ރާއްޖޭގެ އިގްތިސާދު ދަނީ ރަނގަޅުވަމުން: ރައީސް މުއިއްޒު

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ރަނގަޅުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވި، ރިޒާވްވެސް ދަނީ ރަނގަޅުވަމުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް 24 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޚަރަދަށް ގޮސްފައިވަނީ 10.5 ބިލިއަން ރުފިޔާ ކަމަށާއި، މިހާރު ދައުލަތުގެ ބަޖެޓް އޮތީ ސާޕްލަސްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށާއި، މީގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ލޯނެއްވެސް ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމާ ގުޅިގެން ބޭރު ފައިސާ ތިޔާގިވެފައިވެއެވެ. އައު ގާނޫނުގެ ދަށުން މިހާތަނަށް 214 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އަލަށް ފާސްކުރި ބޭރު ފައިސާއާބެހޭ ޤާނޫނުގެ ނަތީޖާއެއްގެ ގޮތުން އަމަލުކުރަން ފެށުމާއެކީ ބޭންކުތަކުން މިހާރު 214 މިލިއަން ޑޮލަރު މާރުކޮށްފި" ރައީސުލްޖުމްހޫރިއްޔާ

މި ހުރިހާ ކަމަކުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާވަމުން އަންނަ މިންވަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!