ޣައްޒާއަކީ ބަނޑަށް ޖެހިފައި އޮތް ސަރަހައްދެއް ކަމަށް ނިންމައިފި

ޣައްޒާ ސަރަޙައްދަކީ "ބަނޑަށް ޖެހިފައިވާ ސަރަޙައްދެއް" ކަމަށް ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ، މިއަދު އިއުލާން ކުރައްވައިފިއެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ ކޮމިޝަނަރު ފޯލްކަރ ޓަރކް ވެސް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި އިޒްރޭލުން ބޭނުން ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައެވެ.

ހުޅަނގު އައްސޭރީގެ މެދުތެރޭގައިވާ ރާމަﷲ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްޒާއަކީ ބަނޑަށް ޖެހިފައިވާ ސަރަޙައްދެއް ކަމުގައި އިޢުލާނު ކުރެއްވިއެވެ. އަދި އދ. ގެ ހުރިހާ މެންބަރު ޤައުމުތަކަށް ފަލަސްޠީނު ސަރުކާރުން ގޮވާލީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން އެ ޤައުމުތަކުގެ ޒިންމާތަކާ އެއްގޮތަށް އަވަސް ފިޔަވަޅުތަކެއް އަޅައި، މި ބަނޑުހައިހޫނުކަމުގެ ކާރިސާއިން ފަލަސްޠީނު ރައްޔިތުން ސަލާމަތް ކޮށްދިނުމަށެވެ.

ޣައްޒާގެ ހާލަތު މިހިސާބަށް ދިޔައިރު އަރަބި ގައުމުތަކުން އިޒްރޭލަށްވެސް އަދި އެމެރިކާއަށް މި ޖަރީމާ ހުއްޓުވުމަށް ބާރުއަޅައި ފިއްތުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ބޮޑުވަޒީރު ގޮވާލެއްވީ ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން މަނާކުރާ އދ. ގެ ޤަރާރުތައް ގައުމުތަކުން ތަންފީޒުކޮށް މަސްއޫލިއްޔަތު އަދާކޮށްދޭށެވެ. އަދި މުޅި އދ. ގެ ނިޒާމަށް އިލްތިމާސްކުރެއްވީ އެ ނިޒާމުގެ އެންމެހައި މެކޭނިޒަމްތައް ވަގުތުން ޢަމަލީ ސިފަ ގެނެސް، ޣައްޒާއަކީ ބަނޑަށް ޖެހިފައިވާ ސަރަޙައްދެއްގެ ގޮތުގައި ބަލަގަތުމަށެވެ.

އަދި އިތުރަށް ވިދާޅުވީ ފަލަސްޠީނު ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެއީ ޒަޔަނިސްޓުންގެ ޢުދުވާނާއި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ކުރިއަށްދާ ބަނޑަށް ޖެއްސުމާ ކުރިމަތިލުމަށާއި، ފުރާނަތައް ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށާއި ޣައްޒާ އަލުން ބިނާ ކުރުމަށް މަސައްކަތް ކުރާށެވެ.

ހިއްސާ ކުރައްވާ!