އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ހިނގަމުންދިޔަ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެ ދެ ޤައުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ. މިކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިޢުލާނުކުރި ކުރުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.
އިންޑިޔާ އާއި ޕާކިސްތާން ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އެމެރިކާ މެދުވެރިވެ ދިގު ރެއެއްގެ މަޝްވަރާތަކަކަށްފަހު، އިންޑިޔާ އާއި ޕާކިސްތާން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން އިޢުލާނުކުރުމަށް އަހުރެން އުފާކުރަމެވެ،" މިފަދައިންނެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލު ވަނީ، އެ ދެ ޤައުމުގެ ވެރިންނަށް ސުލްޙައާއި ޑައިލޮގްގެ މަގު ޚިޔާރުކުރުމަށްޓަކައި، އަދި ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ފިޔަވަޅުތަކެއް އެޅުއްވި ކަމަށްޓަކައި ތަޢުރީފު ކުރައްވާފައިވެއެވެ.
މި ދެ ޤައުމުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމްގެ ބޭތާބް ވާދީގައި ފަތުރުވެރިންތަކަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާއާ ޕާކިސްތާނާ ގުޅުވައިގެން ޕާކިސްތާނާއި އިންޑިޔާގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެ، ދެ ގައުމުން ވަނީ ހަމަލަ ބަދަލު ކުރަން ފަށާފައެވެ. އިންޑިޔާ އިން ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމަށް ޕާކިސްތާނުން ވަރުގަދަ ހަމަލާތަކެއް ކަޝްމީރު ސަރަހައްދަށް ދިނެވެ. މި ދެ ޤައުމުގެ މެދުގައި ހިނގަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކީ ސަރަޙައްދީ ސުލްޙަ އަދި ހަމަޖެހުމަަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.



