ޔުނިފޯމުގައި ސޮއިކުރުމުން ޕްރިންސިޕަލް ދަރިވަރަށް އަނިޔާކޮށްފި

ޕާކިސްތާންގެ 10 ވަނަ ގްރޭޑްގެ އަންހެން ދަރިވަރަކު ސްކޫލުގެ ސެލެބްރޭޝަނެއްގައި ކުދިން ލައްވައި އޭނާގެ ޔުނީފޯމްގައި ސޮއިކުރުވުމުން ޕްރިންސިޕަލް އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފި އެވެ. ޕާކިސްތާންގެ ސިއާލަކޯޓްގެ މުޒައްފަރުޕޫރު ތަހުސީލްގައި އަނިޔާކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ދަރިވަރަކަށެވެ.

މައިންބަފައިން ބުނިގޮތުގައި ދަރިފުޅު ވަރުދާ އަދީލަކީ ހިތުގެ ބަލިމީހެކެވެ. އާއިލާއިން ވަނީ މި މައްސަލަ ފުލުހަށާއި ޕަންޖާބްގެ ޗީފްމިނިސްޓަރ މަރްޔަމް ނަވާޒަށްވެސް ދަންނަވާފައެވެ.

މިހާދިސާ ހިނގާފައި ވަނީ ސްކޫލުގެ އެންމެ ފަހު ދުވަހުއެވެ. އަދި އެ ދުވަހަކީ އާންމުކޮށް ކުދިން ޔުނިފޯމަށް ކުލަޖަހައި ސޮއިކޮށް ހަދާ ދުވަސްކަމަށްވެސް އާއިލާއިން  ބުނެފައި ވެއެވެ. ނަމަވެސް ސްކޫލްގެ ޕްރިންސިޕަލް ތަސްނީމް އަފްޒަލަށް އެކަން ހަޖަމް ނުވެގެން ކްލާހަށް ވަދެ، ދަރިވަރުންނަށް ބަހުގެ ހަމަލާދީ، އަދި އެއަށްފަހު ވަރުދާގެ އިސްތަށިގަނޑުގައި ދަމައި ބިންމައްޗަށް ވައްޓައި އަނިޔާ ކުރީ އެވެ. އާއިލާއިން ބުނަނީ މޫނުމަތީގައި ތަޅައި ބިންމައްޗަށް ވައްޓާލައިގެން ފައިންވެސް ތަޅާފައިވާ ކަމަށެވެ.

ވަރުދާގެ ބައްޕަ ބުނަނީ އެހެން ކުދިންނަށްވެސް ޕްރިންސިޕަލް އެގޮތަށް އަނިޔާ ކުރި ކަމަށެވެ.

އަދި އާއިލާއިން ބުނަނީ އެމީހުންގެ 12 އަހަރުގެ ދަރިފުޅުވެސް އެސުކޫލު ދޫކޮށްފައި ވަނީ އެފަދަ އަނިޔާކުރުމުގެ ހާދިސާތަކާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!