ދިވެހިރާއްޖެ ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށް ބޭނުންވާ މައިގަނޑު އަސާސްތަކެއް އެކަށައެޅުމަށް މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމައިފިއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅި ކަރުދާހަކާ ގުޅިގެން މި ނިންމުން ނިންމާފައިވަނީ އެ ކަރުދާހަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.
މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ އިތުރުކުރުމާއި، ޑިޖިޓަލް އިޤްތިޞާދީ މަންފާތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޑިޖިޓަލް ބަދަލުގެ ދަތުރު އަވަސްކުރުމަށް އަމާޒުކޮށް އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ.
މައިގަނޑު އަމާޒުތައް:
މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޤައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ބަދަލުގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރެވޭނެ ޕްލެޓްފޯމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، ރައްޔިތުންނަށް އަމާޒުކޮށްގެން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އީ-ގަވަރންމަންޓްގެ ނިޒާމު ވަރުގަދަކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަދި ޚާއްޞަ ގޮތެއްގައި ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އީ-ފާސް އަދި ޑިޖިޓަލް ސޮއި ތަޢާރަފުކުރުމަށް ނިންމާފައިވާ ނިންމުމެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
އަދިސްކޫލުތަކަށް ޑިޖިޓަލް ޒަމާނަށް އަހުލުވެރިކުރުމަށް ކަރިކިއުލަމް ފަރުމާކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.





