އީރާނުގެ 36 ވަނަ ބައިނަލްއަގްވާމީ ފޮތް މައުރަޒު މިއަދު ތެހެރާންގައި ހުޅުވައިފިއެވެ. މި ފޮތް މައުރަޒުގައި، އީރާނުގެ 2،600 އަށް ވުރެ ގިނަ ޕަބްލިޝަރުން ބައިވެރިވެ އެވެ. މީގެއިތުރުން އެހެން 50 ގައުމަކުން އެތައް ސަތޭކަ ޕަބްލިޝަރުން ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ އިނގިރޭސި، ފަރަންސޭސި އަދި އަރަބިއަދި ސްޕެނިޝް ބަހުގެ ފޮތްތައް ބައިވެރިކޮށްފައެވެ.
ބޭރުގެ ޕަބްލިޝަރުން ބައިވެރިވެފައިވާ ގައުމުތަކަކީ، އާޖެންޓީނާ، އޮސްޓްރޭލިއާ، އަޒަރުބައިޖާން، އަލްޖީރިއާ، ބްރެޒިލް، ޗައިނާ، މިސްރު، ހަންގޭރީ، އިންޑިއާ، އިރާގު، އިޓަލީ، މެލޭޝިއާ، ރަޝިޔާ، ސްޕެއިން، ސީރިއާ، އަދި ތުރުކީ އިން ނެވެ.
އެންމެ ގިނަ ޕަބްލިޝަރުން އެއް ގައުމަކުން ބައިވެރިވީ އިރާގުންނެވެ. އިރާގުން ވަނީ 15 ޕަބްލިޝަރުންނާއެކު ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެއް ޕަބްލިޝަރަކީ އިރާގުގެ ކައުންސިލް އޮފް މިނިސްޓަރސް އާއި ގުޅިފައިވާ ޕަބްލިޝަރެއް ކަމަށާއި އަނެއް 14 ޕަބްލިޝަރަކީ އިރާގުގެ ޕަބްލިޝަރސް އެސޯސިއޭޝަންގެ މެންބަރުން ކަމަށެވެ.
މިމަހުގެ 17އާ ހަމައަށް އޮންނަ ފޮތް މައުރަޒު ބާއްވާފައި ވަނީ އިމާން ޚޮމައިނީ މުސައްލާ ގައެވެ.
މި މައުރަޒު އިފްތިތާހު ކޮށްދެއްވަމުން އީރާނުގެ ސަގާފަތާ ބެހޭ ވަޒީރު ވިދާޅުވީ ފޮތްތެރިކަމަކީ އިސްލާމީ ހަޟާރާއިން ގެނަސްދިން ސަގާފަތެއް ކަމަށެވެ. އަދި މީހުން ހޭތިކުރުމުގެ މަސައްކަތް އިސްލާމީ ހަޟާރާއިން ކުރިއަށް ގެންދިޔައީ ކުތުބުޚާނާތަކާއި މިސްކިތްތަކުންނެވެ.
އޭނާ އިތުރަށް ވިދާޅުވީ ފޮތް ލިޔުމާއި ފިކުރީ އުފެއްދުމަކީ ޙަޟާރާއެއް އާރާސްވެ ދެމިއޮތުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި އީރާނުގެ އިހުގެ މީހުން ޝާހްނާމާ ފޮތެއްގެ ސިފައިގައި ލިޔެފައި ނު އުފެއްދިނަމަ، މިއަދު ފާރިސީ ބަސް ވުޖޫދުގައި ނެތީސްކަމަށް ވިދާޅުވިއެވެ.
އީރާނަކީ މަހެއްގެ މައްޗަށް 8750 ފޮތް ލިޔެ ޝާއިއުކުރާ ޤައުމެކެވެ. އަދި ކޮންމެ އަހަރަކު އީރާނު މީހުންގެ 75644 ފޮތް ޝާއިއު ކުރެއެވެ. އަދި ބޭރު ބަސްބަހުން 30 ހާސް ފޮތް ތަރުޖަމާކޮށް ޝާއިއު ކުރެއެވެ.
އީރާނުގައި އަހަރެއްގެ މައްޗަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން 40 ހާސް ފޮތް ލިޔެ ޝާއިއު ކުރެއެވެ.





