އިޒްރޭލު ޖަވާބުދާރީ ކުރުވަން ޔޫރަޕުން މަސައްކަތް ފަށަނީ

ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިނގަމުންދާ ޖަރީމާތަކުގެ އަލީގައި، އިޒްރޭލު ޖަވާބުދާރީ ކުރަން ޖެހޭ ވަގުރތު އައިސް ޖެހިއްޖެކަމަށް ހޮލެންޑްގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

މިއީ ޔޫރަޕްގެ ޖަމާއަތުގެ މެމްބަރަކު ސާފު ބަހުން އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ހައްގަށް އަރައިގެންފައިވާ ކަން ގަބޫލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ހޮލެންޑްގެ ފޮރިން މިނިސްޓަރު ވަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަކީ ވިލާތު އިއްތިހާދާއި އިޒްރޭލާ ދެމެދުގެ ގުޅުންތަކުގެ ބިންގާ ކަމަށް ބުނާ ދެފަރާތުން ސޮއިކޯށްފައިވާ މުއާހަދާގެ 2 ވަނަ މާއްދާއަށް ހަވާލާ ދެއްވާފައެވެ. މި 2 ވަނަ މާއްދާއާއި އިޒްރޭލުން ޚިލާފްވަމުންދާތީ އިޒްރޭލާއި އީޔޫއާ ދެމެދު އޮންނަ ގުޅުން މުރާޖައާ ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހޮލެންޑްގެ ވަޒިރު ވަނީ އިޒްރޭލުގެ އިންސާނީ ހައްގަށް އަރައިގަތުމުގެ އަމަލުތަކާ ހެދި، އީޔޫ-އިޒްރޭލް ޖޮއިންޓް އެކްޝަން ޕްލޭން ވީޓޯ ކުރެއްވުމަށްވެސް އިންޒާރު ދެއްވާފައެވެ.

އޭގެ އިތުރުން ޔޫރަޕްގެ ޖަމާއަތާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުން މުރާޖައާ ކުރުމަށް އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް، ކާޖާ ކަލާސްއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

މިއީ އީޔޫގެ މެމްބަރު ގައުމަކުން މިފަދަ ސާބިތު މަގާމެއް ނެގި ފުރަތަމަ ފަހަރެވެ. މިހުރިހައި ޒަމާނެއް ވަންދެން ޒަޔަނިސްޓުން އިންސާނީ ހައްގާއި ޚިލާފްވާ ކަމަށާއި އަދި އެވާހަކަ ޔޫރަޕިއަން ޕާލަމެންޓްގައި ހަރުއަޑުން ދައްކާފައިވާ އިރުވެސް ޔޫރަޕްގެ ޖަމާއަތުން ވަނީ އިޒްރޭލުގެ ޖަރީމާތަކަށް ފެހި ސިގްނަލް ދީފައެވެ.

އީޔޫއާއި އިޒްރޭލާ ދެމެދުގެ ގުޅުމުގެ އެއްބަސްވުމަކީ، 1995 ވަނަ އަހަރު ސޮއިކުރި އީޔޫ-އިޒްރޭލް އެސޯސިއޭޝަން އެގްރީމަންޓެވެ. މި އެގްރިމެންޓަކީ ދެ ޕާޓީގެ ސިޔާސީ، ވިޔަފާރި އަދި ސައިންޓިފިކް އެއްބާރުލުމުގެ ބިންގަލެވެ.

މިއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ އެއްބާރުލުން ދިނުމުގެ އަސާސީ ޝަރުތަކީ، "ދެ ފަރާތުގެ ގުޅުން ބިނާވެފައި އޮންނަންވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމް ކުރުމުގެ މައްޗަށް" ކަމަށެވެ.

ނަމަވެސް ޔޫރަޕުންވެސް އަދި އިޒްރޭލުންވެސް މިކަމަށް ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!