އެމެރިކާގެ އެފް35ގެ ބޯޓުތައް އިންޑިއާއަށް ދޭން ނިންމައިފި

އިންޑިއާގެ އައު ބަޖެޓުގައިވެސް ވަނީ އެމެރިކާގެ މުދަލަށް ނަގާ ޑިއުޓީއަށް ލުޔެއް ދީފައެވެ. ވަކިން ޚާއްސަކޮށް އެމެރިކާގެ މަތީފެންވަރުގެ ހާލީ ޑޭވިޑްސަންގެ މޮޓޯސައިކަލްތަކުގެ ޑިއުޓީ ވަނީ ކުޑަކޮށްފަ އެވެ. އެމެރިކާއިން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ އިންޑިއާ މީހުން ހައްޔަރުކޮށް ގައުމަށް ފޮނުވަން ފަށާފައެވެ. މިދިޔަ ހަފްތާގައި 100 އިންޑިއާ މީހުން އެމެރިކާގެ އަސްކަރީ ފްލައިޓެއް ގައި ފޮނުވުމުން އިންޑިއާއިން ވަނީ އެމީޙުން ބަލައިގަނެފައެވެ.

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ޓްރަމްޕް ރުއްސުމަށްޓަކައި ރައްޔިތުންގެ ކަރާމާތް ގުރުބާން ކުރަނީ ކަމަށް މޮދީއަށް ތުހުމަތުކޮށްފައެވެ.

މޮދީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ވައިޓް ހައުސްގައި ޓްރަމްޕް ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އިންޑިއާއަކީ، އެންމެ ބޮޑަށް ޑިއުޓީ ނަގާ ޤައުމު ކަމަށާއި އިންޑިއާއިން  ނަގާ ޑިއުޓީއަކަށް ޑިއުޓީއެއް ނަގާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިދަތުރުފުޅުގެ އެންމެ ޚާއްސަ ކަމަކީ އެމެރިކާގެ އެންމެ ކުރިއަރާފައިވާ އަސްކަރީމަތިންދާ ބޯޓު އެފް35 އިންޑިއާއަށް ވިއްކުމަށް ޓްރަމްޕް ނިންމެވުމެވެ.

ޓްރަމްޕް ވަނީ 2008 ވަނަ އަހަރު މުމްބާއީގެ ނަރިމަން ޕޮއިންޓަށް ހަމަލަދިން ކަމަށް ޝައްކު ކުރެވޭ މީހަކު އިންޑިއާއާ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ. ޝިކާގޯގައި ދިރިއުޅޭ ޕާކިސްތާނު ނަސްލުގެ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ތަހާވުރު ހުސެއިން ރާނާގެ މައްޗަށް 2011 ވަނަ އަހަރު ކުށް ސާބިތުވެ އޭނާ ވަނީ 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އޭނާ ހަވާލުކުރެވޭނެ ކަމަށް ބެލެވުނީ އެމެރިކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މއްސަލައަށް ފަހުއެވެ.

2020 ވަނަ އަހަރު މޯދީ ވަނީ އޭނާގެ އުފަން ސްޓޭޓް ގުޖުރާތުގައި ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ދަނޑު އިފްތިތާހު ކުރުމަށް ބޭއްވެވި 100،000 އަށް ވުރެ ގިނަ މީހުންގެ އުފާވެރި ޖަމާއަތެއްގައި ޓްރަމްޕް ބައިވެރި ކުރައްވާފައެވެ.

ބެލެވޭ ގޮތުގައި މިއަހަރުގެ ފަހުކޮޅު ޓްރަމްޕް އިންޑިއާއަށް ކުއަޑްގެ ސަމިޓަކަށް ވަޑައިގަންނަވާނެއެވެ. ކުއަޑްގައި ހިމެނެނީ، އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން އަދި އެމެރިކާގެ ހަތަރު ގައުމެވެ.

ހިއްސާ ކުރައްވާ!