ފަލަސްޓީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ އިސްލާމީ ހަމާސްއިން ހޯދި ކާމިޔާބީއެއްގައި މިއަދު ޒަޔަނިސްޓު ޓެރަރިސްޓުން ވަނީ ނެޓްސާރީމް ރޮނގު ދޫކޮށް ފައިބައިގެން ގޮސްފައެވެ. ނެޓްސާރީމަކީ ޣައްޒާގެ އުތުރު ބަހާލާ 4 ކިލޯމީޓަރުގެ ފުޅާ ލައިނެކެވެ.
މިހާރު ޒަޔަނިސްޓުން ސުލްހައިގެ ދެވަނަ މަރުހަލާ ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވާއިރު، ނަތަންޔާހޫ ބޭނުން ވަނީ މިހާރު ކުރިއަށްދާ ސުލްހައަށް ހުރަސް އަޅާށެވެ.
އިޒްރޭލުގެ ހާރެޓްސް ނޫހުން ބުނާ ގޮތުގައި ޒަޔަނިސްޓު ބޮޑު ވަޒީރު ބޭނުން ވަނީ، އެކިއެކި ހުރަސްތައް ކުރިމަތިކޮށްގެން ސުލްހައިގެ ދެވަނަ މަރުހަލާ ނުފެށޭ ގޮތަށް ހަދާށެވެ.
ނަމަވެސް އިޒްރޭލުގެ އަސީރުން އަދިވެސް މިނިވަން ކުރެވިފައި ނުވާތީ، އާންމުން ނަތަންޔާހުއަށް ޕްރެޝާތައް ކުރިމަތި ކުރާމެ ކަމަށް ބެލެވެއެވެ.
ސުލްހައިގެ ދެވަނަ މަރުހަލާއަކީ އިޒްރޭލުގެ ޖަލުތައް ހުސް ކުރުމަށް ޙަމާސްއިން ބޭނުންވާ މީހުން މިނިވަން ކުރުމަށް އިޒްރޭލަށް މަޖުބުރުކުރާނެ މަރުހަލާއެވެ. މިއީ ނަތަންޔާހޫއަށް އުދަގޫ މަރުހަލާއަކަށް ވާނެ ފައްތަރެކެވެ.





