ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ ދެކުނުން ގެއްލުނު ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން ބޭރުގެ މާހިރުންގެ ލަފާ ހޯދާފައިވާނެ ކަމަށެވެ. އަދި މިހާރު ހުރީ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އިނގިރޭނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނިންމުމާ ގުޅިގެން އިތުރު މަޝްވަރާތަކެއް ކުރަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ގެއްލިގެން ދިޔަ ކަނޑުގެ ބައި ހޯދުމަކީ އަޅުގަނޑުމެންގެ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަނަމަވެސް ދުލެއް ނުދެން. އެކަމުގަ އަޅުގަނޑުމެން މިދަނީ ހަމަ އެއްވާނެއްގަ ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ލަފާކޮށް ފާސްކުރި ބަޖެޓުގައި ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތްތަކަށް 10 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއް ކަމުގައިވީ ނަމަވެސް، އަދިވެސް އެކަން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

މި ކަމަށް ރައީސް އޮފީހުން ވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުން ނެވެ. އެ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާން ހިމެނިވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!