެއެވެ. އަދި ޚާއްސަ އިމްތިޔާޒުތައް ލިބިގަތުމަށް އޮފިޝަލުންނަށް ރިޝްވަތު ދޭއިރު، ގުޅުން ނެތް މީހުން އުޅެން ޖެހެނީ އިންތިހާއަށް ދަތި ހާލަތްތަކެއްގައެވެ.
ޕާކިސްތާންގައި ޖަލުގެ ހާލަތު އިތުރަށް ގޯސްވަނީ ޝަރުއީ ނިޒާމުގައި ދިގު މުއްދަތަކަށް މައްސަލަތައް ނުހިނގައި ފުނިޖެހިފައި ވުމެވެ. ގާތްގަނޑަކަށް %75 ގައިދީން ތިބެނީ ވާނުވާގައެވެ. މައްސަލަތައް ލަސްވުމުގެ ސަބަބުން ކުށަކާ ނުލައި ޖަލަށް ލާފައިވާ އެތައް މީހުންނެއް ޒަމާނަކަށް ފަހު ކުށެއްނެތިގެން ބަރީއަކޮށްފައި ވެއެވެ.
ޕާކިސްތާންގެ ޝަރުޢީ ނިޒާމުގައި އޮތް ބެކްލޮގްގެ ސަބަބުން "ކުށް ސާބިތު ނުވާހާ ހިނދަކު މައުސޫމް" ގެ އަސާސީ އުސޫލަށް ބުރޫއަރާ ކަމަށް ގާނޫނީ މާހިރުން ބުނެއެވެ.
މިނިޒާމުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ވެސް ޖަލުގެ މުވައްޒަފުންނާ ހަމައަށް ފޯރާފައި ވެއެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ނުވަތަ ހުކުމް ލުއިކުރުމަށް ރިޝްވަތު ދިނުމަކީ އާންމު ކަމެއް ކަން ފާހަގަ ކުރެވިފައި ވެއެވެ.
ޖަލުތަކުގެ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ނުލިބުމުން އަނިޔާވެރިކަމާއި ވިޔާނުދާ އަމަލުތައް އިތުރަށް ދަމަހައްޓަމުން ދެއެވެ.






