ޕާކިސްތާންގައި 8.5 މިލިއަން ޚާދިމާއިން ނޯކަރުންގެ ގޮތުގައި ގެންގުޅޭ

ޚާދިމާއެއްގެ ގޮތުގައި ގެންގުޅުނު އުމުރުން 12 އަހަރުގެ އިޤްރާ މަރުވެފައި ވަނީ އޭނާގެ ސާހިބު ކަމަނާ އަނިޔާކޮށްގެންނެވެ. ހޮލީ ފެމިލީ ހޮސްޕިޓަލުގައި އޭނާ މަރުވެފައި ވަނީ އަނިޔާކުރުމުން ލިބިފައިވާ ގެއްލުމުން ކަމަށް ޑޮކްޓަރުން ބުނެއެވެ. ރާވަލްޕިންޑީގައި ހިނގާފައިވާ މި ޖަރީމާގެ ޝިކާރައަކަށް ވެފައިވާ އިޤްރާ އަކީ ރަށްފުށުގެ ހިސާބަކުން އައިސް ވަޒީފާ އަދާކުރާ ކުއްޖެކެވެ.

އޭނާގެ އުޖޫރަކީ މަހަކު 8،000 ޕާކިސްތާނީ ރުޕީސްއެވެ.

ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާއަށް ލިބިފައި ވަނީ، ސީރިއަސް ޒަހަމްތަކެއް ކަމަށެވެ. ފުލުހުން ވަނީ މި ޖަރީމާއަށް ޝައްކު  ކުރެވިގެން، ސާހިބުމީހާ ރަޝީދު ޝަފީގާއި އޭނާގެ އަންހެނުން ސާހިބު ކަމަނާ ސަނާ ހައްޔަރުކޮށްފަ އެވެ.

އިޤްރާގެ ބައްޕަގެ ޝަކުވާއާ ގުޅިގެން އެ ދެމަފިރިންގެ މައްޗަށް ވަނީ މަރުގެ ދައުވާ އުފުލުމަށް ނިންމައި، ޖިނާއީ ޤާނޫނުގެ އިތުރު ހަތް ސެކްޝަނެއްގެ ދަށުން ދައުވާ ކޮށްފައެވެ.

ޕާކިސްތާނުގެ ގޭގައި ގެންގުޅޭ ކުދިންގެ ހާލަތު މިއެންމެ ހާދިސާއަކުން އަންގައި ދެއެވެ. އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ބުނާ ގޮތުގައި ޕާކިސްތާނުގައި ގާތްގަނޑަކަށް 8.5 މިލިއަން ޚާދިމާއިން ގެތަކުގައި ނޯކަރުންގެ ގޮތުގައި ގެންގުޅެއެވެ.

އޭގެ ތެރެއިން ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ. ގިނަ ފަހަރަށް ގަވާއިދާ ހިލާފަށް އަދި ވަޒީފާއާ ބެހޭ ގާނޫނުތަކަށް ނުވަންނަ ގޮތަށް ޚާދިމާއިން ގެންގުޅުމުން އެމީހުންނަށް އަނިޔާވެރިކަން  ތައްހަމަލު ކުރަން ޖެހެއެވެ.

2022 ވަނަ އަހަރު އައިއެލްއޯ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ ކޮންމެ ހަތަރު ގޭބިސީއަކުން އެއް ގޭބިސީއެއްގައި ގޭގައި ގެންގުޅޭ ކުއްޖަކު ޚާދިމާއެއްގެ ގޮތުގައި ގެންގުޅެއެވެ. މި ޚާދިމާއިންގެ ގިނަ ކުދިންނަކީ، އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ.

ހިއްސާ ކުރައްވާ!