ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މަޤާމުން ދުރުކުރެވުނު 228 ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ހާމަނުކުރުމަށް އެދި ސަރުކާރުން ހައިކޯޓަށް މައްސަލަ ވައްދައިފި އެވެ.
ފާއިތުވި ހަފުތާގައި ސަރުކާރުން ހައިކޯޓަށް ތިން މައްސަލައެއް ހުށަހެޅިކަން އެނގެއެވެ. މި މައްސަލަތަކަކީ އިންފޮމޭޝަން ކޮމިޝަނާ ގުޅުންހުރި، އަދި ވަޒީފާއިން ވަކިކުރެވުނު 228 މުވައްޒަފުންގެ މައްސަލަތަކެވެ.
ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތައް ވަކިކުރުމަށް ނިންމަވާކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަޤާމުން ވަކި ކޮށްފައި ވަނީ، ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.
ސިޔާސީ މަޤާމުތަކުން ވަކިކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް 15 ދުވަހުގެ ތެރޭގައި ވަކިކުރެވޭނެކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އެހެންނަމަވެސް، 228 މީހުން ވަކިކުރިކަމަށް ސައުކާރުން އިއުލާން ކުރިނަމަވެސް އެއީ ކޮން ބައެއްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މަޤާމުން ވަކިކުރެވުނު ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ތިން ހުށަހެޅުމެއް ހުށަހެޅުނެވެ. އެހެންނަމަވެސް، އެ މަޢުލޫމާތަކީ ޒާތީ މަޢުލޫމާތު ކަމަށް ބުނެ ރައީސް އޮފީހުން އެ މަޢުލޫމާތު ހިއްސާކުރުމަށް އިންކާރު ކޮށްފައި ވެއެވެ.
މި މައްސަލަ ބެލުމަށްފަހު، އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މަޢުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް އަންގަވާފައެވެ. އަދި ވަކިކުރެވުނު މުވައްޒަފުންގެ ދާއިމީ އެޑްރެސް ފަދަ ޒާތީ މަޢުލޫމާތު ހާމަނުކުރެވޭނެކަމަށް އައިކޮމުން ބުނެފައި ވެއެވެ.





