ޢުމްރާވެރިންގެ ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކޮށްދޭން ބީއެމްއެލްއިން ނިންމައިފި

ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ދަތުރުކުރާ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރު ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް ކުރިއަށްގެންދާ ކަމެކެވެ.

މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް މި ލިމިޓް ދޫކުރެވޭނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ. މިއީ ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ އިތުރުން ދޫކުރެވޭ އަދަދެކެވެ.

ޢުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން، ޢުމްރާ ގްރޫޕްތަކުން އަމަލުކުރަންވީ ގޮތުގެ ތަފްޞީލު ބޭންކުން ވަނީ އެ ގްރޫޕްތަކާ ހިއްސާކޮށްފައެވެ. އަދި ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއާއި ޓިކެޓް ކޮޕީ ފޮނުވައިގެން މިލިމިޓު ހޯދޭނެއެވެ.

ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމުން އިޢުލާންކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!